10 އަހަރު ނުވާ ކުދިން މަގުމަތީގައި ބައިސްކަލް ދުއްވުން މަނާކުރަން ހުށަހަޅައިފި

އުމުރުން 10 އަހަރު ނުފުރޭ ކުދިން މަގުމަތީގައި ބައިސްކަލް ދުއްވުން މަނާކުރަން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފި އެވެ. "މީލާދީ ގޮތުން 10 އަހަރު ނުފުރޭ ކުޑަކުދިން އަމިއްލަ އަށް ބަންޑާރަ މަގުތަކުގައި ބައިސްކަލް ދުއްވުމަކީ މަނާކަމެކެވެ،" އެއްގަމު ދަތުރުފަތުރުގެ ގާނޫނުގެ 55 ވަނަ މާއްދާ އަށް، ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް، ހުޅުހެންވޭރު ދާއިރާގެ މެމްބަރު މޫސާ މަނިކު ހުށަހެޅުއްވި އިސްލާހުގައިވެ އެވެ. މޫސަ ވިދާޅުވި ގޮތުގައި، މި ގޮތަށް ހަމަޖައްސަން ހުށަހެޅުއްވީ މާލޭގެ މަގުތަކުގެ ހާލަތު ހުރި ގޮތުން ކުޑަކުދިން ބައިސްކަލް ދުއްވުމަކީ އެ ކުދިންނަށް ވެސް ރައްކާތެރި ގޮތަކަށް ނުވެދާނެ ކަމަށް އޭނާ އަށް ގަބޫލު ކުރެއްވޭތީ އެވެ. މިހާރު އަމަލުކުރާ އެއްގަމު ދަތުރުފަތުރުގެ ގާނޫނު 2009 ގައި ފާސްކުރުމުގެ ކުރިން، އަމަލުކުރަމުން ދިޔަ ގާނޫނުގައި ވެސް އުމުރުން 10 އަހަރުން ދަށުގެ ކުދިން ބައިސްކަލް ދުއްވުމަކީ މަނާ ކަމެކެވެ. ނަމަވެސް މިހާރުގެ ގާނޫނުގައި އެއީ މަނާކަމެއް ނޫނެވެ. ބޮޑު މީހަކާއެކު ބައިސްކަލްގައި ގެންދެވޭ ކުޑަކުދިންގެ އުމުރު ހަ އަހަރަށް ދަށް ކުރުން ވެސް މޫސަގެ ބިލްގައި ހުށަހަޅާފައިވެ އެވެ. މިހާރު ގާނޫނުގައި ބުނެފައިވަނީ ބައިސްކަލްގެ ފަހަތަށް އެރުވޭނީ އުމުރުން 10 އަހަރުން ދަށުގެ ކުދިންކަމަށެވެ. ބައިސްކަލަށް އެރުވުން ހުއްދަ އޮންނަ އުމުރަށް ވުރެ ބޮޑު މީހަކު އަރުވައިގެން ދުއްވައިފި ނަމަ، 500ރ.ގެ ޖޫރިމަނާ ކުރަން ޖެހޭނެ ކަމަށް ބިލްގައި ވަނީ ކަނޑައަޅައިފަ އެވެ. ނަމަވެސް، ދެ މީހުން އަރުވައިގެން ދުއްވަން ހާއްސަކޮށްފައި ހުންނަ ބައިސްކަލްގައި ދެ މީހުން ދުއްވުން މަނައެއް ނޫނެވެ. މި ބަދަލުގެ އިތުރުން ޓްރެފިކްގެ ބައެއް ޖޫރިމަނާތައް ބޮޑުކުރަން ވެސް ބިލްގައިވެ އެވެ. މި ބަދަލުތައް ގާނޫނަށް އަންނާނީ، ބިލް މަޖިލީހުން ފާސްކޮށް ތަސްދީގުކުރުމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ