ރިޒް ކުންފުންޏަށް ވަނީ އިތުރަށް ވެސް ފައިސާ ދީފައި: ސީލް މޯލްޑިވްސް

ބ.އަތޮޮޅުގައި ރިސޯޓެއްގެ ގޮތުގައި ތަރައްގީކުރަމުން އަންނަ ބޮޑުފިނޮޅުގައި ތިބި ރިޒް ކުންފުނީގެ ބިދޭސީ މުވައްޒަފުން ހަމަނުޖެހުން ހިންގީ ރަށުގެ ޑިވެލޮޕަރު ފައިސާ ނުދޭތީ ކަމަށް ބުނެ ރިޒް ކުންފުނީގެ ގާނޫނީ ވަކީލުން ނެރުނު ބަޔާނަށް ޑިވެލޮޕަރު ސީލް މޯލްޑިވްސްގެ ވަކީލުން ރައްދު ދީފި އެވެ.
ސީލް މޯލްޑިވްސް ތަމްސީލްކުރާ އެޑްވޮކަސީ ޗެމްބާސް އިން ނެރުނު ބަޔާނުގައި ބުނީ ރިޒް ކުންފުނި ތަމްސީލްކުރާ ލޯކްރާފްޓުން ނެރުނު ބަޔާނުގައި، މުވައްޒަފުންނަށް މުސާރަ ނުދެވި އޮތީ ސީލް މޯލްޑިވްސް އިން ފައިސާ ނުދޭތީ ކަމަށް ބުންޏަސް އެ ބަޔާނުގައި ބުނާ ދެ އެއްބަސްވުމުގައި ބުނާ އަދަދަށް ވުރެ އިތުރަށް ވެސް މިހާތަނަށް ފައިސާ ދެވިފައިވާ ކަމަށެވެ.
ރައްޔިތުންގެ މަޖިލީހުގެ މިލަންދޫ ދާއިރާގެ މެމްބަރު އަލީ ރިޒާގެ ރިޒް ކުންފުނީގެ ވަކީލުން ދެ އެއްބަސްވުމަކަށް ހަވާލާދީ އެއާ އެއްގޮތަށް ފައިސާ ނުލިބޭ ކަމަށް ބުނެފައިވާއިރު ސީލް މޯލްޑިވްސްގެ ވަކީލުން ބުނީ ހަވާލާދީފައިވާ އެއްބަސްވުންތަކުން ރިޒް ޕްރައިވެޓް ލިމިޓެޑާ ހަވާލުކޮށްްފައި އޮތީ ބޮޑުފިނޮޅުގެ މައްސަކަތުގެ ކުޑަ މިންވަރެއް ކަމަށާއި އެ މަސައްކަތްތައް ފުރިހަމަވުމުން ދައްކަން ޖެހެނީ 12 މިލިޔަން ރުފިޔާ ކަމަށެވެ. އެކަމަކު މިހާތަނަށް ރިޒް ކުންފުންޏަށް 21 މިލިޔަން ރުފިޔާ ދީފައިވާ ކަމަށް ބުންޏެވެ.
އެހެންވެ ބޮޑުފިޅޮނުގައި ތިބި މުވައްޒަފުންނަށް މުސާރަ ނުދެވެންވީ ސަބަބެއް ނެތް ކަމަށާއި އެ މުވައްޒަފުންނާ މެދު އިހުމާލުވީ ރިޒް ކުންފުނިން ކަމަށް ވެސް ސީލްގެ ވަކީލުން ބުންޏެވެ. ރަށުގައި ހިންގި ހަމަނުޖެހުންތައް ފުލުހުން ތަހުގީގުކުރަމުން އަންނަ އިރު، ރިޒްގެ ބިދޭސީ މުވައްޒަފުންގެ ތެރޭގައި ސައްހަ ލިޔެކިއުން ނެތް މީހުންނާއި އިންޝޫރެންސް ނެތް މީހުންނާއި ވިސާ ނެތް މީހުން ތިބުމުން ތަހުގީގަށް ދަތިވެފައިވާކަން ފުލުހުންގެ ފަރާތުން ފާހަގަކޮށްފައިވާ ކަމަށް ވެސް ވަކީލުން ބުންޏެވެ.
ރިޒްގެ މުވައްޒަފުންނަށް މުސާރަ ދިނުމަކީ ސީލް އިން ކުރަންޖެހޭ ކަމެއްގެ ގޮތުގައި ރިޒް ކުންފުނީގެ ވަކީލުން ފާހަގަކޮށް ބަޔާން ނެރުނު ކަމުގައި ވިޔަސް ސީލްގެ ވަކީލުން ބުނީ ހަވާލާދީފައިވާ އެއްބަސްވުމުގައި" ކޮންޓްރެކްޓުގެ މުވައްޒަފުންގެ މަހު މުސާރައިގެ އިތުރުން މުވައްޒަފުން އިންޝުއަކޮށް މުވައްޒަފުންގެ ބޭސް ފަރުވާ އާއި ވިސާ ނެގުން ފަދަ އެންމެހާ ކަންކަމެއް ބަލަހައްޓައި އެކަމުގެ ޚަރަދުކުރާނީ ކޮންޓްރެކްޓަރު" ކަމަށް ބަޔާންކޮށްފައި އޮންނަ ކަމަށެވެ.
(ތަފްސީލް އަންނަނީ)
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ