ޓީޓީގެ އިންތިހާބު ހުއްޓުވުމުގެ އަމުރެއް ކޯޓުން ނުދިން!

ޓޭބަލް ޓެނިސް އެސޯސިއޭޝަނުގެ އިންތިހާބު ގުޅިގެން ސިވިލް ކޯޓަށް ހުށަހެޅި މައްސަލައިގައި، އިންތިހާބު ހުއްޓުވުމުގެ އަމުރެއް ނެރެދެވެން ނެތް ކަމަށް އެކޯޓުން ނިންމައިފިއެވެ.
ކުޅިވަރާއިބެހޭ ގައުމީ މަޖިލީހާއި ސްޕޯޓްސް ކޮމިޝަނަރު މެދުވެރިވެގެންވެސް ޓީޓީގެ އިންތިހާބު އިންސާފުވެރިކަމާއެކު ހިނގާނެ ކަމަށް ގަބޫލުނުކުރެވޭ ކަމަށް ބުނެ އިންތިހާބު ފަސްކުރަން ސިވިލް ކޯޓަށް މައްސަލަ ހުށަހެޅީ އެ އެސޯސިއޭޝަނުގެ ހިންގާ ކޮމެޓީގައި މިހާރުވެސް ހިމެނިވަޑައިގަންނަވާ ކުރީގެ މަޝްހޫރު ކުޅުންތެރިޔާ އަލީ އާދަމް މަނިކު(ތާޅަފިލި އަލިބެ)އެވެ.
މާދަމާ ބާއްވަން ތާވަލުކޮށްފައި އޮތް އިންތިހާބު ހުއްޓުވައިދިނުމުގެ ވަގުތީ އަމުރެއް ނެރެދިމަށްވެސް އޭނާ ހުށަހެޅުއްވި މައްސަލައިގައި އެދިފައިވެއެވެ. 
އެގޮތަށް އަމުރު ނެރެ ނުދޭން ސިވިލް ކޯޓުން ނިންމިކަން ހާމަކުރައްވަމުން ކުޅިވަރުގެ ވަޒީރު އަހުމަދު މަހްލޫފް ވިދާޅުވީ ކުޅިވަރުގެ މުސްތަގުބަލު އުޖާލާ ކަމަށާއި ކޯޓުން އަމުރު ނެރެނުދިނުމުން ޓީޓީގެ ދުނިޔޭގެ ޖަމިއްޔާގެ އަސާސީ ގަވާއިދާއި އޮލިކްޕިކް ޗާޓަރާއި އަދި އައިއޭއެސްއޯއެފްގެ ސްޓެޓޫސްތައް ނެގެހެއްޓިފައިވާ ކަމަށެވެ.
ޓީޓީގެ އިންތިހާބުގެ މައްސަލަ ކޯޓަށް ހުށަހެޅުމުން ދިވެހިރާއްޖެ ސަސްޕެންޑް ކުރަން ޖެހިދާނެ ކަމުގެ އިންޒާރެއް އިންޓަނޭޝަނަލް ޓޭބަލް ޓެނިސް ފެޑެރޭޝަން (އައިޓީޓީއެފް) އިން ވަނީ ދީފައެވެ.
އައިޓީޓީއެފް މެމްބަރ ރިލޭޝަންސް ޑައިރެކްޓަރ ސޮއިކުރައްވައި ޓީޓީ އެސޯސިއޭޝަނަށް ފޮނުއްވި ސިޓީއެއްގައި އިންޓަނޭޝަނަލް އޮލިމްޕިކް ކޮމިޓީއާ އެސޯސިއޭޝަން ފޯރ ސަމަރ އޮލިމްޕިކް އިންޓަނޭޝަނަލް ފެޑެރޭޝަންގެ ރެކޮމެންޑަޝަނާ އެއްގޮތަށް އެއްވެސް ފަރާތެއްގެ ނުފޫޒެއް ނެތި ގައުމީ އެސޯސިއޭޝަންތައް އެސޯސިއޭޝަނެއްގެ ގަވާއިދުތަކާއި ކަނޑައަޅާފައިވާ ހަމަަތަކާ އެއްގޮތަށް ހިނގުމަކީ އައިޓީޓީއެފްއިން ވަރަށް ހަރުކަށިކޮށް ބަލަމުންދާ ކަންކަން ކަމަށެވެ. 
ޓީޓީ އެސޯސިއޭޝަންގެ އިންތިހާބު ފަސްކުރުމަށް އެދިފައިވާއިރު އައިޓީޓީއެފްއިން ވަނީ ތިން އިންތިހާބު ފަސްކުރަން މަސައްކަތްކުރަމުންދާ ތިން މެމްބަރުންނަށް ޓީޓީ އެސޯސިއޭޝަންގެ ގަވާއިދުތަކާއި ސްޓެޓިއުޓްސްތައް ބަދަލުކުރުމުގެ ހައްގު އޮތް ކަމަށް ނުދެކޭ ކަމަށް ބުނެފައެވެ. ޓީޓީ އެސޯސިއޭޝަންގެ ގަވާއިދުތައް ބަދަލުކުރުމަށް 50 އިންސައްތަ މެމްބަރުންގެ ތާއީދު ބޭނުންވާއިރު އެގޮތަށް އެ މެމްބަރުން އަމަލުކޮށްފައިނުވާކަން ފާހަގަކުރެވިފައިވާ ކަމަށް އެ ސިޓީގައި ވެއެވެ.
ރާއްޖޭގެ ކުޅިވަރުތަކާއި ގުޅިގެން އުފެދޭ ހިލާފްތައް ނައްތާލުމުގައި އެންމެ އިސް ދައުރެއް އަދާކުރަނީ ސްޕޯޓްސް ކައުންސިލާއި ކޮމިޝަނަރ އޮފް ސްޕޯޓްސްކަން ގަބޫލުކުރާ ކަމަށް އައިޓީޓީއެފްއިން ވަނީ ބުނެފައެވެ. އެހެންކަމުން މިއާ ހިލާފަށް ކަންތައްތަކެއް ހިނގައިފިނަމަ ރާއްޖޭގެ ޓޭބަލް ޓެނިސް ފެޑެރޭޝަން ވެސް ސަސްޕެންޑް ކުރަން ޖެހިދާނެ ކަމުގެ އިންޒާރު އައިޓީޓީއެފްއިން ވަނީ ދީފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ