މި ފިތުރު އީދާ ގުޅުވައިގެން ހުޅުމާލޭގައި އަމިއްލަ ބަޔަކު ބާއްވަން އުޅުނު ހޮޓް އެއާ ބެލޫން އެރުވުމުގެ ހަރަކާތް، މޫސުން ގޯސްވުމުގެ ސަބަބުން ބޭއްވޭ ގޮތް ނުވެ އާންމުންގެ ޝަކުވާ ބޮޑުވެއްޖެ އެވެ.
ޔުނިކްސް ސްޕޯޓިން އިން އިންތިޒާމުކޮށްގެން، ހޮޓް އެއާ ބެލޫން އެރުވުމުގެ ހަރަކާތް ބާއްވަން ފުރަތަމަ ހަމަޖެއްސީ އިއްޔެ އެވެ. ނަމަވެސް، ރާއްޖޭގައި ފުރަތަމަ ފަހަރަށް މީހުންނާ އެކު ހޮޓް އެއާ ބެލުން އެރުވުން މިއަދަށް ފަސްކުރަން ޖެހުނީ މޫސުން ގޯސްވެ، ބެލޫން އަރުވަން ދަތިތަކެއް ދިމާވުމުންނެވެ. އެކަމަކު ހުޅުމާލޭގެ ސެންޓްރަލް ޕާކްގައި ބާއްވަން އުޅުނު މި ހަރަކާތް މިރޭ ވެސް ނުބޭއްވުނެވެ.
ޔުނިކްސް ސްޕޯޓިންގެ އޮފިޝަލަކު މިރޭ ވިދާޅުވި ގޮތުގައި ބެލޫންތައް އެރުވޭ ގޮތް ނުވީ ހުޅުމާލެ އަށް ވަރަށް ގަދައަށް ވައި ޖެހުމުގެ ސަބަބުންނެވެ. އެކަމަކު އޭނާ ވިދާޅުވީ މޫސުން ރަނގަޅު ނަމަ، މާދަމާ ވެސް ބެލޫންތައް މައްޗަށް އަރުވާނެ ކަމަށެވެ.
ޔުނިކްސް ސްޕޯޓިން އިން ހޮޓް އެއާ ބެލޫންގެ ހަރަކާތަށް ތިން ބެލޫން އެއް ބޭނުން ކުރެ އެވެ. މި ބެލޫންތައް މައްޗަށް އެރުވުމުގައި ބޭރުގެ ބައެއް ތަޖުރިބާކާރުންގެ އެހީ ވެސް ހޯދަ އެވެ.
"އަޅުގަނޑުމެން ވަރަށް ގިނައިރު ބެލިން މިކަން ވޭތޯ. ބެލޫން މައްޗަށް އަރުވަން ވެގެން މަސައްކަތް ވެސް ކުރިން. އެކަމަކު ކާމިޔާބު ނުވީ،" އޮފިޝަލް ވިދާޅުވި އެވެ.
ޔުނިކްސް ސްޕޯޓިން އިން ވަނީ އޮފިޝަލުންނާ އެކު އެއް ހޮޓް އެއާ ބެލޫން އިއްޔެ ވަޔަށް އަރުވައިފަ އެވެ. އަދި މިއަދު އިރުއޮއްސުނު ފަހުން ވެސް އެއް ބެލޫން މައްޗަށް އަރުވަން ވަރަށް ބޮޑަށް މަސައްކަތް ކުރި އެވެ. އެކަމަކު ވައިގެ ތެރޭގައި އެ ބެލޫން ވެސް ހިފެހެއްޓޭ ގޮތެއް ނުވި އެވެ.
އޮފިޝަލް ވިދާޅުވި ގޮތުގައި މި ހަރަކާތުގައި ބައިވެރިވުމަށް ޓިކެޓް ނެގި މީހުންނަށް ރިފަންޑު ދިނުމަށް މިހާރު ވަނީ ނިންމައިފަ އެވެ.
"ޓިކެޓު ގަނެފައި ތިބި މީހުންގެ ތެރެއިން ބެލޫން އަށް އަރަން ބޭނުން ނުވާ މީހުންނަށް ފައިސާ އަނބުރާ ދޭ ގޮތަށް ވަނީ ނިންމާފައި. ޓިކެޓު ހިފައިގެން އައުމުން އެކަން ހަމަޖެހޭނެ،" އޮފިޝަލް ވިދާޅުވި އެވެ.
ހޮޓް އެއާ ބެލޫން އަށް އަރަން ޓިކެޓު ނެގި ބައެއް މީހުން ވަނީ، އެ މީހުންނަށް އެ ފުރުސަތު ނުލިބި ލަސްވާތީ ޔުނިކްސް ސްޕޯޓިންގެ އޮފިޝަލުންނަށް ވެސް ގޮސް ޝަކުވާކޮށްފަ އެވެ. އަދި ޓިކެޓު ގަންނަން ދިން ފައިސާ އަނބުރާ ދިނުމަށް ވެސް ބައެއް މީހުން އެދުނެވެ.
"ކޮންމެ ދުވަހަކު ދަތުރުކޮށްފައި ހުޅުމާލެ އަންނަން ފަސޭހައެއް ނޫން. އިންތިޒާމުތައް ވެސް ވަރަށް ދޯދިޔާކޮށް އޮތީ. މިއަށް ވުރެ ރަނގަޅު ކުރަން ޖެހޭ،" ބެލޫން އަށް އަރަން ޓިކެޓް ގަތް މީހަކު ބުންޏެވެ.
ބެލޫން އަކަށް އަރަން ޓިކެޓެއް ވިއްކީ މީހަކަށް 700ރ. އަށެވެ. އުމުރުން 2-12 އަހަރާ ދެމެދުގެ ކުދިންނަށް ޓިކެޓު ވިއްކީ ކުއްޖަކަށް 300ރ. އަށެވެ.
މޫސުން ގޯސްވުމުން ހޮޓް އެއާ ބެލޫން އެރުވޭ ގޮތެއް ނުވި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ