ފާރިސް ހައްޔަރުކުރީ ހެއްކެއް ނެތި، ގާނޫނީ އިމުގެ ބޭރުން: މައުމޫން

ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ފާރިސް މައުމޫން ހައްޔަރުކުރީ އެއްވެސް ހެއްކެއް ގަރީނާއެއް ނެތި ގާނޫނީ އިމުގެ ބޭރުން ކަމަށް އޭނާގެ ބައްޕާފުޅު، ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ވިދާޅުވެއްޖެ އެވެ.
މައުމޫންގެ އޮފީހުން މިއަދު ނެރުނު ބަޔާނެއްގައި އެމަނިކުފާނު ވިދާޅުވެފައިވަނީ ކޯޓު އަމުރެއްގެ ދަށުން ފާރިސް ހައްޔަރުކޮށްފައި ވަނީ އޭނާ ދިރިއުޅުއްވާ އެޕާޓްމަންޓު ބަލައި ފާސް ކުރި އިރު އެއްވެސް ހެއްކެއް ގަރީނާއެއް ފެނިފައި ނުވުމުން އިތުރު ކޯޓު އަމުރެއްގެ ދަށުން ކަމަށެވެ.
ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހްގެ އިތުބާރު ނެތް ކަމުގެ މައްސަލަ މަޖިލީހަށް ހުށަހެޅުއްވުމުގައި އެންމެ އިސް ދައުރެއް އަދާ ކުރެއްވި ފާރިސް ހައްޔަރު ކުރީ ސިޔާސީ މަންފާއެއް ހާސިލް ކުރުމަށް ކަމަށް ވެސް އެ ބަޔާނުގައިވެ އެވެ.
"ފާރިސް މައުމޫން ހައްޔަރުކޮށްފައިވާތީ އެކަން އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކޮށް އޭނާ މިހާރުން މިހާރަށް ދޫކޮށްލުމަށް ގޮވާލަމެވެ،" މައުމޫންގެ އޮފީހުން ނެރުނު ބަޔާނުގައިވެ އެވެ.
މެމްބަރުންނަށް ނުފޫޒު ފޯރުވައި ބިރު ދައްކަމުން ގެންދާތީ އެކަން ވަގުތުން ހުއްޓާލުމަށާއި ސިޔާސީ ޕާޓީތަކުގެ ގާނޫނާއި ހެދިފައިވާ ގަވާއިދުގެ ތަރަހައިގެ ތެރޭގައި މަސައްކަތް ކުރުމަށް ވެސް މައުމޫންގެ އޮފީހުން ނެރުނު ބަޔާނުގައި ގޮވާލާފައިވެ އެވެ.
ފާރިސް މިއަދު ހައްޔަރުކުރީ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހްގެ އިތުބާރު ނެތް ކަމަށް ހުށަހަޅާފައިވާ މައްސަލައިގައި މަޖިލީހުގެ މެމްބަރުންނަށް ރިޝްވަތު ދިން ކަމަށް ބުނެ އޭނާގެ މައްޗަށް ކުރާ ތުހުމަތުތަކާ ގުޅިގެންނެވެ. އޭނާ ހައްޔަރުކޮށްގެން ގެންދިޔައީ ދޫނިދު އަށެވެ.
އެ މައްސަލާއިގައި ފާރިސް ހައްޔަރު ކުރިއިރު، ޕީޕީއެމްގެ ދިދަ އާއި ލޯގޯ ގަވާއިދާ ޚިލާފަށް ބޭނުން ކުރި ކަމަށް ބުނެ ފާރިސްގެ މައްޗަށް ވަނީ ޖިނާއީ ދައުވާ އުފުލައިފަ އެވެ. އެ މައްސަލައިގެ ޝަރީއަތް މިހާރު ވަނީ ފަށައިފަ އެވެ.
ފާރިސް ހައްޔަރުކޮށް ދޫނިދޫ އަށް ގެންދިއުން.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ