ޢީދު ދުވަހު ފާރިސް އާއިލާއާ ދުރުގައި ހުންނަން ޖެހޭތީ ހިތާމަ ކުރަން: ރައީސް މައުމޫން

ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެންބަރު އަޙްމަދު ފާރިސް މައުމޫން ޢީދު ދުވަހު އާއިލާއާ ދުރުގައި ހުންނަން ޖެހޭތީ ހިތާމަ ކުރާ ކަމަށް ކުރީގެ ރައީސް އަދި ފާރިސްގެ ބައްޕާފުޅު މައުމޫން އަބްދުލް ގައްޔޫމް ވިދާޅުވެއްޖެއެވެ.
މިއަދުގެ ވަގުތެއްގައި އަނބިކަނބަލުން ނަސްރީނާ އިބްރާހީމާއި އެކު މާފުށީ ޖަލަށް ވަޑައިގަތުމަށް ފަހު ރައީސް މައުމޫން ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ފާރިސް ހުންނެވީ ހެޔޮ ހާލުގައި ކަމަށެވެ. ނަމަވެސް ޖަލުގައި އާއިލާއާ ދުރުގައި ޢީދު ދުވަސް ފާހަގަ ކުރަން ޖެހޭތީ ހިތާމަ ކުރާ ކަމަށް ވެސް ރައީސް މައުމޫން ވަނި ވިދާޅުވެފައެވެ.
މީގެ އިތުރުން ރައީސް މައުމޫން ވަނީ މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ އޮފިސަރުންގެ އެހީތެރިކަން ފާހަގަ ކުރައްވާފައެވެ.
ފާރިސް ހައްޔަރު ކުރެވިފައި ވަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހުގެ އިތުބާޜު ނެތް ކަމުގެ މައްސަލައިގައި ސޮއި ކުރުމަށް ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް ރިޝްވަތު ހުށަހެޅި ކަމުގެ ތުހުމަތުގައެވެ. ފާރިސް މިތުހުމަތުތަކަށް ވަނީ އިންކާރު ކުރައްވާފައެވެ. ނަމަވެސް ކޯޓުން ވަނީ މިމައްސަލައިގެ ޝަރީއަތް ނިމެންދެން ފާރިސް ހައްޔަރުގައި ބެހެއްޓުމަށް އަމުރުކޮށްފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ