ވެރިކަމުގައި ހުންނަވާ ބޭފުޅަކާމެދު ހިތްހަމަނުޖެހޭނަމަ ވަކި ކުރާނެގޮތް ގާނޫނު އަސާސީގައިވޭ: ރައީސް މައުމޫން

ވެރިކަމުގައި ހުންނަވާ ބޭފުޅަކާއިމެދު ހިތްހަމަ ނުޖެހޭނަމަ، އެ ބޭފުޅަކު ވެރިކަމުން ވަކި ކުރާނެ ގޮތް ގާނޫނު އަސާސީގައި ބަޔާންކޮށްފައިވާކަމަށާއި އެހެން މަގުތައް ހިޔާރުކޮށް ވެރިކަމުގައި ހުންނަވާ ބޭފުޅަކަށް ގެއްލުންތަކެއްދީ، ފުރާނަފުޅަށް ގެއްލުންވާފަދަ ކަންކަން ކުރުން ދީނާއި ގާނޫނު އަސާސީ ހުއްދަ ނުކުރާ ކަމަށާއި އަދި އެ ފަދަ ކަމެއް ހިންގައިގެން ގައުމު ފަސާދަވުމަށް އެއްވެސް ފުރުސަތު ދީގެންވެސް ނުވާނެ ކަމަށް ޕީޕީއެމްގެ ރައީސް އަދި ރާއްޖޭގެ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ވިދާޅުވެއްޖެ އެވެ.
ރައީސް މައުމޫން މިހެން ވިދާޅުވީ ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި ޕީޕީއެމްގެ މެމްބަރުންނަށާއި ރާއްޖޭގެ ރައްޔިތުންނަށް ޖުމްހޫރީ ދުވަހުގެ ތަހުނިޔާ ދަންނަވައި ނެރުއްވާފައިވާ ބަޔާނެއްގަ އެވެ.
އެ ބަޔާނުގައި ރައީސް މައުމޫން ވިދާޅުވެފައިވަނީ އެބައެއްގެ މައްޗަށް ވެރިކަން ކުރާނޭ ފަރާތެއް އިހްތިޔާރު ކުރާނީ އެބަޔަކު އަމިއްލައަށް ކަމަށާއި އެއީ އެ ގައުމާއި ރައްޔިތުންނަށް އިހުލާސްތެރިކަމާއެކު ހިދުމަތް ކުރައްވައި، އިތުރަށް ތަރައްގީ ހޯއްދަވައިދެއްވޭ ވަރުގެ ވެރިއެއް ކަމުގައި އެ ރައްޔިތުންނަށް ގަބޫލު ކުރެވޭ ޒައީމެއް ކަމަށެވެ. “އިންތިހާބު ކުރެވޭ ޒައީމަކާމެދު މަދު ބަޔަކު ތިބިނަމަވެސް، ގިނަ ބަޔަކަށް ފެންނަ ގޮތަކަށް ނިންމާ ނިންމުމަށް އިހުތިރާމް ކުރުމަކީ ޑިމޮކްރަސީގެ އަސާސު، އަދި އެބޭފުޅަކަށް ވެރިކަމުގައި ހުންނަވައިގެން، ގާނޫނީ އިމުގެ ތެރެއިން ރައްޔިތުންނަށް ހިދުމަތް ކުރެއްވުމުގެ ފުރުސަތު ރައްޔިތުންގެ ފަރާތުން ލިބިދޭންޖެހޭނެ” ރައީސް މައުމޫންގެ ބަޔާނުގައި ވެ އެވެ.
އެ ބަޔާނުގައި ރައީސް މައުމޫން ވިދާޅުވެފައިވަނީ ރައީސްގެ މަގާމުގައި ހުންނަވާ ބޭފުޅެއްގެ ފުރާނަފުޅަށް ނުރައްކާވާފަދަ ހަމަލާތަކެއް ދީގެން ނަމަވެސް، ޖުމްހޫރިއްޔާގެ ވެރިކަން ފޭރިގަންނަން އެތައް ބަޔަކު މަސައްކަތް ކޮށްފައިވާކަން މި ޖުމްހޫރިއްޔާގައިވެސް މިވަނީ ތަޖުރިބާ ކުރެވިފައި ކަމަށެވެ.
މިގޮތުން 1988 ވަނަ އަހަރު ނޮވެމްބަރު ތިން ވަނަ ދުވަހުގެ އުދުވާނީ ހަމަލާއާއި މި އަހަރުގެ ސެޕްޓެމްބަރުމަހުގެ 28 ވަނަ ދުވަހު ރިޔާސީ ލޯންޗުގައި ބަޔަކު ހިންގި ހާދިސާއާއި މި ހިނގާ ނޮވެމްބަރު މަހުގެ ދެވަނަ ދުވަހުގެ ހާދިސާއަކީ މިފަހުގެ ޖީލުތައް ތަޖުރިބާ ކޮށްފައިވާ ކަންކަން ކަމުގައި ރައީސް މައުމޫން ވިދާޅުވެފައި ވެ އެވެ.
“ރައީސްގެ އަނބިކަނބަލުންނަށް އެއްމަސް ދުވަހަށްވުރެ ގިނަ ދުވަހު ހޮސްޕިޓަލުން ފަރުވާ ލިބިވަޑައިގަތުމަށްފަހު، ގެއަށް ބަދަލުވެވަޑައިގެންފައިވާތީ، އެކަމާ އުފާކޮށް މާތް ﷲއަށް ހަމްދު ކުރަން، އަދި އެކަމަނާއަށް އަވަސް ޝިފާއެއް މިންވަރުކޮށްދެއްވުން އެދި ދުއާ ކުރަން، ރިޔާސީ ލޯންޗުގައި ބޮން ގޮއްވާލި ނުރައްކާތެރި ހާދިސާ ރާވައި ހިންގި އެންމެހައި ފަރާތްތައް ހޯދައި، ޝަރީއަތުގެ ކުރިމައްޗަށް ހާޒިރުކޯށް އެބައިމީހުންނަށް ދޭންޖެހޭ ހައްގު އަދަބު ދިނުން އަވަސް ކުރުމަށް ގޮވާލަން” ރައީސް މައުމޫންގެ ބަޔާނުގައި ވެ އެވެ.
ރައީސް މައުމޫންގެ ބަޔާން ނިންމަވާލައްވާފައިވަނީ ދުއާ އަކުންނެވެ. އެ ދުއާގައި އެމަނިކުފާނު ވިދާޅުވެފައިވަނީ ރާއްޖޭގެ ޖުމްހޫރިއްޔާއަށް 47 އަހަރު ފުރޭ މި އުފާވެރި މުނާސަބަތުގައި، ގަދަ ކީރިތިވަންތަ ﷲ ސުބުޙާނަހޫ ވަތަޢާލާ ދިވެހި ހުރިހާ ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ދަމަހައްޓަވައި، ދިވެހިރާއްޖެއަކީ ސުލްހަވެރި އަމާން މާހައުލެއް ގާއިމްވެފައިވާ ތަނެއްގެ ގޮތުގައި ލެހެއްޓެވުން އެދި އެކަލާނގެ ހަޟްރަތުގައި ދުޢާ ދަންނަވާ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ