ރާއްޖެ ޓީވީ ރޯކޮށްލެވުނީ ފުލުހުން ރާއްޖެ ޓީވީއަށް ސެކިއުރިޓީ ނުދިނުމުން - އަބްދުﷲ ރިޔާޒް

ރާއްޖެ ޓީވީ ހިންގާ އިމާރާތުގައި ރޯކޮށްލަން ފުރުސަތު ލިބި، ރާއްޖެ ޓީވީ ރޯކޮށްލާފައި ވަނީ ފުލުހުން އެތަނަށް ސެކިއުރިޓީ ނުދިނުމުން ކަމަށް އޭރުގެ ޕޮލިސް ކޮމިޝަނަރު އަދި މިހާރު ރައްޔިތުންގެ މަޖިލީހުގެ ކިނބިދޫ ދާއިރާގެ މެންބަރު އަބްދުﷲ ރިޔާޒް ވިދާޅުވެއްޖެއެވެ.
ރާއްޖެ ޓީވީގެ "ފަލަ ސުރުހީ" ޕްރޮގްރާމުގައި ރޭ ވާހަކަދައްކަވަމުން ރިޔާޒް ވިދާޅުވީ ރާއްޖެޓީވީ ރޯކޮށްލުމުގެ ކުރިން އެކަމުގެ މައުލޫމާތު ރާއްޖެޓީވީގެ ފަރާތުން ފުލުހުންގެ އިދާރާ އަށް ހުށަހެޅި ކަމަށާއި، އެ މައުލޫމާތު ފުލުހުންގެ އިދާރާ އަށް ލިބުމުން 24 ގަޑިއިރު ރާއްޖެޓީވީގެ ސެކިއުރިޓީ ބެލެހެއްޓުމަށް އޭރުގެ ޕޮލިސް ކޮމިޝަނަރުގެ ހައިސިއްޔަތުން ފުލުހުންނަށް އަންގާފައި ވާނެކަމަށެވެ.
އެހެންކަމުން މި ހާދިސާ ހިނގީ ފުލުހުންގެ އިހުމާލުން ކަމަށް ޤަބޫލު ކުރައްވާ ކަމަށާއި، އެހެން ނަމަވެސް ކޮމިޝަނަރުގެ ހައިސިއްޔަތުން އޭނާ ގެ ޒިންމާ އަދާކުރައްވާފައިވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
މީގެ އިތުރުން ރިޔާޒް ކޮމިޝަނަރުގެ މަޤާމުގައި ހުއްޓައި ހިނގައި ދިޔަ ޑރ. އަފްރާޝީމް އަލީ އަވަހާރަކޮށްލި ހާދިސާ އާއި ގުޅުންހުރި މައުލޫމާތުވެސް ވަގުތު ޖެހުމުން ހާމަ ކުރައްވާނެ ކަމަށް އޭނާ ވަނީ ވިދާޅުވިއެވެ.
ރިޔާޒް ވިދާޅުވީ މި ދެ ހާދިސާ އަކީވެސް ސިޔާސީ ބޭނުމެއްގައި ގިނަ ބަޔަކު ބައިވެރިވެގެން ހިންގާފައިވާ ކަންތައްތަކެއް ކަމަށެވެ. އަދި މިއިން އެއްވެސް މައްސަލައެއްގެ ތަހުޤީޤި ނިމިފައި ވާކަމަށް ޤަބޫލު ނުކުރައްވާ ކަމަށްވެސް ރިޔާޒް ވިދާޅުވިއެވެ.
ރާއްޖެ ޓީވީގައި ވާހަކަ ދައްކަވަމުން ރިޔާޒް އިތުރަށް ވިދާޅުވީ މިހާރުގެ ސަރުކާރު އައުމާއި އެކު ކޮމިޝަނަރ ކަމުން އިސްތިއުފާ ދެއްވީ ރައީސް ޔާމީންގެ އެދިވަޑައިގަތުމަށް، ނައިބު ރައީސް ޖަމީލް އެގޮތަށް ދެންނެވުމުން ކަމަށެވެ. މަގާމުން އިސްތިއުފާ ދެއްވީ މަޖުބޫރުން ކަމަށް ދޭހަވާ ފަދަ އިބާރާތަކުން ރިޔާޒް ވާހަކަ ދެއްކެވި އިރު، އޭނާ ވިދާޅުވި ގޮތުގައި މަޤާމުން ވަކި ކުރީ ސަރުކާރުން ބޭނުންވާ ގޮތަށް އޭނާ ކަންކަން ނުކުރާނެކަން އެނގޭތީއެވެ.
"މިހާރު މިކުރާ ކަންތައްތައް ފެނިފައި އަޅުގަނޑަށް އެބަ އެނގޭ އޭރު އަޅުގަނޑު އެތަނުގައި ނުބަހައްޓައި ވަކިކުރީ ކީއްވެގެން ކަން. ސިޔާސީ ގޮތުން އެބޭފުޅުން ބޭނުންވާހާ ކަމެއް އަޅުގަނޑުލައްވައި ނުކުރެވޭނެތީ،" ރިޔާޒް ވިދާޅުވިއެވެ.
ރިޔާޒް ވިދާޅުވީ މިހާރުގެ ކޮމިޝަނަރ އޮފް ޕޮލިސް، ހުސައިން ވަހީދު ފުލުހުން ލައްވައި ސިޔާސީ ކަންކަން ނުކުރުވާ ކަމަށް ނުބުނެވޭނެ ކަމަށާއި، އެގޮތަށް އެކަންވެގެން ދިއުމަކީ ވަރަށް ދެރަ މައްސަލައެއް ކަމަށެވެ.
ރިޔާޒް ކޮމިޝަނަރ ކަމުގައި ހުންނެވި އިރުވެސް ސިޔާސީ ކަންކަން ކުރުމަށް އެދިފައި ވާކަމަށާއި އެހެން ނަމަވެސް އެއްވެސް ފުލުހަކަށް ނުވަތަ ފުލުހުން ތަކަކަށް ވެސް ސިޔާސީ އެއްވެސް އޯޑަރެއް ކޮށްފައި ނޯންނާނެ ކަމަށް ރިޔާޒް ވިދާޅުވިއެވެ. އަދި ހުރިހާ ކަމެއްވެސް ކޮށްފައި ހުންނާނީ ފުލުހުންގެ ތެރޭގައި އޮންނަ ޕްރޮފެޝަނަލް އުސޫލުތަކާއި ގާނޫނުތަކާ އެއްގޮތަށް ކަމަށްވެސް އޭނާ ވަނީ ވިދާޅުވެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ