މާވަށު އިންޖީނުގެ އަށް ބަޔަކު ވަދެ ބޮޑެތި ގެއްލުންތަކެއް ދީފި

ލ. މާވަށުގެ އިންޖީނުގެއިން ތެޔޮ ހުސްވެގެން އިއްޔެ މެންދުރުން ފެށިގެން އެ ރަށުން ކަރަންޓް ކެނޑިފައި ވަނިކޮށް ބަޔަކު މީހުން މި ރޭ އިންޖީނުގެއަށް ވަދެ ބޮޑެތި ގެއްލުތަކެއް ދީފި ކަމަށް އެރަށު ކައުންސިލްގެ ރައީސް ޔޫސުފް އާމިރު ވިދާޅުވެއްޖެ އެވެ.
އޭނާ ވިދާޅުވީ އިންޖީނުގެ އިމާރާތަށް ބޮޑެތި ގެއްލުންތަކެއްދީ ޖަނެރޭޓަރުތައް ހަލާކުކޮށްފައިވާ ކަމަށެވެ. އަދި މެއިން ޕެނަލް ބޯޑު އިތުރަށް ބޭނުންނުކުރެވޭ ވަރަށް ހަލާކު ކޮށްފައިވާ ކަމަށް ވެސް އާމިރު ވިދާޅުވި އެވެ.
"ލިބިފައިވާ ގެއްލުން އެއް މިލިޔަން ރުފިޔާ އަށް ވުރެ ވެސް ބޮޑުވާނެ، އަޅުގަނޑުމެންނަކަށް ނޭނގޭ މިއިން ދުވަހަކު ވެސް ކަރަންޓުގެ ހިދުމަތް އަލުން ފޯރުކޮށް ދެވިދާނެ ކަމަށް،" އިދިކޮޅު ޑީއާރުޕީގެ މެމްބަރުން ތިއްބެވި ކައުންސިލްގެ ރައީސް ވިދާޅުވި އެވެ.
އިއްޔެ ކަރަންޓުގެ ހިދުމަތް މެދުކެނޑުމުން އެ ރަށުގެ ބަޔަކު ކައުންސިލް އިދާރާ އަށް ވަދެ އެތާގެ ލިޔެކިޔުންތައް ވީދައި ކުދިކޮށް ކަރުދާހުން ރޮކެޓާއި ދޫނި ފަދަ ތަކެތި ހަދާ ގެއްލުން ދިން ކަމަށް ވެސް އާމިރު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އިންޖީނުގެއިން ތެޔޮ ހުސްވެފައިވާ ކަމަށެވެ. އަދި އެ ރަށުގެ 113 ގެއަކުން ކަރަންޓު ބިލް ނުދައްކާތާ ގިނަ ދުވަސްތަކެއް ވެފައިވާ ކަމަށް ވެސް އާމިރު ވިދާޅުވި އެވެ.
ސަރުކާރުގެ ސިޔާސަތަކީ އިންޖީނުގެތައް ޔޫޓިލިޓީސް ކުންފުންޏާ ހަވާލުކޮށްގެން ކުރިޔަށް ގެންދިއުން ކަމަށް ބުނެ އާންމުންގެ ތެރެއިން ބަޔަކު އެކަމަށް ޑިމާންޑު ކުރަމުންދާ ކަމަށް ވެސް އާމިރު ވިދާޅުވި އެވެ.
ރަށުގައި އުފެދިފައިވާ ހަމަނުޖެހުން ހައްލުކުރުމަށް މިއަދު މެންދުރު އަތޮޅު ކައުންސިލް އިދާރާގެ ބޭފުޅުންނާއި ފުލުހުން ވެސް އެ ރަށަށް ދިޔަ އެވެ. އަދި ދެ ފަރާތުން ވާހަކަދެއްކުމަށް ފަހު އެއްބެސްވެވުނީ ޔުޓިލިޓީސް ކުންފުންޏާ އިންޖީނުގެ ހަވާލުކުރުމާ މެދު ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނެގުމަށް ކަމަށް އާމިރު ވިދާޅުވި އެވެ. އަދި މާދަމާ އެކަން ކުރިޔަށް ގެންދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
އާމިރު ވިދާޅުވީ ރަށުގެ އަމަންއަމާންކަމެއް ނެތް އިރު އަދި އާބާދީގެ 80 އިންސައްތަ ކަނު އަނދިރީގައި ދިރިއުޅެމުން ދަނިކޮށް އެކަމުގައި އެއްވެސް ފަރުވާލެއް ނުބަހައްޓައި ފުލުހުން ރަށުން ފުރައިގެން ދިޔައީ ކަމަށެވެ. އަދި އަމިއްލަ ޖަނެރޭޓަރުތައް ހުރީ ވަރަށް މަދު ގެއަކު ކަމަށް ވެސް އާމިރު ވިދާޅުވި އެވެ.
އިންޖީނުގެއިން ތެޔޮ ހުސްވެގެން މާވަށުން ކަރަންޓް ކަނޑާލިއިރު އެތަނުގެ އެކައުންޓްގައި 11 ލައްކަ ރުފިޔާ އެބަހުރި ކަމަށް އާމިރު ވިދާޅުވި އެވެ.
"އެކަމަކު އޭގައި އަތްނުލާ މިތިބެނީ އަޅުގަނޑުމެން ރައްކާކުރާ ފައިސާ އަށް ވީމަ،" އާމިރު ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ