ހައްގުތައް ހިމާޔަތްކުރަނީ ރައްޔިތުން ބާރުވެރިކުރުވައިގެން: ފޮރިން މިނިސްޓަރު

ރާއްޖޭގައި ރައްޔިތުންގެ އިންސާނީ ހައްގުތައް ކުރިއަރުވައި، ހިމާޔަތްކޮށް ކަށަވަރުކުރަނީ ރައްޔިތުން ބާރުވެރިކުރުވައިގެން ކަމަށާއި، ރާއްޖޭ ތަރައްގީގެ އާ ހަރުފަތަކަށް އެރީ އެގޮތުގެ މަތިން ކުރިޔަށް ދިއުމުގެ ސަބަބުން ކަމަށް ފޮރިން މިނިސްޓަރ ޑރ. މުހައްމަދު އާސިމް ވިދާޅުވެއްޖެއެވެ. ސްވިޓްޒަލެންޑްގެ ޖެނީވާގައި މިއަދު ފެށި އދގެ ހިއުމަން ރައިޓްސް ކައުންސިލްގެ 34ވަނަ އާންމު ބައްދަލުވުމުގެ ހައިލެވެލް ސެގްމެންޓުގައި ތަގުރީރު ކުރައްވަމުން ފޮރިން މިނިސްޓަރު އާސިމް ވިދާޅުވީ، ރާއްޖޭގެ ސައިޒު ކުޑަ ނަމަވެސް، އެއީ އިންސާނީ ހައްގުތަކުގެ އަސާސުތަކާއި ބައިނަލްއަގުވާމީ މިންގަނޑުތަކަށް ތަބާވުމަށް އޮތް ހުރަހެއް ނޫން ކަމަށެވެ. މިނިސްޓަރ ވިދާޅުވީ ރާއްޖެއިން ރައްޔިތުންގެ އިންސާނީ ހައްގުތައް ހިމާޔަތް ކުރަނީ ރައްޔިތުން ބާރުވެރިކުރުވައިގެން ކަމަށެވެ. "ފުރުސަތުތައް ހޯދައިދީ، ރައްޔިތުންނަށް އަބުރުވެރި ދިރިއުޅުމެއް ހޯދައިދިނުމަށް ރާއްޖެއިން އެހީތެރިވެދޭ. މި ވިސްނުމުގެ ސިޔާސަތުތަކާ ގުޅިގެން ރާއްޖެ މިވަނީ ތަރައްގީގެ އާ ހަރުފަތަކަށް، އިންސާނީ ތަރައްގީގެ އާ ހަރުފަތަކަށް އަރާފައި،" އާސިމް ވިދާޅުވިއެވެ. ފޮރިން މިނިސްޓަރު ވިދާޅުވީ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުންވެސް މަސައްކަތް ކުރަމުން ދަނީ ރައްޔިތުންގެ ތަރައްގީގެ ޒަރިއްޔާއިން އިންސާނީ ހައްގުތައް ކުރިއެރުވުމަށް ކަމަށެވެ. އެގޮތުން، ހުރިހާ ރައްޔިތުންނަށް ހެލްތު އިންޝުއަރަންސާއި، އެއްވެސް ކުއްޖަކު ބާކީ ނުކޮށް ތައުލީމާއި ތަމްރީނު ފޯރުކޮށްދިނުމާއި، އުމުރުން ދުވަސްވީ މީހުންނަށް ކުރިޔަށްގެންދާ ޕްރޮގްރާމްތައް ފޮރިން މިނިސްޓަރު ފާހަގަކުރެއްވިއެވެ. އާސިމް ވިދާޅުވީ އދގެ ހިއުމަން ރައިޓްސް ކައުންސިލަކީ ރާއްޖެ ފަދަ ކުރިއަރަމުން އަންނަ ޑިމޮކްރަސީތަކުން މަސައްކަތް ކުރުމަށް ފަހި މާހައުލެއް ކަމަށެވެ. ރާއްޖެއިން ވަނީ އދގެ ހިއުމަން ރައިޓްސް ކައުންސިލުގެ ކުރިޔަށް އޮތް 2018 - 2020 ގެ ދައުރަށް ކުރިމަތިލާފައެވެ. "ރާއްޖެއިން ގަބޫލުކުރާ ގޮތުގައި، ކައުންސިލުގެ މަގުސަދުތައް ހާސިލުކުރުމަށާއި، ކައުންސިލުގެ އިތުބާރު ދަމަހައްޓައި، އދގެ އިންސާނީ ހައްގުތައް ހިމާޔަތްކުރާ މެކެނިޒަމްތަކުގެ ކުރިއެރުމަށް ރާއްޖެއިން އިސް ދައުރެއް އަދާކޮށްދެވޭނެ،" ޑރ. އާސިމް ވިދާޅުވިއެވެ. އަންނަ މާޗު މަހުގެ 24 އާ ހަމައަށް ކުރިޔަށްދާ އދގެ ހިއުމަން ރައިޓްސް ކައުންސިލްގެ ބައްދަލުވުމުގެ ބަހުސްތަކާއި ޕެނަލްތަކުގެ އިތުރުން އެހެނިހެން މަސައްކަތްތަކުގައި ރާއްޖެއިން ހަރަކާތްތެރިވަމުން ގެންދާނެއެވެ. ވަކިން ޚާއްސަކޮށް، އެންމެ ކުޑަކޮށް ތަރައްގީވެފައިވާ ގައުމުތަކާއި ތަރައްގީވަމުން އަންނަ ޖަޒީރާ ގައުމުތަކަށް ތިމާވެއްޓާއި އިންސާނީ ހައްގުތަކުގެ ދާއިރާއިން ފަންނީ އެހީތެރިކަމާއި ކެޕޭސިޓީ ބިލްޑިންގްގެ މަސައްކަތް ކުރުމަށް އުފައްދަން މަސައްކަތްކުރާ ވޮަލަންޓަރީ ޓްރަސްޓް ފަންޑުގެ މަޝްވަރާތައް ރާއްޖެއިން ލީޑު ކުރާނެއެވެ. ޓްރަސްޓް ފަންޑުގެ ހަރަކާތެއްގެ ގޮތުގައި، ހިއުމަން ރައިޓްސް ކައުންސިލުގައި ބައިވެރިވާ ފަރާތްތަކަށް ބާއްވާ ޚާއްސަ ޖާފަތެއް އޮސްޓްރޭލިއާ އާއި ރާއްޖޭގެ ފަރާތުން މާދަމާ ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. މީގެ އިތުރުން ތެލެސީމިއާ ބަލި ޖެހިފައިވާ ފަރާތްތަކުން ކުރިމަތިލަމުންދާ ތަފާތުކުރުންތަކާއި، އިންސާނީ ހައްގުތަކުގެ ގޮންޖެހުންތަކާ ގުޅޭ ގޮތުން ބާއްވާ ހައިލެވެލް ޕެނަލް ޑިސްކަޝަނެއް ރާއްޖެއިން ކޯސްޕޮންސާ ކުރުމަށް ވެސް ވަނީ ހަމަޖެހިފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ