ސަރުކާރަށް 3 އަހަރު ވީއިރު ތައުލީމީ ދާއިރާގެ މެނިފެސްޓޯ ހާސިލް ކުރެވެމުން ދޭބާ!

ވެރިކަމަކަށް އައުމަށްޓަކައި ކޮންމެ ޕާޓީއަކުންވެސް ވިއްކާ އެކައްޗަކީ އެބައެއްގެ މެނިފެސްޓޯއެވެ. މިނަޒަރުން ބަލާއިރު ޕީޕީއެމްވެސް ވެރިކަމަށް އައީ އެ ޕާޓީގެ މެނިފެސްޓޯ ރައްޔިތުންނަށް ވިއްކައިގެންނެވެ. ތަފާތު ދާއިރާތަކަށް އަމާޒުކޮށްގެންނެވެ. މިގޮތުން އެ މެނިފެސްޓޯގައި ހިމަނައިފައިވާ މުހިންމު އެއް ދާއިރާއަކީ ތަޢުލީމީ ދާއިރާއެވެ. ސުވާލަކީ ޕީޕީއެމްގެ ސަރުކާރަށް ތިން އަހަރު ނިމިދިޔައިރު، މެނިފެސްޓޯގައި ތަޢުލީމީ ދާއިރާއަށް ކޮންދޭން ވަޢުދުވީ ކަންކަން ހަނދުމަ ހުރިތޯ ކުރެވޭ ސުވާލެވެ.
ޕީޕީއެމްގެ މެނިފެސްޓޯގައި ތައުލީމީ ދާއިރާއަށް މައިގަނޑު ފަސް ކަމެއް ކަނޑައަޅައިފައިވެއެވެ. އެއްކަމަކީ އެންމެ ކުއްޖަކުވެސް ބާކީ ނުކުރާނެ ކަމުގެ ވަޢުދެވެ. ދެވަނަ ކަމަކީ ކޮންމެ ޒުވާނަކީ ހުނަރުވެރި ޒުވާނަކަށް ހެދުމަށް ވެފައިވާ ވަޢުދެވެ. ތިންވަނަ ކަމަކީ މަތީ ތައުލީމު ޔަޤީން ކޮށްދިނުމެވެ. ހަތަރުވަނަ ކަމަކީ ވަސީލަތްހަމަ މަޤުބޫލު ސްކޫލުތައް އުފެއްދުމެވެ. ފަސްވަނަ ކަމަކީ ނަންވިދާ ޕޮލިޓެކްނިކެއް އުފެއްދުމެވެ.
"އެންމެ ކުއްޖަކުވެސް ބާކީއެއް ނުކުރާނަން"
އެންމެ ކުއްޖަކުވެސް ބާކީ ނުކުރުމަށް މައިގަނޑު 4 ލަނޑުދަނޑިއެއް ކަނޑައަޅައިފައިވެއެވެ. އޭގެތެރެއިން ފުރަތަމަ ކަމަކީ، ފެންވަރު ރަނގަޅު މުދައްރިސުން ހޯދައި އެކަށޭނަ އުޖޫރައެއް ދީގެން މުދައްރިސުންގެ ހައިބަތާއި، ޤަދަރު އަލުން އުފުލުމެވެ. ސުވާލަކީ މިކަން މިމަގަށް ކުރެވިފައިވޭތޯ ކުރެވޭސުވާލެވެ. ގެއްލިފައިވާކަމަށް ގަބޫލުކުރާ، މުދައްރިސުންގެ ހައިބަތާއި ޤަދަރު އުފުލައި ދެވިއްޖެތޯ ކުރެވޭ ސުވާލެވެ.
ތަޢުލީމީ ދާއިރާގެ ތަޖުރިބާކާރު ބައެއް ބޭފުޅުން ދެކިލައްވާ ގޮތުގައި އެއީ އަދި ޚިޔާލީ ފޮލާއެކެވެ. އެކަމަށް ޢަމަލީ ސިފައެއް އައިސްފައެއް ނުވެއެވެ. ޓީޗަރުންގެ މުސާރައަށް މިސަރުކާރުގައި ބަދަލެއް އައިނަމަވެސް، އެބޭފުޅުން ސިފަކުރައްވަނީ އެއީ، އައި ބަދަލެއް ނޫންކަމަށެވެ. އެއީ ޓީޗަރުން، އެބައި މީހުން އެތައް ޤުރުބާނެއް ވެގެން ގެނުވި ބަދަލެއް ކަމަށެވެ. މިބަދަލާއެކު ޓީޗަރުންނަށް އެތައް އަނިޔާއެއްވަނީ ލިބިފައެވެ. އެއް އަހަރު ދުވަހުގެ ތެރޭގައި އެތައް ޓީޗަރުންނެއް ވަނީ ވަޒީފާވަނީ ގެއްލިފައެވެ.
ދެންއޮތީ މިހާރު ހިނގަމުން ދާ ކަމެއްގެ ވާހަކައެވެ. ޓީޗަރުންގެ ރިކްއަރމަންޓުގެ ވާހަކައެވެ. މިހާރު އެކުލަވައިލައިފައިވާ ރިކްއަރމަންޓު އެއޮތްގޮތަށް ތަންފީޒުކޮށްފިނަމަ، "ހީރޯސީމާއަށް ބޮމެއް ވައްޓާލުން" ފަދަ ކަމަކަށް އެކަން ވެގެން ދާނެކަމަށް ތައުލީމީ ދާއިރާގެ ތަޖުރިބާކާރު ބޭފުޅުން ދެކިލައްވައެވެ. އަލަށް އެކުލަވައިލާ ރިކްއަރމަންޓުގެ ސަބަބުން ޓީޗަރުންގެ ތެރެއިން 2000 ހެއްހާ ޓީޗަރުންގެ ވަޒީފާ ގެއްލިގެން ދާނެއެވެ. ބައެއް ޕްރިންސިޕަލުން ކިޔައި ދެއްވި ގޮތުގައި މިއީ ވަރަށް ކަންބޮޑުވާންޖެހޭ މައްސަލައެކެވެ.
ޓީޗަރުން މަދުކުރުމަކީ ބަޖެޓަށް ލުއި ލިބޭނެ ކަމެކެވެ. އެއާއެކު އެއީ ދަރިވަރުން ބެލެހެއްޓުމާއި ކިޔައިވައިދިނުން ފާލުން ނެއްޓި ފޫދާނެ ކަމެއްކަން ކަށަވަރެވެ.
މިއީ "އެންމެ ކުއްޖަކުވެސް ބާކީއެއް ނުކުރާނަން،" މިސިޔާސަތުގެ ފުރަތަމަ ލަނޑުދަނޑި ކަމަށްވާ އެކަށޭނަ އުޖޫރައެއް ދީގެން މުދައްރިސުންގެ ހައިބަތާއި، ޤަދަރު އަލުން އުފުލާނެކަމަށް ވެފައިވާ ވައުދު ފުއްދިފައިވާ މިންވަރެވެ. ހުރިހައި ޓީޗަރުން މިއަދު ތިބީ ވަޒީފާގެ ބިރުވެރިކަމެއްގެ ތެރޭގައެވެ.
"އެންމެ ކުއްޖަކުވެސް ބާކީއެއް ނުކުރާނަން" މި ސިޔާސަތުގެ ދެވަނަ ލަނޑުދަނޑިއަކީ ސްކޫލު ދައުރުގެ ތެރޭގައި މަސައްކަތްތެރިކަމާއި ހުނަރުވެރިކަމަށް ޝައުޤުވެރިވާ ދަރިވަރުންނަށް އެފުރުޞަތު ހޯދައި ދޭނެކަމަށް ވެފައިވާ ވައުދެވެ. ވޭތިވެދިޔަ އަހަރުތަކުގައި ކަންހިނގާފައިވަނީ މީހަކު ހައިރާންވެ އަންތަރީސްވާފަދަ ގޮތަކަށެވެ. ނޯމަލް ކްލާސްތަކެއްގައި ކިޔަވަމުންއައި ދަރިވަރުންތަކެއް އެކްލާސްތަކުން ބޭރުކޮށްލައިފިކަމަށް ބެލެނިވެރީން ބުނާންފަށައިފިއެވެ. މަސައްކަތްތެރި ކަމާއި ހުނަރުވެރިކަމަށް ޝައުޤުވެރި ނުވިޔަސް، ނަތީޖާ ދަށްނަމަ، ދަސްވާރާ، ބީޓެކޭ ކިޔާ އެއްޗަކަށް އެކުދީންލައި، ނޯމަލް ކްލާސްތަކުން ބާކީ ކުރުވައިފިއެވެ. 10 އަހަރުދުވަހުގެ ކިޔެވުމުން އެންމެ ކުޑަމިނުން އޯލެވެލް އިމްތިހާނުގައި އިށީނުމުގެ ޙައްޤުންވެސް މަޙުރޫމު ކުރުވައިފިއެވެ. ދެންއޮތީ، ސިވކްއެޑިޔުކޭޝަނާއި، އޯލެވެލްގައި އިޙްތިޔާރީ މާއްދާއެއްގެ ގޮތުގައި ސޯސިއޮލޮޖީގެ މާއްދާ ތަޢާރަފު ކުރާނެ ކަމަށް ދެއްކެވި ވާހަކަތަކެވެ. ތިން އަހަރު ނިމިދިޔައިރު އެވިދާޅުވާ އެއްޗެއް ވީ ހިސާބެއްވެސް އަދި ނޭގެއެވެ. އެހެންވީމާ، އެންމެ ކުއްޖަކުވެސް އަދިއެއް ހަމަ ބާކީއެއް ނުކުރެވޭތާއެވެ.
"ވަސީލަތްހަމަ މަގްބޫލު ސްކޫލްތައް އުފެއްދުން"
ވަސީލަތްހަމަ މަގްބޫލު ސްކޫލުތައް އުފެއްދުމުގެ ދަށުން، ޕްރީސްކޫލުތައް މިއަދުވަނީ ސަރުކާރުގެ ހިޔާވަހިކަމުގެ ދަށަށް އައިސްފައިކަން އުފަލާއެކު ފާހަގަ ކުރާންޖެހެއެވެ. މިއީ، މުޅި މިސަރަހައްދަށް ބެލިކަމުގައި ވީނަމަވެސް ސަރުކާރުގެ ތައުލީމީ ނިޒާމުގެ ތެރެއަށް ޕްރީސްކޫލު ގެނައި ފުރަތަމަ ގައުމެވެ. މިކަން މިހެން އޮތްނަމަވެސް ދެންހުރި ކަންކަން ހުރިގޮތައް ބަލައި ލަމާތޯއެވެ. ސިއްހަތަށް ހާއްސަ ވަސީލަތްތައް ސްކޫލުން ލިބެން ހުންނާނެ ކަމަށް ބަޔާންކޮށްފައި ވީނަމަވެސް، ތިން އަހަރު ނިމިދިޔައިރުވެސް އެންމެ އެކަށޭނަ ގޮތުގައި ބައެއް ސްކޫލުތަކުގައި އެކަން ކުރެވިފައެއް ނުވެއެވެ. ކުއްޖެއްގެ ތަނެއް ކަނޑައިގެން ހިނގައްޖެނަމަ އެންމެ ކުޑަމިނުން ބޭސްމަލަންގަނޑެއް ދިއްކޮށް ނުލެވުނު ސްކޫލުތައް ހުރިހަކީ ހިތާމަ ކުރިކަމެކެވެ. މިއަދު ރާއްޖޭގައި ކިޔަވަމުންދަނީ ދެޖިންސް އެކުގައެވެ. އަންހެންކުދީންނަށް ޚާއްޞަ ޙާލަތްތައް ސްކޫލު ގަނޑީގައި ދިމާވާއިރު، އެފަދަ ޙާލަތްތަކަށް ބޭނުންވާ ވިސީލަތްތައް ބައެއް ސްކޫލުތަކުގައި ލިބެންނެތްކަން ފާޙަގަ ކުރެވެއެވެ. ފަހަރުގައި މިއީ އެސްކޫލުތައް ހިންގާންތިބި ވެރީންގެ ދޯހަޅިކަމަކަށް ވުން އެކަށީގެންވެއެވެ. ނޫނީ ލިބިފައިވާ ބަޖެޓުން ނުވީކަމަށްވެސް ވެދާނެތާއެވެ.
ވަސީލަތްތައްހަމަ މަޤުބޫލު ސްކޫލުތައް އުފެއްދުމުގެ އެންމެ ފުރަތަމަ ޕޮއިންޓަކީ، އެއްވެސް ކުލާހެއްގެ ކުދީންގެ އަދަދު 25 އަށްވުރެ އިތުރު ނުކުރާނެކަމަށް އޮތް ނުކުތާއެވެ. އެކަން އެމަގުން ނުހިނގާކަން މާލޭގެ ސްކޫލުތަކު ބެލެނިވެރީންގެ ވާހަކަތަކުން ކަށަވަރުވެއެވެ. "ކޮންމެ ކްލާހެއްގައި 32-34 ދެމެދުގެ އަދަދަކަށް ކުދީންތިބޭ" ބެލެނިވެރިޔަކު ބުންޏެވެ. އެކަން އެގޮތަށް އޮތްކަން މާލޭގެ ސްކޫލުތަކުންވެސްވަނީ ކަށަވަރުކޮށްދެއްވާފައެވެ. އެހެންކަމުން މިސަރުކާރަށް ތިން އަހަރު ފުރުނުއިރު ތައުލީމީ ދާއިރާއިން ހާސިލުކޮށްދޭންބުނި މައިގަނޑު ފަސްކަމުގެ ތެރެއިން މި ބަލައިލެވުނު ދެ ކަންތަކަށް އޭ ރިޕޯޓެއް އަދި ދެވޭކަށް ނެތެވެ. އެންމެ މަތީން އަދި ދެވޭން އަންނަނީ އީ ރިޕޯޓެކެވެ.
-ނުނިމޭ–
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ