ފަނޑިޔާރުން ބަދަލު ނުކުރެވޭނެ ކަމަށް އަންގައި ސުޕްރީމް ކޯޓުން މެންޑަމާސް އަމުރެއް ނެރެފި

ސުޕީރިއާ ކޯޓުތަކުގެ 10 ފަނޑިޔާރުން އެ ފަންތީގެ އެހެން ކޯޓުތަކަށް ބަދަލުކުރުމަށް ޖުޑީޝަލް ސާވިސް ކޮމިޝަން(ޖޭއެސްސީ) އިން ނިންމި ނިންމުން ބާތިލް ކަމަށް އަންގައި ސުޕްރީމް ކޯޓުން މެންޑަމާސް އަމުރެއް މިއަދު ނެރެފި އެވެ.
ޖޭއެސްސީން ނިންމާފައިވަނީ އަންނަ ޖެނުއަރީ މަހުގެ ފުރަތަމަ ދުވަހުން ފެށިގެން މާލޭގެ ދަށު ކޯޓުތަކުގެ 10 ފަނޑިޔާރަކު އެ ފަންތީގެ އެހެން ކޯޓުތަކަށް ބަދަލުކުރުމަށެވެ. އޭގެ ތެރޭގައި ކްރިމިނަލް ކޯޓުގެ އިސްގާޒީ އަބްދުﷲ މުހައްމަދު ވެސް ހިމެނިވަޑައިގަންނަވަ އެވެ.
މިކަމާ ގުޅިގެން ސުޕްރީމް ކޯޓުން ނެރުނު އަމުރުގައިވަނީ ފަނޑިޔާރުން ބަދަލުކުރުމާއި މަގާމުގެ ކުރިއެރުން ދިނުމަކީ ޖޭއެސްސީ އަށް ލިބިފައިވާ މުތުލަގު ބާރެއް (އެއްވެސް ހިފެހެއްޓުމެއް ނެތް ބާރެއް) ނޫން ކަން ގާނޫނު އަސާސީން އެނގޭ ކަމަށެވެ. އަދި ފަނޑިޔާރުން ބަދަލުކުރުމުގައި ބަލަން ޖެހޭނީ ޖޭއެސްސީގެ ގާނޫނަށް އެކަނި ނޫންކަން ސުޕްރީމް ކޯޓުގެ ހުކުމްތަކުންނާއި ގާނޫނު އަސާސީން އެނގޭ ކަމަށް ވެސް އެ އަމުރުގައިވެ އެވެ.
މީގެ އިތުރުން ފަނޑިޔާރަކު އެހެން ކޯޓަކަށް ބަދަލުކުރެވޭނީ ޖުޑިޝަލް ކައުންސިލްގެ ހުށަހެޅުމަކަށް ކަމަށް ވާއިރު ސުޕްރީމް ކޯޓުގެ ރޫލިން އަކުން އެ ކައުންސިލް އުވާލުމާ އެކު އެ ކައުންސިލްގެ ވާޖިބުތައް އަދާކުރަމުން ދަނީ ސުޕްރީމް ކޯޓުން ކަމާއި އެކަން އާންމުކޮށް އަންގާފައިވާނެ ކަމަށް އަމުރުގައިވެ އެވެ. އަދި އެކަން ޖޭއެސްސީ އަށް ވެސް އަންގާފައިވާނެ ކަމަށް އޭގައިވެ އެވެ. އެހެންކަމުން ކޮމިޝަންގެ އެ ނިންމުން ބާތިލްކަން ހުރިހާ ފަރާތްތަކަށް އަންގާ ކަމަށް އަމުރުގައިވެ އެވެ.
"ސުޕްރީމް ކޯޓުގެ ހުށަހެޅުމެއް ނެތި ސިވިލް ކޯޓާއި ކްރިމިނަލް ކޯޓާއި ފެމިލީ ކޯޓާއި ޑްރަގް ކޯޓާއި ޖުވެނައިލް ކޯޓުގެ ބައެއް ފަނޑިޔާރުން އެއް ކޯޓުން އަނެއް ކޯޓަށް 2014 ޖެނުއަރީ، 1 އިން ފެށިގެން ބަދަލުކުރުމަށް 2013 ޑިސެމްބަރު، 9 ވަނަ ދުވަހު ޖުޑިޝަލް ސާވިސް ކޮމިޝަނުން ނިންމި އެ ކޮމިޝަންގެ ނަމްބަރު (ނިންމުމުގެ ނަމްބަރު) ނިންމުމަކީ އެއަށް އަމަލު ނުކުރެވޭނެ ބާތިލް ނިންމުމެއް ޖުޑިޝަލް ސާވިސް ކޮމިޝަނަށާއި ކަމާބެހޭ ކޯޓުތަކަށާއި ކަމާބެހޭ ފަރާތްތަކަށް އަންގައި އަމުރުކޮށްފީމެވެ." އުއްތަމަ ފަނޑިޔާރު އަހުމަދު ފާއިޒު ހުސައިން ސޮއި ކުރައްވައި ނެރުއްވި މެންޑަމާސް އަމުރުގައިވެ އެވެ.
ސުޕްރީމް ކޯޓުން އެގޮތަށް އަމުރު ނެރުނުއިރު ޖޭއެސްސީން މިހާރު ވަނީ ފަނޑިޔާރުން ބަދަލުކުރަން ނިންމިކަން އެ ފަނޑިޔާރުންނަށާއި ކޯޓުތަކަށް އަންގަން ފަށައިފަ އެވެ. ފަނޑިޔާރުން ބަދަލުކުރަން ޖޭއެސްސީން ނިންމި ނިންމުމަށް އަމަލު ނުކުރެވޭނެ ކަމަށް ވިދާޅުވެ، އުއްތަމަ ފަނޑިޔާރު ކުރިން ވަނީ ޖޭއެސްސީއަށް ސިޓީ ފޮނުއްވައިފަ އެވެ. ނަމަވެސް ޖޭއެސްސީން ވަނީ އެ ކޮމިޝަންގެ ނިންމުން ދިފާއުކޮށް، އެ ނިންމުން ބަދަލު ނުކުރަން ނިންމައިފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ