ބައެއް މެމްބަރުންގެ ގޮނޑި ހުސްވެއްޖެ ކަމަށް ކަނޑައަޅައިދޭން ޕީޕީއެމުން ސުޕްރީމް ކޯޓަށް ދާން ނިންމައިފި

ރައްޔިތުންގެ މަޖިލީހުގެ ބައެއް މެމްބަރުންގެ ގޮނޑި ހުސްވެއްޖެ ކަމަށް ކަނޑައަޅައިދޭން އެދި ޕީޕީއެމުން ސުޕްރީމް ކޯޓަށް ހުށަހަޅަން ނިންމައިފި އެވެ.
ނަސަންދުރާގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޕީޕީއެމްގެ ކައުންސިލްގެ މެމްބަރު އަދި ގާނޫނީ ވަކީލް މުހައްމަދު ވަހީދު އިބްރާހިމް ވިދާޅުވީ އެ މައްސަލަ ހުށަހަޅަން ނިންމީ ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގެ ވޯޓުލުން ބޭއްވުން ފަސްކުރުމަށް ސުޕްރީމް ކޯޓުން ނެރެފައިވާ އަމުރާ ދެކޮޅަށް މަޖިލީހުގެ ބައެއް މެމްބަރުން ވާހަކަ ދައްކަވާފައިވާތީ ކަމަށެވެ. އަދި ސުޕްރީމް ކޯޓާއި ފަނޑިޔާރުންގެ އަބުރާއި އިއްޒަތް ގެއްލޭ ގޮތަށް މަޖިލީހުގެ ބައެއް މެމްބަރުން ވާހަކަ ދެއްކެވުމަކީ ވެސް ސުޕްރީމް ކޯޓަށް ދާންޖެހޭ އެއް ސަބަބު ކަމަށް އޭނާ ވިދާޅުވި އެވެ.
"ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ނެރެފައިވާ އަމުރަކާ ޚިލާފަށް އަދި ފަނޑިޔާރުންނާ ބެހޭ ގޮތުން ތަފާތު ވާހަކަތައް ދައްކައި، ފަނޑިޔާރުންގެ އަބުރާއި އިއްޒަތާއި އަދި ސުޕްރީމް ކޯޓާއި އެހެން ކޯޓުތަކުގެ ފަނޑިޔާރުންނާ ބެހި އެފަދަ ކަންތައްތަކެއް ހިނގަމުންދާ ދަނޑިވަޅެއްގައި ދުސްތޫރީ މައްސަލައެއްގެ ގޮތުގައި އަދި މެމްބަރުންގެ މެމްބަރުކަމުގެ ގޮނޑި ހުސްވެއްޖެ ކަމާ މެދު ޚިލާފް އުފެދިފައިވާތީ އެކަން އަޅުގަނޑުމެން ސުޕްރީމް ކޯޓަށް ލައިގެން ގެންދާނެ ވާހަކަ ދަންނަވާލަން" ވަހީދު ވިދާޅުވި އެވެ.
އެކަމަކު އެއީ ކޮން މެމްބަރުންތަކެއްތޯ ސުވާލު ދެންނެވުމުން އޭނާ ވިދާޅުވީ "ލިސްޓު ކިޔަން ވެއްޖެނަމަ ވަރަށް ދިގު ވާނެ" ކަމަށެވެ އެހެންވެ މައްސަލަ ސުޕްރީމް ކޯޓަށް ހުށަހެޅުމަށް ފަހު އެ މައުލޫމާތު ހާމަކުރައްވާނެ ކަމަށް ވަހީދު ވިދާޅުވި އެވެ. އަދި އިންތިޚާބުގެ ދެވަނަ ބުރުގެ ވޯޓު ފަސްކުރުމަށް ސުޕްރީމް ކޯޓުން ނެރެފައިވާ އަމުރާ ޚިލާފަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ ޝާހިދު ވާހަކައެއް ދެއްކެވިނަމަ އެ މައްސަލަ ވެސް ކޯޓަށް ހުށަހަޅާނެ ކަމަށް ވަހީދު ވިދާޅުވި އެވެ.
އޭނާ އިތުރަށް ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާގެ މަގާމަށް މީހަކު އައްޔަންކުރުމުގައި ޚިލާފެއް އުފެދިއްޖެނަމަ އެ މައްސަލަ ބެލޭނީ ހަމައެކަނި ސުޕްރީމް ކޯޓަށް ކަމަށް ގާނޫނު އަސާސީގައި ބުނެފައިވާ ކަމަށެވެ. އަދި ގާނޫނު އަސާސީ މާނަކުރުމުގެ ބާރު ލިބިގެންވަނީ ވެސް ސުޕްރީމް ކޯޓަށް ކަމަށްވާތީ އެ ކޯޓުގެ ނިންމުންތަކަށް ފާޑު ނުކިޔޭނެ ކަމަށް ވަހީދު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ނޮވެމްބަރު 11 އަންނަންވާއިރަށް ރައީސަކު ނުހޮވިއްޖެނަމަ ރައީސަކު އިންތިޚާބު ކުރެވެންދެން އެ މަގާމުގައި ހުންނާނެ މީހަކު ވެސް ކަނޑައަޅާނީ ސުޕްރީމް ކޯޓުން ކަމަށާއި އެ ކޯޓުގެ ނިންމުންތަކަށް ބޯލަނބަން ޖެހޭނެ ކަމަށެވެ. އަދި އެންމެ ފަހުން ބޭއްވި ލޯކަލް ކައުންސިލް އިންތިޚާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު ކުރިއަށް ގެންދިޔައީ ގާނޫނުގައި ކަނޑައަޅާފައިވާ މުއްދަތުގެ ފަހުންކަން ވަހީދު ފާހަގަކުރެއްވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ