ޑީއާރުޕީގެ ލީޑަރު އަހުމަދު ތަސްމީން އަލީގެ ފަހަތްޕުޅުގައި އަދިވެސް ހުންނަވަނީ ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް އެ ޕާޓީގެ ސިޔާސީ ޒައާމަތު ދޫކޮށްލެއްވިއިރު އެ ޕާޓީގެ ލީޑަރެއްގެ ގޮތުގައި ދެއްކެވި ބޭފުޅަކީ އެއީ ކަމަށް ވާތީ، މައުމޫނަށް އެރުވި ޔަގީންކަމުގައި ދެމިހުންނެވުމަށް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ޑީއާރުޕީގެ އެންމެ ސީނިއާ ބޭފުޅުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ އަބްދުﷲ ޝާހިދު ރޭ ވިދާޅުވެއްޖެ އެވެ.
ވީޓީވީގެ "ފަސްމަންޒަރު" ޕްރޮގްރާމްގައި ދެންނެވި ސުވާލެއްގެ ޖަވާބުގައި ޝާހިދު ވިދާޅުވީ މައުމޫނަށް ފަހު ޑީއާރުޕީގެ އެންމެ އިސް ބޭފުޅެއްގެ ގޮތުގައި ތަސްމީން ބަލައިގަތުމަށް މައުމޫން އެދިވަޑައިގަތުމުން އެކަމަށް އިޖާބަ ދެއްވައި އެ ގޮތުގައި ދެމި ހުންނަވަނީ ކަމަށެވެ.
ޝާހިދު ވިދާޅުވީ ޑީއާރުޕީގެ ސިޔާސީ ޒައާމަތުން މައުމޫން ދުރަށް ވަޑައިގަންނަވަން ނިންމެވުމުގެ ކުރިން އޭނާއާ ވަރަށް ތަފުސީލުކޮށް މަޝްވަރާ ކުރައްވައި މައުމޫން ބޭނުންފުޅުވާ ގޮތް ހާމަކުރެއްވި ކަމަށެވެ.
"އެ މަނިކުފާނު ވިދާޅުވި އަމަލީ ސިޔާސީ މައިދާނުން ތިމަން މަނިކުފާނު ދުރަށް ވަޑައިގަންނަވަނީއޭ. ޕާޓީ އެހެން ޖީލަކާ ހަވާލުކުރައްވަނީއޭ. އަޅުގަނޑު ރައީސް މައުމޫން އަރިހުގައި މަސައްކަތްކުރިއިރު ރައީސް މައުމޫނަކީ އެ ވިދާޅުވާ ބަހުގައި ދެމި ހުންނަވާ ބޭފުޅެއް. އަޅުގަނޑަކީ ވެސް އެ ގޮތުގައި ދެމި ހުންނަ މީހެއް. އެހެންވީމާ އަޅުގަނޑު މިހާރު މި ހުރީ އަޅުގަނޑު ރައީސް މައުމޫނަށް އެރުވި ކޮމިޓްމަންޓުގައި. އެއީ އަހުމަދު ތަސްމީން އަލީ އަރިހުގައި ޑީއާރުޕީގެ ލީޑަޝިޕްގައި ދެމި ހުންނަން،" ޝާހިދު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ތަސްމީންގެ އަރިހުގައި މި އަހަރުގެ ރިޔާސީ އިންތިހާބުގައި ވެސް ހުންނަވާނެ ކަމަށާއި އެއީ ޕާޓީ ވަރަށް ނިކަމެތިވި އިރު ދެ ގޮތެއް ނުވެ ހުންނެވި ހިތްވަރުގަދަ ބޭފުޅެއް ކަމަށެވެ.
ޝާހިދު ވިދާޅުވި ގޮތުގައި 2008ގެ ރިޔާސީ އިންތިހާބުގައި ޑީއާރުޕީ ބަލިވުމުން ޕާޓީއާ ދުރަށް އެތައް ބަޔަކު ދިޔައިރު ވެސް އެ ޕާޓީ ކޮޅަށް ނެންގެވި އެއް ބޭފުޅަކީ ތަސްމީނެވެ.
"އަހުމަދު ތަސްމީން އަލީ އަރިހުގައި އަޅުގަނޑު ސާބިތުވެ ހުރިން އެ ދުވަހު ވެސް. އަދިވެސް އަޅުގަނޑު ދެމި ހުންނާނަން،" ޑީއާރުޕީގެ ކައުންސިލް މެމްބަރު ވިދާޅުވި އެވެ.
ޝާހިދު ވިދާޅުވީ 2009 ވަނަ އަހަރުގެ އާންމު އިންތިހާބަށް ކުރިމަތިލައިގެން އުޅުނުއިރު ފަންޑްރެއިޒިން ކެމްޕޭނަށް ފައިސާ ހޯދަން މަސައްކަތް ކުރުމުގެ ތެރޭގައި ތަސްމީނާ އެކު ޑިނާ ނައިޓް ޓިކެޓް ވިއްކަން ނިކުންނެވި ކަމަށެވެ.
"...ފަސް ޓިކެޓު ގަންނަން ބޭފުޅަކަށް ދަންނަވާލީމަ ވިދާޅުވީ ތިމަންނައަށް މިއަދު ގަނެވޭނީ އެންމެ ޓިކެޓެކޭ 50ރ. އަށް. އެ ދުވަސް މާޒީއާ އެކުވެ ދިޔައީ. އެ ދުވަހު ވެސް އަހުމަދު ތަސްމީން އަލީގެ އަރިހުގައި އަޅުގަނޑު ހުރިން. އަޅުގަނޑު 2013ގެ އިންތިހާބުގައި އަހުމަދު ތަސްމީން އަލީ އަރިހުގައި ދެމި ހުންނާނަން،" ނަމަވެސް އެއީ ކޮންމެ ބޭފުޅެއްގެ ވާހަކައެއް ކަމެއް ޝާހިދު ވިދާޅެއް ނުވެ އެވެ.
ތަސްމީނާ އެކު މި ހުރީ މައުމޫން ވިދާޅުވުމުން: ޝާހިދު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ