އަބްދުﷲ ގާޒީ ބަންދުކުރިކަމުގެ ދައުވާލިބޭ ހުރިހާ ބޭފުޅުންގެ ޝަރީއަތްތައް މެދުކަނޑާލައިފި

ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަބްދުﷲ މުހައްމަދު ބަންދުކުރި މައްސަލައިގައި ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ އިތުރުން ދައުވާލިބޭ އަނެއް ފަސް ބޭފުޅުންގެ ޝަރީއަތް ވެސް މަޑުޖައްސާލާފައިވާ ކަމަށް ހުޅުމާލޭ ކޯޓުން މިއަދު ބުނެފި އެވެ.
ނަޝީދުގެ މައްޗަށް ހުޅުމާލޭ ކޯޓުގައި ދައުވާކުރާ މައްސަލައިގެ ޝަރީއަތް މަޑުޖައްސާލަން ހައި ކޯޓުން އަމުރު ނެރުނު އިރު މައްސަލައިގައި ނަޝީދާ އެކު ދައުވާކުރަނީ ކުރީގެ ޑިފެންސް މިނިސްޓަރު ތޮލްހަތު އިބްރާހިމް ކަލޭފާނާއި ކުރީގެ ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނެރަލް (ރިޓަޔާޑް) މޫސާ އަލީ ޖަލީލާއި ބްރިގޭޑިއާ ޖެނެރަލް (ރިޓަޔާޑް) އިބްރާހިމް މުހައްމަދު ދީދީގެ އިތުރުން ކާނަލް މުހައްމަދު ޒިޔާދުގެ މައްޗަށެވެ. އެ ހަތަރު ބޭފުޅުންގެ ޝަރީއަތް ވެސް ކުރިއަށް ގެންދަން ނިންމާފައި އޮތީ ވަކިވަކިން ނެވެ.
އެ މައްސަލައިގައި ނަޝީދުގެ މައްޗަށް ކުރާ ދައުވާގެ ޝަރީއަތް ކުރިއަށް ނުގެންދަން ހައި ކޯޓުން މިއަދު ވަނީ ވަގުތީ އަމުރެއް ނެރެފަ އެވެ. އެގޮތަށް އަމުރު ނެރެފައި ވަނީ ނަޝީދުގެ ފަރާތުން ހުޅުމާލޭ ކޯޓުގައި ނެގި އިޖްރާއީ ނުކުތާތަކާ މެދު އެ ކޯޓުން ނިންމިގޮތާ މެދު ހިތްހަމަނުޖެހިގެން ނަޝީދުގެ ފަރާތުން ހައި ކޯޓުގައި އިސްތިއުނާފް ކުރުމުން ނެވެ. އަދި އެ މައްސަލަ ހައި ކޯޓުން ނިމެންދެން އެފަދަ އަމުރެއް ނެރެދިނުމަށް ނަޝީދުގެ ފަރާތުން އެދުމުން ނެވެ.
ނަޝީދުގެ އިތުރުން ދައުވާލިބޭ އަނެއް ފަސް ބޭފުޅުންގެ ޝަރީއަތްތައް މާދަމާއާ އޭގެ އަނެއް ދުވަހު ބާއްވަން ކުރިން އޮތީ ތާވަލްކޮށްފަ އެވެ.
ނަމަވެސް ޑިޕާޓްމެންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަންގެ މީޑިއާ ޔުނިޓުން މިއަދު ބުނީ ހައި ކޯޓުގެ އެ އަމުރާއެކު ދެން ތިބި ފަސް ބޭފުޅުންގެ ޝަރީއަތްތައް ވެސް މަޑުޖައްސާލާފައިވާ ކަމަށެވެ.
ނަޝީދުގެ ޝަރީއަތް ހުއްޓާލަން ހައި ކޯޓުން މިއަދު އަމުރުކޮށްފައިވަނީ އެ މައްސަލައިގެ ޝަރީއަތް މިއަދު ހަވީރު 00: 4 ގައި ބާއްވަން ތާވަލްކޮށްފައި ވަނިކޮށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ