މަލީޝާ ހައްޖު ޖަމާއަތުން އޮޅުވާލައިގެން ފައިސާ ނެގި މައްސަލަ ބަލަނީ

"މަލީޝާ ހައްޖު އެންޑް އުމުރާ ސާވިސަސް" ޖަހާފައި ހުރި އޮފީހަކުން މީހުންނަށް އޮޅުވާލައިގެން ހައްޖަށް ގެންގޮސްދޭނެ ކަމަށް ބުނެ ފައިސާ އަތުލާފައިވާ މައްސަލައެއް މޯލްޑިވްސް ޕޮލިސް ސާވިސްއިން ބަލަން ފަށައިފި އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލު ވިދާޅުވީ އެމައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލަމުންދާ ކަމަށާއި އެގޮތުން 16 ސެޕްޓެމްބަރުން ފެށިގެން މިހާތަނަށް 52 މީހަކު އެޖަމާއަތުގެ ޝަކުވާކޮށްފައިވާ ކަމަށެވެ.
އޮފިޝަލް ވިދާޅުވީ އެ ޖަމާއަތުގެ ވެރިމީހާ މިހާރު ހުރީ ރާއްޖެއިން ބޭރުގައި ކަމަށާއި އެކަމާ ގުޅިގެން ފުލުހުން ކުރަންޖެހޭ ކަންކަން ކުރަމުން އަންނަ ކަމަށެވެ. ނަމަވެސް މިމައްސަލަ އާއި ބެހޭ އިތުރު ތަފްސީލެއް ފުލުހުން ހާމައެއް ނުކުރެ އެވެ.
މާތްވެގެންވާ ހައްޖުގެ އަޅުކަމަށް ދިއުމަށްޓަކައި މަލީޝާ އަށް ފައިސާ ދެއްކި މީހުންގެ އަދަދު 200 އާއި ގާތް ކުރާ ކަމުގެ މައުލޫމާތު ވަނީ ލިބިފައެވެ. އަދި މީހުން އަތުން ފައިސާ އަތުލި އޮފީސް ވެސް މިހާރު ބަންދުކޮށްފައިވާއިރު އެޖަމާއަތުގެ ނަންބަރަށް ވެސް މިހާރު ނުގުޅެ އެވެ.
މަލީޝާ ހައްޖު ޖަމާއަތުން މި އަހަރު ހައްޖަށް ދިއުމަށް ފައިސާ ދެއްކި މީހެއް ބުނީ އެގުރޫޕަށް 67000 ދިވެހި ރުފިޔާ ދައްކާފައިވާނެ ކަމަށާއި ފައިސާ ދެއްކާފައިވާނެ ކަމަށާއި ފޮށި ބަލާ ދިއުމަށް އެތަނުން ގުޅުމުން ރަށްދެބައި މަގުގައި ހުންނަ އެޖަމާއަތުގެ އޮފީހަށް ދިޔަ އިރު އެތަން ބަންދުކޮށް ނަންބޯޑު ވެސް ނަގާފައިވާ ކަމަށެވެ.
އަދި މިހާރު އެޖަމާއަތާއި ހަވާލުކުރި ފައިސާ އާއި ޕާސްޕޯޓު ވެސް ލިބޭނެ ކަމުގެ ޔަގީންކަން ނެތް ކަމަށް ވެސް އޭނާ ބުނެފައިވެ އެވެ. އެހެންކަމުން ރަސްމީ ސިފައެއްގައި އެމައްސަލަ ޕޮލިހަށް ހުށައަޅާފައިވާ ކަމަށް ވެސް އޭނާ ބުނެފައިވެ އެވެ.
"މާދަމާ ހައްޖުވެރިން ފުރަން ފަށާއިރު، މަލީޝާ ޖަމާއަތުން ހައްޖަށްދާން ނިންމައިގެން ތިބި މީހުންނަށް މި ލިބުނީ ކިހާ ބޮޑު ދެރައެއް، މި ޖަމާއަތަށްދިން ފައިސާއާއި ޕާސްޕޯޓު ވެސް ލިބޭނެ ކަމުގެ ޔަގީންކަމެއް ނެތް، މިއީ ވަރަށް ހިތާމަވެރިކަމެއް މިދިމާވީ، ހެޔޮ ނުވާނެ ދެއްތޯ މިފަދަ މާތް އަޅުކަމެއް ކުރަން އުޅޭބަޔަކަށް މިހާވަރަށް އޮޅުވަލާކަށް" އެމީހާ އިތުރަށް ބުނެފައިވެ އެވެ.
އިސްލާމިކް މިނިސްޓްރީއިން ބުނީ އެފަދަ ޝަކުވާތަކެއް އެ މިނިސްޓްރީ އަށް ހުށައެޅިފައިވާ ކަމަށާއި އަދި މިހާރު އެ މައްސަލަ ބަލަމުން އަންނަ ކަމަށެވެ. މިނިސްޓްރީއިން ބުނީ ގްރޫޕްތަކަށް ހުއްދަ ނުދެނީސް އެގްރޫޕްތަކުން ފައިސާ ނަގައިގެން ނުވާނެ ކަމަށެވެ.
ރާއްޖެއިން މިއަހަރު ހައްޖަށްދާ 1000 މީހުން ގެންދިއުމަށް ކޯޓާ ދޫކޮށްފައިވަނީ ސިސިލްފަރު ހައްޖު ގުރޫޕާއި ޒައީމާ ހައްޖު ގުރޫޕާއި އަލްފަތަހަ ޖަމާއަތަށާއި ސަފާއާއި އަތަމާ ހައްޖު ގުރޫޕު އަދި ޔޫއެސް ހައްޖު ގޫރޫޕާއި މަނާސިކާއި ޙައިރު ޖަމާއަތަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ