މިގައުމުގެ ދާޙިލީ ކަންކަމުގެ ތެރެއަށް ޖީއެމްއާރުން ވަނީ ވަރަށް ބޮޑަށް ވަދެފައި - އަބްދުﷲ

މިގައުމުގެ ދާޙިލީ ކަންކަމުގެ ތެރެއަށް އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓު ހިންގަމުން އަންނަ ޖީއެމްއާރުން ވަރަށް ބޮޑަށް ވަދެފައިވާ ކަމަށް ހޯމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަދި މަދަނީ އިއްތިހާދުގެ ނައިބު ރައީސް އަބްދުﷲ މުހައްމަދު ވިދާޅުވެއްޖެ އެވެ.
“ދިވެހިންގެ އެއާޕޯޓު ދިވެހިންނަށް” މިޝިޔާރުގެ ދަށުން އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓު އިންޑިއާގެ ޖީއެމްއާރު އަތުން އަތުލުމަށް ކަމަށް ބުނެ ސަރުކާރު އިއްތިހާދުގައި ހިމެނޭ ޑީއާރުޕީ ފިޔަވައި ހުރިހާ ޕާޓީތައް ގުޅިގެން ކުރިއަށްގެންދާ ހަރަކާތްތަކުގެ ތެރެއިން ކަނޑުމަތީގައި “ކަޅުއޮށްފުންމި ދަތުރު” މިނަމުގައި އިއްޔެ ހަވީރު ކުރިއަށްގެންދިޔަ ހަރަކާތުގެ ތެރެއިން ވާހަކަދައްކަމުން އަބްދުﷲ ވިދާޅުވީ ޖީއެމްއާރުން ފައިސާދީގެން މިކަމަށް ހުރަސް އެޅުމަށްޓަކައި ވަރަށް ގނަ އަދަދެއްގެ މީހުން ފޮނުވާ ހަލަބޮލިކަން އުފެއްދުމަށް މަސައްކަތްކުރަމުންދާ ކަމަށެވެ.
އެހެންނަމަވެސް އިހްލާސްތެރިކަމާއިއެކު ހައްގު ގޮތުގައި ކުރާ އެއްވެސް މަސައްކަތަކަށް ލޮޅުމެއް ނާރާނެކަން ހަރަކާތުން ފެނިގެންދާ ކަމަށާއި ހަރަކާތުގައި ބައިވެރިވަމުންދާ މީހުންނަކީ މިގައުމަށްޓަކައި ފަޙްރުވެރިވާނެ ދިވެހި ދަރިން ކަމަށް ވެސް އަބްދުﷲ އިއްޔެ ވިދާޅުވި އެވެ.
"ޖީއެމްއާރުން ވަނީ މިހަރަކާތައް ހުރަސް އެޅުމަށްޓަކައި ނަން ނޯޓު ކުރި ބައެއް ދޯނިތަކަށް ފައިސާ ދީގެން ދަތުރުތައް ދީފައި، އެކަމާއި އަޅުގަނޑުމެން އުފާކުރަން، އެއީ ރާއްޖޭގެ އިގްތިސޯދަށް ލިބޭ ކުރި އެރުމެއް އަޅުގަނޑުމެންގެ މިހަރަކާތަށް ހުރަސް އެޅުމަށްޓަކައި ޖީއެމްއާރުއިން ހިންދެމިނުލާ މަސައްކަތްކުރަމުން އެބަދޭ، ނަމަވެސް އަޅުގަނޑުމެންނަކީ ޖިއެމްއާރަކަށް އެހެން މާރަކަށް ވެސް ޖާގަ ދީގެން ކަންތައް ކުރާ ބައެއް ނޫން" އަބްދުﷲ ވިދާޅުވި އެވެ.
މިހަރަކާތުގައި ބައިވެރިވާ މީހުންނަކީ ގައުމަށްޓަކައި އިހްލާސްތެރިކަމާއި އެކު މަސައްކަތް ކުރުމަށް އަޒުމް ކަނޑައަޅައިގެން ތިބި ބައެއް ކަމަށާއި އެހެންކަމުން ހައްގުގެ ގޮތުގައި މަސައްކަތްކުރަންޏާ މިކަން ކާމިޔާބު ކުރެވޭނެ ކަމަށް ވެސް އަބްދުﷲ ވިދާޅުވި އެވެ.
ދޯނީގައި ހުންނަވައިގެން ޕީޕީއެމްގެ އިންތިގާލީ ނައިބު ރައީސް އުމަރު ނަސީރު ވިދާޅުވީ ޖީއެމްއާރާއި ދެކޮޅަށް މަސައްކަތްކުރަމުން މިދަނީ ގައުމީ މުދަލެއް ޖީއެމްއާރު އަތުން ހޯދުމަށް ކަމަށާއި ދިވެހި ރާއްޖޭގެ ހުރިހާ ގައުމީ މުދާތަކާއި ތަރިތަކާއި ތާރީހު ވިއްކާލާފައި ކުރީގެ ރައީސް ނަޝީދު ފިލާފައިވާ ކަމަށެވެ.
"ދިވެހި ރާއްޖޭގެ ހުރިހާ ގައުމީ މުދާތަކާއި ތަރިތަކާއި ތާރީހު ވިއްކާލާފަ މިހާރު އޮތީ ފިލާފައި. އޭނަ ކުރިކަންތަކުން އަދިވެސް އަޅުގަނޑުމެންނަށް މިއުޅެނީ ހިންދެމިނުލެވިގެން، ﷲ އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން މިކަމުގައި ކުރި އަރާނަން" އުމަރު ނަސީރު ވިދާޅުވި އެވެ.
ހަރަކާތްތަކުގައި  އަމިއްލަ ޖީބުން ހަރަދުކުރައްވައިގެން ބައެއް އާންމުން ކުރައްވާ މަސައްކަތްތަކަށް ފަށް ފަށުން ޝުކުރު ދަންނަވާކަން ހާމަކުރައްވަމުން އުމަރު ނަސީރު ވިދާޅުވީ ކުރިއަށް އޮތްތަނުގައި ކަނޑުމަތީގައި އުފާފާޅުކުރުމުގެ އުޅަނދު ބުރެއް ޖަހާލަން ޖެހިދާނެ ކަމަށެވެ.
"އަޅުގަނޑުމެންނަށް އެއްވެސް ކަމެއް ނޫން 1000 މީހުން ގޮވައިގެން މާލޭގެ ތޮށިގަނޑުން ފުންމާލައިގެން 1000 މީހުން ބައިގަޑިއިރު ތެރޭގައި ފަތާފައި އައިސް ހުޅުލެއަށް އަރާކަށެއް، މިއީ އެއްވެސް ކަމެއް ނޫން އަޅުގަނޑުމެންނަކަށެއް، މިކަން އެންމެ ރަނގަޅަށް އިނގޭނީ މުހައްމަދު ނަޝީދަށް ސަބަބަކީ މުހައްމަދު ނަޝީދު އަޅުގަނޑު ބުނާ ކޮންމެ ފަހަރަކު މުހައްމަދު ނަޝީދުގެ ދެފައިން ތުރުތުރު އަޅާ ކަމަށް ވަނީ، އަޅުގަނޑު މިހާރު ބޭނުން ވަނީ ފަތަން ހަމައެކަނި ތިބޭފުޅުން ފަތަށް ތައްޔާރުވެލައްވައިގެން ތިބޭތި" އުމަރު ނަސީރު ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ