ރައީސް މައުމޫން މިފަހަރު ގައުމުން ބޭރަށް ވަޑައިގަންނަވަނީ އޭސީސީއަށް އެންގުމަށްފަހު

ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމު އާއިލީ ބޭނުމެއްގައި ގައުމުން ބޭރަށް ވަޑައިގަންނަވާތީ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އަށް މިއަދު އެކަން އަންގަވައިފި އެވެ.
ރައީސް މައުމޫން ގައުމުން ބޭރަށް ވަޑައިގަންނަވާކަން އޭސީސީއަށް އަންގަވާފައި މިވަނީ އޭސީސީން ކުރިއަށް ގެންދާ ތަހުގީގަކަށް ބޭނުންވާ ބަޔާނެއް ނެގުމަށް އޭސީސީން ރައީސް މައުމޫނަށް އަންގާފަވާތީ އެވެ.
ގިނަ ދުވަސްތަކަކު ގައުމުން ބޭރުގައި އުޅުއްވުމަށްފަހު ރައީސް މައުމޫން މާލެ ވަޑައިގެންނެވީ މިދިޔަ ޖޫން މަހުގެ 14 ވަނަ ދުވަހުގެ ރޭގަ އެވެ. ރައީސް މައުމޫން އަލުން ގައުމުން ބޭރަށް ވަޑައިގަންނަވަނީ އެމަނިކުފާނުގެ އަނބިކަނބަލުން ނަސްރީނާ އިބްރާހީމްގެ ކޮއްކޮ ފަރީޝާ އިބްރާހީމް އަވަހާރަވީ ފަހުން 40 ދުވަސް ހަމަވާތީ އެކަމުގައި ބައިވެރިވެވަޑައިގަތުމަށް ސިންގަޕޫރަށް ވަޑައިގަތުމަށެވެ.
ރައީސް މައުމޫން އޭސީސީއަށް ފޮނުއްވި ސިޓީގައި ވިދާޅުވެފައިވަނީ މިމަހުގެ އަށްވަނަ ދުވަހު އާއިލީ ކަމެއްގައި އެމަނިކުފާނު ގައުމުން ބޭރަށް ކުރައްވާ ދަތުރުފުޅުގައި 10 ވަރަކަށް ދުވަސްވާނެ ކަމަށެވެ. އަދި އޭގެފަހުން އޭސީސީން އެދިފައިވާ ބަޔާން ދެއްވާނެ ކަމުގައިވެސް ވިދާޅުވެފައިވެ އެވެ.
އޭސީސީން ރައީސް މައުމޫންގެ ބަޔާނެއް ނަގަން މަސައްކަތް ކުރަނީ ކުރީގެ ރިޔާސީ ގަނޑުވަރު ތީމުގޭގެ 2007 ވަނަ އަހަރާއި 2008 ވަނަ އަހަރުގެ އޮޑިޓް ރިޕޯޓްގެ މައްސަލާގަ އެވެ.
މިމައްސަލާގައި މިދިޔަ މަހުގެ 19 ވަނަ ދުވަހު އޭސީސީން ރައީސް މައުމޫނަށް ފޮނުވާފައިވާ ސިޓީގައި ބުނެފައިވަނީ އެމަނިކުފާނަށް ފަސޭހަފުޅު ވަގުތެއްގައި އެމަނިކުފާނު އެދިވަޑައިގަންނަވާ ތަނަކަށް އޭސީސީގެ ޓީމެއް އެމަނިކުފާނުގެ ބަޔާން ނެގުމަށް ވަޑައިގަންނަވާނެ ކަމަށެވެ.
މިސިޓީއާއި ގުޅިގެން ރައީސް މައުމޫން ވަނީ މިމަހުގެ ދެވަނަ ދުވަހު އޭސީސީއަށް ސިޓީއެއް ފޮނުއްވާފަ އެވެ. މިސިޓީގައި ރައީސް މައުމޫން ވިދާޅުވެފައިވަނީ އޭސީސީން ބޭނުންވާ ބަޔާން ދެއްވުމަށް މިމަހުގެ ހަތަރެއް ނުވަތަ ފަސްވަނަ ދުވަހުން ކުރެ ދުވަހެއްގެ މެންދުރު 13:00 އަށް އޭސީސީއަށް ހާޒިރުވެވިދާނެ ކަމަށެވެ. ނަމަވެސް ރައީސް މައުމޫންގެ މިސިޓީއަށް ޖަވާބު އޭސީސީން އަދި ޖަވާބު ދީފައެއް ނުވެ އެވެ.
އެކަމަކު އޭސީސީން ބުނީ އޭސީސީގެ ތަހުގީގުތަކަށް ކުރީގެ ރައީސުންނާއި، އުއްތަމަ ފަނޑިޔާރުންނާއި، ކުރީގެ އުއްތަމަ ފަނޑިޔާރުންނާއި، މަޖިލީހުގެ ރައީސްއާއި، މަޖިލީހުގެ ކުރީގެ ރައީސުން އޭސީސީއަށް ހާޒިރު ކުރަން ނުޖެހޭ ގޮތަށް އުސޫލެއް އެކުލަވާލާ އާންމުކޮށްފައިވާތީ ރައީސް މައުމޫން އެދިވަޑައިގަންނަވާ ގޮތަށް ކަންކަން ކުރެވެން އޮތްތޯ ބަލަމުންދާ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ