އޭދަފުއްޓަކީ މުޅި ރާއްޖެއިން ނަމޫނާއަކަށް ބަލަންޖެހޭ ރަށެއް: ގާސިމް

ބ. އޭދަފުއްޓަކީ މުޅި ރާއްޖެއިން ނަމޫނާއެއްގެ ގޮތުގައި ބަލަން ޖެހޭ ރަށެއް ކަމުގައި ރައްޔިތުންގެ މަޖިލީހުގު ރައީސް އަދި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް ވިދާޅުވެއްޖެއެވެ.
ގާސިމް އިބްރާހިމް މިހެން ވިދާޅުވީ އޭދަފުށީގައި ކުރިއަށް ގެންދިޔަ އެއްފަސްކުރުމުގެ ޕްރޮގްރާމަށް 50 އަހަރު ފުރުމުގެ މުނާސަބާ ފާހަގަކުރުމަށް އޭދަފުށީގައި މިރޭ ބޭއްވި ޖަލްސާގައި ދެއްކެވި ވާހަކަފުޅުގައެވެ.
އޭދަފުށީ ރައްޔިތުންނަކީ ގައުމަށް ބޭނުންވާ އަގުބޮޑު ދަރިންތަކެއް އުފައްދާފައިވާ ރަށެއްކަން ފާހަގަކުރައްވާ ގާސިމް ވިދާޅުވި އިޖްތިމާއި ގޮތުންނާއި އުމްރާނީ ގޮތުން ވެސް އޭދަފުއްޓަކީ ނަމޫނާ ރަށެއް ކަމަށެވެ. އަދި ކާބަފައިންގެ ޒަމާނުއްސުރެ ވެސް އޭދަފުއްޓަކީ ތައުލީމީ ގޮތުންވެސް އެތައް ގިނަ ޒުވާނުން އުފައްދާފައިވާ ރަށެއް ކަމަށާއި އެޒުވާނުންގެ ހިދުމަތްތައް ގައުމުންނާއި އެރަށުން ވެސް ފެނަމުންދާ ކަމަށް ގާސިމް ވިދާޅުވިއެވެ. ގާސިމް ވިދާޅުވީ ކުރިއަށް އޮތް ދުވަސްތަކުގައި ވެސް ދިވެހި ގައުމު އާރަސްތުކުރުމުގައި ނަމުނާ ދައްކުވައިދޭން ޖެހޭކަން މީގެ 50 އަހަރު ކުރިން އޭދަފުށީ ރައްޔިތުން ދައްކުވާދީފައިވާ ކަަމަށެވެ.
ގާސިމް ވިދާޅުވީ އެހެން ތިން ރަށެއްގެ ރައްޔިތުން އެދަފުށީގައި ވަޒަންވެރިވި ދުވަހު، އެރަށްރަށުގެ މީހުންނަށް އޭދަފުށީ ރައްޔިތުން ދިން މެހުމާންދާރީއަކީ އެހެން ރަށްރަށުގެ މީހުންނަށް ނަމޫނާ މިސާލެއް ކަމަށެވެ. އަދި އެކަމަށްޓައި އޭދަފުށީގައި އޭރު ދިރިއުޅުނު އެންމެހާ ރައްޔިތުންނަށް ގާސިމް ވަނީ ޝުކުރު އަދާކުރައްވާފައެވެ.
އޭދަފުއްޓަށް މީހުން ބަދަލުކުރުމުގެ މަސައްކަތުގައި އަމަލީގޮތުން ހަރަކާތްތެރިވެވަޑައިގެންވި ބޭފުޅުންނަށް މި ޖަލްސާގައި ހަނދާނީ ލިޔުން ދީފައިވާއިރު، ޖަލްސާގެ ޝަރަފްވެރި މެހުމާނެއްގެ ގޮތުގައި ބައިވެރިވެވަޑައިގެންވި ގާސިމް އިބްރާހީމަށްވެސް ވަނީ ދުވަހާ ގުޅޭ ޚާއްސަ ހަނދާނީ ފިލައެއް އަރުވާފައެވެ. އެ ހަނދާނީ ފިލާ ގާސިމަށް އަރުވާފައިވަނީ އޭދަފުށީ ވަފާ ޖަމިއްޔާގެ ޗެއާމަން އަހްމަދު އަންވަރެވެ.
ސަރުކާރުގެ ފަރާތުން އޭދަފުށްޓަށް ބ. ފުނަދޫ، މާއްޑޫ އަދި އުނގޫދޫގެ ރައްޔިތުން ބަދަލުކުރުމުގެ ޕްރޮގްރާމް ފަށާފައިވަނީ 17 އޮގަސްޓް 1968 ގައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ