ކަރަންޓު ކެނޑެން ދިމާވި ޓެކްނިކަލް މައްސަލަ ހައްލުކޮށްފި

މާލޭގެ އެކި ސަރަހައްދުތަކުން މިއަދު ކަރަންޓު ކެނޑުނީ ދިމާވި ޓެކްނިކަލް މައްސަލައަކުން ކަމަށާއި މައްސަލަ ހައްލުކޮށް ހުރިހާ ދިމާއަކަށް ވެސް ކަރަންޓު ފޯރުކޮށްދީފައިވާ ކަމަށް ސްޓެލްކޯއިން ބުނެފިއެވެ.
މިއަދު 11:00 ހާއިރުން ފެށިގެން މާލޭގެ އެކި ސަރަހައްދުތަކުން ކަރަންޓު ކެނޑެމުންދާކަން ކަސްޓަމަރުންގެ ސަމާލުކަމަށް ގެނެސް ސްޓެލްކޯއިން ވަނީ ސޯޝަލް މީޑިއާގައި އެކަން ހާމަކޮށްފައެވެ. ވީއެންމެ އަވަހަކަށް އެ މައްސަލަ ހައްލުކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ވެސް ބުނެފައި ވެއެވެ.
ސްޓެލްކޯއިން ބުނީ ކަރަންޓު ކެނޑުނީ ދިމާވި ޓެކްނިކަލް މައްސަލައަކުން ކަމަށެވެ. އަދި އެ މައްސަލަ ހައްލުކޮށް މާގިނައިރުތަކެއް ނުވެ ހުރިހާ ސަރަހައްދަކަށް އަލުން ކަރަންޓު ފޯރުކޮށްދީފައިވާ ކަމަށް ވެސް ވަނީ ބުނެފައެވެ.
ބައެއް ސަރަހައްދުތަކުން މިއަދު ކަރަންޓު ކެނޑުނު ނަމަވެސް ފުރަބަންދުގެ މުއްދަތުގައި ކަރަންޓުގެ މައްސަލަތައް ވަރަށް ކުޑަކަން ފާހަގަވެއެވެ. ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރ ހަސަން މުޣުނީ ވެސް ވަނީ އެކަން ފާހަގަކުރައްވާފައެވެ.
ސްޓެލްކޯއިން އާދީއްތަ ދުވަހު ބޭއްވި ރަސްމިއްޔާތެއްގައި މުޣުނީ ވިދާޅުވީ ސްޓެލްކޯގެ މަސައްކަތްތަކަށް އެންމެ ބާރުބޮޑުވާ ދުވަސްވަރަކީ ހޫނުމޫސުމުގެ ދުވަސްވަރު ކަމަށެވެ. ނަމަވެސް ކޮވިޑްގެ ހާލަތުގައި ސްޓެލްކޯގެ މުވައްޒަފުން ބުރަ މަސައްކަތްތަކެއްްކޮށް އެހެން އަަހަރުތަކުގެ ހޫނުމޫސުމުގައި ދިމާވާ ކަރަންޓު ކެނޑުމުގެ މައްސަލައަށް ހައްލު ހޯދައިދީފައިވާ ކަމަށް މުޣުނީ ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ