ރައީސް އަބްދުﷲ ޔާމީނަށް ރިޔާސީ ޓިކެޓް ދީފައިވަނީ ހަމަތަކުގެ މަތިން - އީސީ

ޕީޕީއެމްގެ ރިޔާސީ ޓިކެޓް ރައީސް އަބްދުﷲ ޔާމީނަށް ދިނުމަށް އެ ޕާޓީގެ ކައުންސިލުން ނިންމީ އެޕާޓީގެ އަސާސީ ގަވާއިދާ އެއްގޮތަށް ކަމަށް އިލެކްޝަންސް ކޮމިޝަންސް، އީސީން ބުނެފި އެވެ.
ރައީސް އަބްދުﷲ ޔާމީން ރިޔާސަތު ބެލެހެއްޓެވި ކައުންސިލް ބައްދަލުވުމުގައި، އެ މަނިކުފާނަށް ރިޔާސީ ޓިކެޓް ދޭން ނިންމީ ކައުންސިލް މެމްބަރުންގެ އިއްތިފާގުންނެވެ. އެކަން އިލެކްޝަންސް ކޮމިޝަނަށް މިދިޔަ ހަފުތާގައި ހުށަހެޅުމުން، ޓިކެޓް ދިނީ އަސާސީ ގަވާއިދާ އެއްގޮތަށް ތޯ ކޮމިޝަނުން ވަނީ ބަލައިފަ އެވެ.
އިލެކްޝަންސް ކޮމިޝަންގެ މެމްބަރު އަހްމަދު އަކްރަމް ވިދާޅުވީ ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓަކަށް ރައީސް ޔާމީން ހަމަޖެއްސި ގޮތް، އެ ޕާޓީގެ އަސާސީ ގަވާއިދުގެ މާއްދާތަކާއެކު ކޮމިޝަނަށް ފޮނުވާފައިވާ ކަމަށެވެ. އެ ލިޔުންތައް ބެލިއިރު، ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓު ހަމަޖެއްސީ އިޖުރާއަތުތަކާ އެއްގޮތަށް ކަމަށް ކޮމިޝަނުން ކަނޑައަޅާފައިވާކަމަށްވެސް އަކްރަމް ވިދާޅުވިއެވެ.
ޕީޕީއެމުން ބުނެފައިވާ ގޮތުގައި ދެ ވަނަ ދައުރަކަށް ރައީސް ޔާމީނަށް ޓިކެޓް ދޭން ނިންމީ އެ ޕާޓީގެ އަސާސީ ގަވާއިދުގެ 69 ވަނަ މާއްދާގެ (އ)އާ އެއްގޮތަށެވެ.
އެ މާއްދާގައި ބުނެފައި ވަނީ، ޕީޕީއެމްގެ ޓިކެޓުގައި ހޮވިވަޑައިގެން، ހިނގަމުންދާ ދައުރުގެ ރައީސުލްޖުމްހޫރިއްޔާ، ދެ ވަނަ ދައުރަކަށް ކުރިމަތިލައްވަން ބޭނުންފުޅު ނަމަ ޕްރައިމަރީއަކާ ނުލައި އެ ބޭފުޅަކަށް ޕީޕީއެމްގެ ރިޔާސީ ޓިކެޓު ދެވިދާނެ ކަމަށެވެ. ނަމަވެސް، ޕާޓީގެ މުސްތަޝާރާ ވާދަކޮށް، ޕާޓީގެ ޓިކެޓް ހޯދުމަށް އިތުރު މެމްބަރަކު ނުވަތަ މެމްބަރުންތަކެއް ޝައުގުވެރިކަން ފާޅުކޮށްފައިވާ ނަމަ، އެ މެމްބަރަކު ނުވަތަ މެމްބަރުންނަށް ޕްރައިމަރީ އަކަށް ގޮސް ޕާޓީގެ މުސްތަޝާރާ ވާދަކޮށްގެން ޓިކެޓް ހޯދުމުގެ ފުރުސަތު ދޭން ފެނޭތޯ، އެ ރިޔާސީ އިންތިހާބުގެ ތާރީޚާ އެންމެ ކައިރިކޮށް ބޭއްވޭ ޕާޓީގެ ގައުމީ ޖަލްސާއެއްގައި މަންދޫބުންގެ ވޯޓަކުން ނިންމަން ވާނެ ކަމަށް ގަވާއިދުގައި ވެއެވެ.
އޭގެ އިތުރުން ރައީސް ޔާމީނަށް ރިޔާސީ ޓިކެޓް ދޭން ޕީޕީއެމުން ނިންމީ، ރައީސް ޔާމީން ވެރިކަމަށް ވަޑައިގެން ރާއްޖެ އޭރުއޮތް އަނދަވަޅުން ނަންގަވާ އިޖްތިމާޢީ ޙާލަތާއި، ޤައުމުގައި ސުލްޙަ މަސަލަސްކަން ޤާއިމްކޮށް، އިޤްތިޞާދީ ފުދުންތެރިކަން އިތުރުކޮށްދެއްވާ ޢުމްރާނީ ތަރައްޤީ ބާރުމިނުގައި ގެންނަވާފައިވާތީ ކަމަށް ޕީޕީއެމުންވަނީ ހާމަކޮށްފައެވެ.
އަދި ޤައުމުގައި ހަޖެހުން ޤާއިމްކޮށްދެއްވާ ވަރަށް ބޮޑެތި ބިޔަ މަޝްރޫޢުތައް ފަށްޓަވާދެއްވާފައިވުމާއި، ރައްޔިތުންނަށް ދުޅަހެޔޮ ދިރިއުޅުމަކަށް މަގުފަހިކޮށްދިނުމާއި، އިސްލާމް ދީން ނޫން ދީންތަކަށް ފުރުޞަތު ނުދޭނެކަން އެމަނިކުފާނު ސާބިތުކޮށްދީފައިވާތީކަމަށް ޢަބްދުއްރަޙީމް ވިދާޅުވިއެވެ. އެހެންކަމުން ރައީސް ޔަމީން ފަށްޓަވާފައިވާ މަސައްކަތްތައް ނިންމެވުމަށް އިތުރު ދައުރެއް ދޭން ކައުންސިލުން ނިންމީކަމަށެވެ.
ރައީސް ޔާމީން ގެންދަވަނީ އެމަނިކުފާނުގެ ޒަޢާމާތުގައި، ދިވެހިރާއްޖެ ދުވަހަކުވެސް ނުދެކޭ ތަރައްޤީ އާ ތަމައްދަދުން ޤައުމަށް ގެނެސް ދެއްވާ ޤައުމުގައި ހުރި މައްސަލަތަކާ ވާދަކުރައްވާ ކުރި ހޯއްދަވަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ