ޕީޕީއެމް އިން ނިންމާ ނިންމުންތަކާއިމެދު ހިޔާލު ތަފާތުވެ ވަޑައިގެންނަވާނަމަ ޕާޓީގެ ރައީސްކަމުން ކުރީގެ ރައީސް އަދި ޕީޕީއެމްގެ ރައީސް މައުމޫން އަބްދުލްގައްޔޫމް އިސްތިއުފާ ދެއްވަން ޖެހޭ ކަމަށް އަހުމަދު ތަސްމީން އަލީ ވިދާޅުވެއްޖެ އެވެ.
ތަސްމީން މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ ބިންވިއްކުން ފަދަ ހައްސާސް މައްސަލައެއްގައި ޕާޓީގެ ރައީސް މައުމޫން ހިޔާލު ތަފާތުވާނަމަ ޕާޓީގެ ރައީސްކަމުން އިސްތިއުފާ ދެއްވަން ޖެހޭ ކަމަށެވެ.
ރައީސް މައުމޫން ވަނީ ރާއްޖޭގެ ބިން މިލްކުކުރުމުގެ ހައްގު ބޭރުގެ ފަރާތްތަކަށް ދޫކުރުމަކީ އޭގެ ސަބަބުން ރާއްޖެ އާއި ރައްޔިތުންނަށް ދެރަ ގޮތްތަކެއް މެދުވެރިވެދާނެ ކަމެއް ކަމަށް ވިދާޅުވެ ރައީސް އަބްދުﷲ ޔާމީނަށް ސިޓީއެއް ފޮނުއްވާފައެވެ.
އެ ސިޓީގައި މައުމޫން ވިދާޅުވެފައިވަނީ، ރާއްޖޭގެ ބިމަކީ ހަމައެކަނި މިވަގުތު ދިރިތިބި ދިވެހި ރައްޔިތުންގެ ހައްގެއް ނޫން ކަމަށާއި އެއީ އަންނަން އޮތް ޖީލުތަކެއްގެވެސް ހައްގެއް ކަމަށެވެ. އަދި ރާއްޖޭގެ ބިމުން ކިތަންމެ ކުޑަ ތަންކޮޅެއް ވިޔަސް މިލްކުކުރުމުގެ ހައްގު ބޭރުގެ އެއްވެސް ފަރާތަކަށް މީގެ ކުރިން އެއްވެސް ސަރުކާރަކުން ދީފައި ނުވާ ކަންވެސް ފާހަގަކުރައްވާފައިވެއެވެ.
މައުމޫން ވަނީ އިސްލާހު މަޖިލީހުން ފާސްވިޔަސް ތަސްދީގުކުރެއްވުމުގެ ކުރިން އެކަމުގައި ރައްޔިތުންގެ ބަހެއް ހޯދުމަށް ރައީސް ޔާމީން އަރިހުން އެދިވަޑައިގެންފަ އެވެ. ގައުމީ މުހިއްމު މައްސަލަތަކުގައި ރައްޔިތުންނަށް ފެންނަ ގޮތް ބެލުމަށް ރައްޔިތުންގެ ހިޔާލު ހޯދުމުގެ އާއްމު ވޯޓެއް ނެގުމަކީ ގާނޫނުއަސާސީގެ 115 ވަނަ މާއްދާއިން ރައީސަށް ލިބިވަޑައިގެންފައިވާ ބާރެއްކަންވެސް މައުމޫން ފާހަގަކުރައްވާފައިވެ އެވެ.
މައުމޫންގެ އެ ސިޓީފުޅު ރައީސް އަށް ފޮނުއްވާފަނިކޮށް ރައީސް އޮފީހުގެ ތަރުޖަމާނު އިބްރާހިމް މުއާޒް އަލީ ވަނީ ރައީސް ޔާމީނަށް އެކި އެކި ފަރާތްތަކުން ފޮނުއްވާ ސިޓީތަކަށް އެމަނިކުފާނު ޖަވާބު ދެއްވުމުގެ ކުރިން، އާއްމު ކުރައްވައިފި ނަމަ އެ ސިޓީއަކަށް ރައީސް ޖަވާބު ނުދެއްވާނެ ކަމަށް ވިދާޅުވެފައެވެ. މައުމޫންގެ އެ ސިޓީ އެމަނިކުފާނުގެ އޮފީހުން ވަނީ މީޑިއާތަކާއި ހިއްސާކޮށްފައެވެ.
ޕާޓީގެ ނިންމުންތަކާއި ހިޔާލު ފަތާތުވާނަމަ މައުމޫން އިސްތިއުފާ ދެއްވަން ޖެހޭ: ތަސްމީން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ