ރިޔާޟް (ޖޫން 4) : މިސްރުގެ ރައީސް ކަމަށް އިންތިޚާބު ވެވަޑައިގެންފައިވާ އެގައުމުގެ ސިފައިންގެ ކުރީގެ ވެރިޔާ މާޝަލް ރިޓަޔަޑް އަބްދުލްފައްތާޙް އައްސީސީގެ ޒަޢާމަތާ އިދިކޮޅު ފަރާތްތަކަކީ މުޖްތަމައުގެ ސަފުން ބޭރުވެފައިވާ އެކަހެރި ފަރާތްތަކެއް ކަމަށް ސައޫދީ ރަސްގެފާނު އަބްދުﷲ ބިން އަބްދުލްއަޒީޒް ސިފަކުރައްވައިފި އެވެ.
މިސްރުގެ ރައީސް ކަމަށް ސީސީ އިންތިޚާބުވެވަޑައިގަތުމާ ގުޅިގެން އޭނާއަށް މަރްހަބާ ވިދާޅުވެ ފޮނުއްވި ސިޓީއެއްގައި އަބްދުﷲ ވަނީ މިސްރަށް މާލީގޮތުންނާއި އިގްތިސާދީ ގޮތުން އެހީތެރިވެދިނުމުގެ ކަންތައް ވިލަރެސް ކުރުމަށް ޓަކައި އެހީދޭންބޭނުންވާ ފަރާތްތަކުގެ މެދުގައި ޚާއްސަ މަހާސިންތާއެއް ބޭއްވުމަށް ވެސް ގޮވާލައްވާފަ އެވެ. ސީސީ އަށް ފޮނުއްވި ސިޓީގައި ސައޫދީ ރަސްގެފާނު ވިދާޅުވެފައި ވަނީ ސީސީގެ ޒައާމަތުގައި މިސްރަށް މާލީ ގޮތުންނާއި އިގްތިސާދީ ގޮތުން ފުޅާދާއިރާއެއްގައި އެހީތެރިވުމަށް ސައޫދީ ސަރުކާރު ތައްޔާރަށް އޮތްކަމުގަ އެވެ. އަދި މިސްރަށް އެހީ ފޯރުކޮށްދިނުމުގެ ޝައުގުވެރިކަން ހުރި ގައުމުތަކުގެ އިސްވެރިން ވެރިން ބައިވެރިވެވަޑައިގަންނަވާ ގޮތަށް އެކަމާ ބެހޭ ޚާއްސަ މަހާސިންތާއެއް ބޭއްވުމަށް ސައޫދީ ސަރުކާރުން މަސައްކަތް ކުރަމުން ގެންދާކަން ވެސް އަބްދުﷲ ހާމަކުރައްވާފައިވެ އެވެ.
ސީސީ އަށް ޢަބްދުﷲ ފޮނުއްވި ސިޓީގައި ސީސީގެ ޒަޢާމަތާ އިދިކޮޅު ފަރާތްތަކަކީ މުޖްތަމައުގެ ސަފުން ބޭރުވުމުގެ އިތުރުން އެއީ މުޖްތަމައާ ވަކިވެގަތުމަށް މަސައްކަތްކުރާ އެކަހެރި ބައެއް ކަމަށާ އެމީހުންނަށް ޖާގަނެތް ކަމަށް ވެސް ވިދާޅުވެފައިވެ އެވެ. މިގޮތުން ސީސީގެ ޒަޢާމަތުގައި މިސްރަށް އެހީތެރިވުމަށް ފަސްޖެހޭ ފަރާތްތަކަށް "އަހަރެމެންގެ މުޖްތައުގައި ޖާގަނެތް" ކަމަށާއި ސީސީ މިސްރުގެ ޒަޢާމަތަށް ވަޑައިގަތުމަކީ ތާރީޚީ ކަމެއްކަމަށް ވެސް ޢަބްދުﷲގެ ސިޓީގައި ލިޔުއްވާފައިވެ އެވެ.
ސައޫދީ އަރބިޔާއަކީ، ސީސީ އިސްކޮށް ހުންނަވައިގެން މިސްރުގެ ކުރީގެ ރައީސް ޑރ. މުހައްމަދު މުރުސީގެ ވެރިކަން ވައްޓާލުމުން އެކަމަށް ތާއީދުކޮށް މަރްހަބާކިޔާފައިވާ މަދު ގައުމުތަކުގެ ތެރޭގައި ހިމެނޭ ގައުމެކެވެ. ޑރ. މުރުސީގެ ވެރިކަން ވައްޓާލި ފަހުން ސައޫދީ ސަރުކާރުން ދެ ބިލިޔަން ޑޮލަރުގެ އެހީއެއް ނަގުދު ފައިސާގެ ގޮތުގައި މިސްރުގެ މަރުކަޒީ ބޭންކަށްފޯރުކޮށްދީފާވާ ކަމަށް މިސްރުގެ ވަގުތީ ސަރުކާރުން ބުނެފައިވެ އެވެ. މަގާމުން ދުރުކޮށްފައިވާ މިސްރުގެ ކުރީގެ ރައީސް ޑރ. މުރުސީގެ ވެރިކަމުގައި މިސްރަށް އެހީތެރިވުމަށް ސައޫދީންވަނީ ފަސްޖެހިފަ އެވެ. (އަލްއަރަބިއްޔާ)
ސީސީގެ ޒަޢާމަތާ އިދިކޮޅު ފަރާތްތަކަކީ ސަފުން ބޭރުވެފައިވާ ފަރާތްތަކެއް: އަބްދުﷲ ރަސްގެފާނު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ