މެމްބަރު މުޙުސިންގެ ވޯޓު ފަނޑިޔާރު ޑީޑީ ވަކިކުރުމަށް

ސްޕްރީމް ކޯޓުގެ ފަނޑިޔާރު އަލްއުސްތާޛު ޢަބްދުﷲ ދީދީ ފަނޑިޔާރު ކަމުން ވަކިކުރުމަށް ރައްޔިތުން މަޖިލީހުން މިއަދު ނެގި ވޯޓުގައި، ފަނޑިޔާރު ޑީޑީ ވަކިކުރަން ފެންނަ ކަމަށް ނިލަންދޫ ދާއިރާގެ މެމްބަރު ޢަބްދުލް މުޙުސިން ޙަމީދު (ޖޭފޯ) ވޯޓު ދެއްވައިފި އެވެ.
ފަނޑިޔާރު ޑީޑީ މަޤާމުން ވަކިކޮށްފައިމިވަނީ، ރާއްޖޭގައި މިހާތަނަށް ހިންގި އެންމެ ބޮޑު ޚިޔާނާތާއި ގުޅޭ ތުހުމަތުތަކެއް ފަނޑިޔާރު ޑީޑީއަށް ކުރުމަށްފަހުގައި އެވެ. މިވެރިކަން ފެށުނު ފަހުން މީގެ ކުރިންވަނީ ދެކުނު ރަށެއްްގެ މެޖިސްޓްރޭޓެއްވެސް މަޖުލިސް ތެރެއިން މަޤާމުން ވަކިކޮށްފައި އެވެ.
ވެރިކަން ލިބުމާއިއެކު، ވެރިކަން ހިންގާ ކޯލިޝަންގައި ހިމެނޭ މައި ޕާޓީ އެމްޑީޕީން ދަނީ ފަނޑިޔާރުގެ ދޮވެ ސާފު ކުރާނެ ކަމަށް ބުނަމުންނެވެ. އެގޮތުން ޖުޑީޝަން ސަރވިސް ކޮމިޝަން (ޖޭއެސްސީ) ގައި މީގެ ކުރިން ތިއްބެވި ބައެއް މެމްބަރުން ވަކިކުރުމަށްފަހު، މިހާރުއޮތް ވެރިކަމަށް ތާއީދުކުރާ ބަޔަކު ޖޭއެސްސީގެ މެމްބަރު ކަމަށް މިހާރުވަނީ ޢައްޔަންކޮށްފަ އެވެ.
އަދި އަލަށް ޖޭއެސްސީއަށް ޢައްޔަންކުރި މެމްބަރުންނާއިއެކު، ޖޭއެސްސީގެ ބޭނުން ނަހަމަ ގޮތުގައި ހިފާ ޖޭއެސްސީން ދަނީ ފަނޑިޔާރު ޑީޑީގެ އިތުުރުން ރާއްޖޭގެ އެކިކަންކޮޅުތަކުގައި މަސައްކަތް ކުރަމުންދާ ފަނޑިޔާރުންނާއި މެޖިސްޓްރޭޓުންގެ އެކިކަހަލަ މައްސަލަތައް ބަލައި ތަޙުޤީޤު ކުރަމުންނެވެ.
ނިލަންދޫ ދާއިރާގެ މެމްބަރުގެ ވޯޓާއިއެކު ފަނޑިޔާރު ޑީޑީ މިއަދު މަޤާމުން ވަކިކޮށްފައިވާއިރު، ގިނަ ބަޔަކު ދަނީ އެކަމަށް ފާޑު ކިޔަމުންނެވެ.
މަޖިލީހުގެ ނިންމުމަށް ފާޑުކިޔާ ފަރާތްތަކުން ބުނަމުންދަނީ މިއީ ޒާތީ ގޮތުން އެމްޑީޕީން އިސްވެ އޮވެ ނިންމާފައިވާ ނިންމުމެއް ކަމަށެވެ. ފަނޑިޔާރު ޑީޑީ މަޖުލީހުން ވަކިކުރުމުގެ ކުރިން ޖޭއެސްސީން ޑީޑީގެ މައްސަލަބަލާފައިވާއިރު، އެމައްސަލަ ބަލަން ޖޭއެސްސީގެ މެމްބަރުންގެ ގޮތުގައި ތިއްބެވީ، ކުރީގެ ރައީސް އަދި މިހާރުގެ މަޖުލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދަށް މީގެ ކުރިން ޓެރެރިޒަމްގެ ދައުވާކޮށް ކޯޓުން ޙުކުމް ކުރިއިރު، އެމަނިކުފާނުގެ ދިފާޢުގައި ވަކާލާތުކުރަން ތިއްބެވި އެމަނިކުފާނުގެ ދިފާޢީ ވަކީލުންނެވެ. އެއިގެ ތެރޭގައި މަޖުލީހުގެ މެމްބަރު ޙިސާން ޙުސައިން އާއި، އެޓަރނީ ޖެނެރަލް އިބްރާހީމް ރިފްޢަތު އަދި މަސްތޫރު ހުސްނީ ހިމެނެއެވެ.
ޓެރަރިޒަމްގެ ދައުވާގައި ރައީސް ނަޝީދުގެ މައްޗަށް 13 އަހަރު ދުވަހުގެ ޖަލު ޙުކުމެއް އިއްވި ފަނޑިޔާރަކީ، މިއަދު ސްޕުްރީމް ކޯޓުން ވަކިކުރި ފަނޑިޔާރު ޑީޑީ ކަމަށް ވެފައި، ރައީސް ނަޝީދަކީވެސް މިހާރު ޖޭއެސްސީގެ މެމްބަރަކަށް ވުމުން، މިއީ ވަރަށް ބޮޑަށް މަސްލަޙަތާއި ގުޅުންހުރި މައްސަލައެއް ކަމަށް ފަނޑިޔާރު ޑީޑީގެ ޤާނޫނޫ ޓީމުން އަންނަނީ ފާހަގަ ކުރަމުންނެވެ.
މިއަދި ނެގި ވޯޓުގައި ޑީޑީ ވަކިކުރުމަށް ވޯޓު ދީފައިވަނީ އެމްޑީޕީ މެމްބަރުންގެ އިތުރުން، އެމްޑީޕީ ވިސްނުމުގައި މަސައްކަތް ކުރަމުންދާ ޖޭޕީގެ ބައެއް މެމްބަރުންނާއި އަމިއްލަ މެމްބަރުންގެ ތެރެއިން މެމްބަރު މުޙުސިން އާއި މެމްބަރު ޖާބިރު އާއިއެކު ޖުމްލަ 72 މެމްބަރުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ