އަންނަ އަހަރުގެ ރިޔާސީ އިންތިހާބުގައި އިދިކޮޅު ހުރިހާ ޕާޓީތަކުން ގުޅިގެން އެއް ކެނޑިޑޭޓަކު ނެރުމަށާއި އިންތިގާލީ ސަރުކާރެއްގެ ތެރެއިން އިސްލާހު ގެނައުމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ހުށަހެޅި ހިޔާލަށް ގުޅިފައިވާ އިދިކޮޅު ޕާޓީތަކުން ތާއީދުކޮށް އެކި ފޯރަމްތަކުގައި ދަނީ ވާހަކަ ދައްކަމުންނެވެ. ބައެއް ފަރާތްތަކުން ޕޯލްތައް ހަދައިގެން ވެސް ނަތީޖާތައް އެބަ ނެރެ އެވެ. ކެންޑިޑޭޓުން ކަމަށް ބެލެވިދާނެ ބައެއް ބޭފުޅުން ވެސް އެވާހަކަތަކުގައި ބައިވެރި ވަޑައިގެން އެބައުޅުއްވަ އެވެ.
އިދިިކޮޅު ފަރާތްތަކުގެ ތެރޭގައި ހުންނެވި އެންމެ ބޮޑު ސިޔާސީ ތަޖުރިބާކާރަކީ ކުރީގެ ރައީސް މައުމޫނެވެ. އިދިކޮޅު ފަރާތްތަކުން ގަބޫލު ކުރާ ގޮތުގައި އެފަރާތްތަކުގެ އެންމެ ގަދަ ސިޔާސީ ބާރަކީ ވެސް މިހާރު މައުމޫނެވެ. އެހެންނަމެވެސް ރައީސް ނަޝީދުގެ އެ ހިޔާލާއެކު އެންމެން އަނގަފެޅި އިރުވެސް މައުމޫނު އަދިވެސް ހުންނެވީ ހިމޭނުންނެވެ. އެކަމާ ބެހޭ ގޮތުން ބަސްފުޅެއް ވިދާޅު ނުވި އިރު ޓްވީޓަކުން އިޝާރާތެއް ވެސް އަދި ކުރައްވާފައެއް ނުވެއެވެ.
ކުރީގެ ރައީސް ނަޝީދު ލަންކާގައި ހުންނަވައިގެން އެ މަނިކުފާނުގެ ޕާޓީ، އެމްޑީޕީގެ ގައުމީ މަޖިލީހަށް ފޮނުވި އޯޑިއޯ މެސެޖުގައި ވިދާޅުވެފައިވަނީ އަންނަ ރިޔާސީ އިންތިހާބު ވަރަށް ކައިރިވެފައިވާ ކަމަށާއި އެ އިންތިހާބާ ދިމާއަށް ރާއްޖެ އާއި އެމްޑީޕީ މިސްރާބު ޖަހާއިރު މިވަގުތަށް ސާފުވާ ހަގީގަތަކީ އިންސާފުވެރި އިންތިހާބެއް ހޯދުމަކީ ވަރަށް އުނދަގޫ ކެމެކޭ އެވެ. އެ މަނިކުފާނަށް ލިބި ވަޑައިގެން ހުންނެވި މަދު ތަޖުރިބާ އާއި ފެނިވަޑައިގެންނެވި ތަންތަނާއި ކުރެއްވިފައިވާ ކަންކަމަށް ބިނާކޮށް 2018 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ރާއްޖެއަށް އިންތިހާބު ވާންޖެހޭނީ އިންތިގާލީ ރައީސެއް ކަމަށް ވަނީ ވިދާޅުވެފަ އެވެ.
އޭގެ މާނައަކީ އިދިކޮޅު ޕާޓީތައް ވަކިވަކީން ރޭހަށް ނުކުންނަވައިގެން ކާމިޔާބެއް ހޯދޭވަރުގެ ކެންޑިޑޭޓެއް ނެތް ކަމަށް ރައީސް މުހައްމަދު ނަޝީދު ގަބޫލު ފުޅު ކުރެއްވުމެވެ. އަދި އަންނަ ރިޔާސީ އިންތިހާބުގައި އެމަނިކުފާނަށް ވާދަ ނުކުރެއްވޭނެ ކަމަށް ވެސް އެއްބަސްވެ ވަޑައިގެންނެވުމެވެ.
އެމަނިކުފާނުގެ އެ މެސެޖާ ގުޅިގެން ގުޅިފައިވާ ޕާޓީތަކުގެ ތަރުޖަމާނު އަދި ގަލޮޅު ދެކުނު ދާއިރާގެ މެންބަރު އަހުމަދު މަހުލޫފް ވަނީ އެ ވިސްނުން ފުޅަށް ތާއީދު ކުރައްވާފަ އެވެ. އޭނާ އަކީ ރައީސް މައުމޫނާ ވަރަށް ގާތް ކަމެއް އޮންން ބޭފުޅެކެވެ. އެކަމަކު އެއީ މި މައްސަލާގައި ރައީސް މައުމޫނުގެ ވިސްނުންފުޅު ކަމަށް ބަލާނެ ޖާގައެއް ނެތެވެ.
ގައުމަށް އެންމެ ފައިދާ ހުރި ގޮތަކީ އިދިކޮޅުން އެއް ކެނޑިޑޭޓެއް ނެރުން ކަމަށް ބުނަމުން އެކަމުގެ މަޝްވަރާތައް ވެސް މިހާރު ކޮންމެވެސް ވަރަކަށް ހިނގައިގެންފިތަން އެބަފެނެ އެވެ. އެ މަޝްވަރާތަކުގައި އަދާލަތު ޕާޓީން ބައިވެރިވާނެ ކަމަށް ޖަލަށް ބަދަލުކުރުމުގެ ކުރިން އެ ޕާޓީގެ ރައީސް އިމްރާން އަބްދުﷲ ވެސް ވިދާޅުވެފައިވާ ކަމަށް ވެއެވެ. ޖުމްހޫރީ ޕާޓީ ވެސް ތައްޔާރަށް އޮތްކަން ދޭހާވާ ގޮތަށް މަންޒަރާއި ވާކަތައް ދަނީ ނުކުންނަމުންނެެ.
"އަޅުގަނޑުމެން އެއް ކެނޑިޑޭޓަކަށް ފޯކަސްކޮށްގެން އެއް ކެނޑިޑޭޓަކާއެކު ކުރިއަށް ގޮސްފިނަމަ ދިމާވާ ގޮންޖެހުންތައް ފޫއަޅުވާލާފަ ކުރިއަށް ދެވޭނެ،" މަހުލޫފް ވިދާޅުވި އެވެ.
އިންތިގާލީ ރައީސްއަކު ހޮވުމާމެދު ޖުމްހޫރީ ޕާޓީގެ ޑެޕިއުޓީ ލީޑަރު އަދި ކިނބިދޫ ދާއިރާގެ މެންބަރު އަބްދުﷲ ރިޔާޒު ވިދާޅުވެފައި އަންނަ 2018 ވަނަ އަހަރާއި 2019 ވަނަ އަހަރު ރާއްޖޭގައި ބާއްވާ އިންތިހާބުތަކުގައި އިދި ކޮޅުފަރާތްތަކުން ގުޅިގެން މަސައްކަތްކުރާނެ ގޮތުގެ މަޝްވަރާތައް ކުރަން ތައްޔާރެވެ.
ގުޅިފައިވާ ޕާޓީތަކުން ރައީސް ނަޝީދުގެ ވިސްނުން ފުޅަށް ތާއީދު ކުރައްވާ ވާހަކަފުޅު ދައްކަވާފައިވީ ނަމަވެސް، އިދިކޮޅު ފަރާތްތަކާއެކު ސަރުކާރާ ދެކޮޅަށް އެންމެ އިސްކޮށް މަސައްކަތް ކުރަމުން ގެންދަވާ، ރައީސް މައުމޫން މިކަމާ ގުޅޭ ގޮތުން އަދިވެސް ހުންނެވީ ހިމޭނުންނެވެ.
މީގެ ކުރިން ރައީސް ނަޝީދު، ޓްވިޓާ މެދުވެރިކޮށް ނުވަތަ އެހެން ގޮތަކަށް ވެސް ވިދާޅުވާ ކޮންމެ ވާހަކަފުޅަކަށް ރައީސް މައުމޫންގެ ފަރާތްޕުޅުން ވެސް ތާއީދެއް ދެވޭފަދަ ޓްވީޓެއް ކުރައްވަ އެވެ. ނަމަވެސް މި މައްސަލާގައި މިހާތަނަށް އެމަނިކުފާނު އެއްވެސް އެއްވެސް ރަސްމީކޮށް އަދިއެއް ވިދާޅެއް ނުވެ އެވެ.
އިންތިގާލީ ކެނޑިޑޭޓުގެ ބަހުސްގައި މައުމޫން ހިމޭނުން!
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ