މަޑުއްވަރީން ކަރަންޓު ކެނޑި، ރަށް ކަނު އަނދިރީގައި

މ. މަޑުއްވަރީއަށް ކަރަންޓު ދޭން ބޭނުން ކުރަމުން އައި ޖަނެރޭޓަރު ހަލާކުވެ އެ ރަށުން ކަރަންޓު ކަނޑައިގެން ގޮސްފިއެވެ. އެ ރަށުން "ސަން"އަށް މައުލޫމާތު ދިން މީހަކު ކިޔައިދިން ގޮތުގައި ކަރަންޓު ކަނޑައިގެން ދިޔައީ މިއަދު ހެނދުނު 09:30 ހާ އިރު އެވެ. ކަރަންޓު ކަނޑައިގެން ދިއުމާ އެކު ފ. އަތޮޅުން ޖަނެރޭޓަރެއް ގެނެސް ގުޅަން އުޅުނުތަނާ ރައްޔިތުން ނުކުމެ މުޒާހަރާކޮށް އެކަން ހުއްޓުވީއެވެ. "އަބަދުވެސް މި މައްސަލަ ޖެހޭ. ކޮންމެ ފަހަރަކުވެސް ގެންނަނީ ބާ އިންޖީނެއް. ގެނެސްގެން އޭތިން ކަރަންޓު ދެނީ. ބާ އިންޖީނެއް ގެނެސްގެން ކަރަންޓު ދެންޏާ މިހެން ވާނެ ދެއްތޯ. އަޅުގަނޑުމެން ބޭނުން ވަނީ އާ އިންޖީނެއް ގެނެސްގެން ރަށަށް ކަރަންޓު ދޭން،" އެމީހާ ކިޔައިދިނެވެ. އެ ރަށުގައި މިރޭ ކުރި މުޒާހަރާގައި ރަށުގެ ގިނަ އަދަދެއްގެ ރައްޔިތުން ބައިވެރިވި އިރު، މުޒާހަރާ މެދުކަނޑާލީ ފުލުހުން މެދުވެރިވެގެން ކަމަށްވެސް އޭނާ ވިދާޅުވިއެވެ. "ފެނަކާއިން ވިދާޅުވީ ހަތް ދުވަސް ތެރޭ ދާއިމީ ހައްލެއް ގެނެސްދެއްވާނެ ކަމަށް. އެހެންވެ އެގޮތަށް ޝަރުތުކޮށް މުޒާހަރާ މެދުކަނޑާލީ،" އޭނާ ކިޔައިދިނެވެ. "ސަން"އަށް މައުލޫމާތު ދެއްވަމުން ފެނަކައިގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ޝަރީފު ވިދާޅުވީ އެ ރަށުގައި ދިމާވީ އެމެޖެންސީއެއް ކަމަށެވެ. އަދި އެ ރަށުގައި ބޭނުން ކުރަމުން އައީ، 100 ކިލޯ ވޯޓުގެ ޖަނެރޭޓަރަކާއި 80 ކިލޯ ވޯޓާއި 50 ކިލޯ ވޯޓުގެ ޖަނެރޭޓަރެއް ކަމަށެވެ. އެރަށުގެ ކަރަންޓު ލޯޑަކީ 70 ކިލޯ ވޯޓު ކަމަށްވާއިރު، އެރަށުގައި ބޭނުން ކުރަމުން އައި 100 ކިލޯ ވޯޓުގެ ޖަނެރޭޓަރުގެ ފިއުލް ޕަމްޕު މިދިޔަ ބުރާސްފަތި ދުވަހު ހަލާކުވުމާ ގުޅިގެން ވަގުތީ ގޮތުން ކަރަންޓު ދެމުން އައީ 80 ކިލޯ ވޯޓުގެ ޖަނެރޭޓަރުންނެވެ. "އެރަށުގައި ތިން ޖަނެރޭޓަރު ބަހައްޓާފައި ހުންނާނީ ބެކަޕްވެސް ދެވޭ ގޮތަށް. ދެން 100 ކިލޯ ވޯޓުގެ ޖަނެރޭޓަރުގެ ޕަމްޕަށް ދިމާވި މައްސަލަ ރަނގަޅު ކުރަމުން ދަނިކޮށް 80 ކިލޯ ވޯޓުގެ ޖަނެރޭޓަރުގެ ފޭން އަށް މައްސަލަ ދިމާވީ. ވަރަށް ދިމާ ނުވާ މައްސަލައެއް މިއީ. ދެ ޖަނެރޭޓަރު އެއްފަހަރާ ހަލާކުވުން މިއީ،" ޝަރީފް ވިދާޅުވިއެވެ. މުޒާހަރާ ކުރުމުން ފުލުހުން މެދުވެރިކޮށް މިހާރު މައްސަލަ ހައްލުކޮށް، އިރުކޮޅެއްގެ ތެރޭ 80 ކިލޯވޯޓުގެ ޖަނެރޭޓަރު ހިންގަން ފަށައި، އެރަށަށް ކަރަންޓު ދޭން ފަށާނެ ކަމަށާއި، ކުރިއަށް އޮތް ހަތަރު ދުވަސްތެރޭ 100 ކިލޯ ވޯޓުގެ ޖަނެރޭޓަރުގެ ޕަމްޕު ރަނގަޅު ކުރުމަށްފަހު އެރަށަށް ފޮނުވާނެ ކަމަށްވެސް ޝަރީފް ވިދާޅުވިއެވެ. ކަރަންޓު ކަނޑައިގެން ގޮސް، އެވީ ވަގުތުތަކުގައި އެރަށަށް ކަރަންޓު ދެމުން އައީ 50 ކިލޯ ވޯޓުގެ ޖަނެރޭޓަރަކުންނެވެ. އެ ޖަނެރޭޓަރުން ކަރަންޓު ދެވެނީ ރަށުގެ ތިން ބައިކުޅަ އެއްބަޔަށެވެ. ޝަރީފް ވިދާޅުވީ އެރަށުގެ ކަރަންޓަށް ދިމާވެފައިވާ މައްސަލަ މުޅިން ހައްލުވާނީ އެރަށުގައި އަޅާފައި ހުރި އާ އިންޖީނުގެއަށް ޖަނެރޭޓަރުތަކާއި ކޭބަލްތައް ޓްރާންސްފާކޮށްގެން ކަމަށެވެ. "މިހާރު މިއޮތީ ސްޓޭބަލައިޒްކޮށް. ނަމަވެސް ފުރިހަމަ ހައްލެއް ދެވޭނީ އާ އިންޖީނުގެއަށް ބަދަލުވީމަ. އެމަސައްކަތް ފަށާނެ ވަރަށް އަވަހަށް. އާ ޖަނެރޭޓަރެއްވިޔަސް ބާ ޖަނެރޭޓަރެއް ވިޔަސް ކަރަންޓު ދެވެންޏާ ރަނގަޅު ދެއްތޯ،" ޝަރީފް ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ