ޝަހީދު ހުސައިން އާދަމްގެ ބައްޕަ އާއި މަންމަ ޕީޕީއެމުން ހައްޖަށް ފޮނުވަނީ

މީގެ 25، އަހަރުކުރިން ނޮވެމްބަރު 3، 1988 ގައި ރާއްޖެ އަށް ކުރިމަތިވި އުދުވާނީ ހަމަލާގައި ޝަހީދުވި ހުސެއިން އާދަމްގެ މަންމަ އާއި ބައްޕަ ހައްޖަށް ފޮނުވުމަށް ޕީޕީއެމުން ނިންމައިފި އެވެ.
"ހަވީރު"ން ކުރި ސުވާލަކާ ގުޅިގެން ޕީޕީއެމްގެ ޕާލިމެންޓްރީ ގްރޫޕުގެ ލީޑަރު އަހްމަދު ނިހާން ހުސެއިން މަނިކު ވިދާޅުވީ ޝަހީދު ހުސައިން އާދަމްގެ މަންމަ އާއި ބައްޕަ ހައްޖަށް ނުގޮސް ތިބިކަން އެނގިވަޑައިގަތީ މިދިޔަ އަހަރު އޭނާ ހދ. ކުޅުދުއްފުއްޓަށް ކުރެއްވި ދަތުރެއްގައި ކަމަށެވެ. އެކަން ކުރީގެ ރައީސް އަދި ޕީޕީއެމްގެ ރައީސް މައުމޫން އަބްދުލްގައްޔޫމްއާ ހިއްސާކުރެއްވުމުން، އެ ދެ މީހުން ހައްޖަށް ފޮނުވައިދެއްވާނެ ކަމުގެ ޔަގީންކަން ދެއްވި ކަމަށް އޭނާ ވިދާޅުވި އެވެ.
"ޖާގަ ނުލިބުނީމަ މިދިޔަ އަހަރު ހައްޖަށް ފޮނުވޭނެ ގޮތެއް ނުވީ. އެހެންވެ މި އަހަރު ޖާގަ ހޯއްދަވައި ރައީސް މައުމޫން އާއި ރައީސް އަބްދުﷲ ޔާމީންގެ ނަންފުޅުގައި އެ ދެ މީހުން ހައްޖަށް ފޮނުވަނީ. އެކަމަށް ފައިސާގެ ހުރިހާ ކަމެއް ހަމަޖައްސަވައިދެއްވީ ރައީސް މައުމޫންގެ ކޮއްކޯފުޅު މުސްލިމާ އަބްދުލް ގައްޔޫމްގެ ފިރިކަލުން މަނިކު،" ނިހާން ވިދާޅުވި އެވެ.
ޝަހީދު ހުސައިން އާދަމްގެ މަންމަ އާއި ބައްޕައާ ރައީސް މައުމޫން ބައްދަލުކުރައްވަނީ. --ފޮޓޯ: ނިހާން ފޭސްބުކް އޭނާ ވިދާޅުވި ގޮތުގައި މައުމޫން ވަނީ މި ހަފުތާ ތެރޭގައި ނަސަންދުރާގައި، ހުސައިން އާދަމްގެ ބައްޕަ އާއި މަންމައާ ބައްދަލުކުރައްވައި ހައްޖުގެ މާތްކަން ވިދާޅުވެ ދެއްވައި، އެ މަނިކުފާނު ހައްޖާ ގުޅ ޭގޮތުން ލިއުއްވި ފޮތެއް ހަދިޔާކުރައްވައިފަ އެވެ.
ރައީސް އަބްދުﷲ ޔާމީން ވެސް ޝަހީދު ހުސައިން އާދަމްގެ މައިންބަފައިންނާ މުލިއާގޭގައި ބައްދަލުކުރެއްވި ކަމަށް ނިހާން ވިދާޅުވި އެވެ. އެ ބައްދަލުވުމުގައި، ބަލި ހާލަތު ހުރި ގޮތުން އެ ދެމަފިރިންނާ އެކު އިތުރު މީހަކު ފޮނުވައިދޭން އެދުމުން ރައީސް ޔާމީން އެކަން ހަމަޖައްސަވައިދެއްވާފައިވާ ކަން ވެސް ނިހާން ފާހަގަކުރެއްވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ