ކްރިމިނަލް ކޯޓުގައި މުވައްޒަފުންނަށް މަސައްކަތް ކުރުމަށް ރައްކާތެރި އަމާން މާހައުލެއް ގާއިމްވެފައި ނެތް ކަމަށް އެ ކޯޓުގެ އިސް ގާޒީ އަބްދުﷲ މުހައްމަދު މިއަދު ވިދާޅުވެއްޖެ އެވެ.
ކްރިމިނަލް ކޯޓުގައި މުވައްޒަފުންނަށް އަމާން މާހައުލެއް ނެތް ކަމަށް ބުނެ މުވައްޒަފުން ޝަކުވާ ކުރަމުން އަންނަތާ އެތައް އަހަރެއް ވެއްޖެ އެވެ. ކުށުގެ ތުހުމަތުގައި ކޯޓަށް ގެންނަ މީހުންގެ ފަރާތުން މުވައްޒަފުންނަށް ޖިސްމާނީ އަނިޔާ ލިބޭ މައްސަލަ ބޮޑުވެފައި ވާތީ މުވައްޒަފުން އެތައް ފަހަރަކު ވަނީ އެ މައްސަލަ ނަގައިފަ އެވެ. އަދި ދާދި ފަހުން ބަންދުގެ މުއްދަތަށް ކޯޓަށް ގެނައި މީހެއްގެ ފަރާތުން ކޯޓުގެ މުވައްޒަފުންތަކަކަށް ޓީބީ ޖެހިފައިވާތީ، ކޯޓުގައި މުވައްޒަފުންނަށް އަމާން، ރައްކާތެރި މާހައުލެއް ގާއިމްކުރުމަށް އެދި މުވައްޒަފުން ވަނީ ޕެޓިޝަނެއް ހުށަހަޅައިފަ އެވެ.
މުއްދަތު އިތުރުކުރަން ގެނައި ޓީބީ ޖެހިފައިވާ މީހާގެ ފަރާތުން ކްރިމިނަލް ކޯޓުގެ ދެ މުވައްޒަފަކަށް ޓީބީ ޖެހި ސީރިއަސް ހާލަތަކަށް ދިޔަ އެވެ. އެހެން ދެ މީހަކަށް ވެސް ބަލި ޖެހިފައިވާ ކަމަށްވެ އެވެ. އަދި ޓީބީގެ ނުރައްކާ ބޮޑުވުމުން ހުރިހާ މުވައްޒަފުން ވެސް ވަނީ ޓީބީ އަށް ޓެސްޓުކޮށްފަ އެވެ.
ކްރިމިނަލް ކޯޓުގެ މާހައުލާ ގުޅޭ ގޮތުން ސުވާލު ކުރުމުން އިސް ގާޒީ ވިދާޅުވީ ކޯޓުގައި މުވައްޒަފުން މަސައްކަތް ކުރުމަށް ރައްކާތެރި މާހައުލެއް ނެތް ކަމަށް ގަބޫލު ކުރައްވާ ކަމަށެވެ. އަދި ވިދާޅުވީ ކޯޓުގެ މާހައުލު ރައްކާތެރި ނޫންކަން "އެންމެނަށް ވެސް އެނގޭ" ކަމަށާއި މުވައްޒަފުން އެ ޝަކުވާ ކުރަމުން އަންނަތާ ކިތަންމެ ދުވަހެއް ވެއްޖެ ކަމަށެވެ.
"އިއްޔެއަކު މިއަދަކު ނޫން އެ ޝަކުވާ ކުރީކީ. ކިތަންމެ ދުވަހެއް ވެއްޖެ. އަޅުގަނޑުމެން އަބަދުވެސް ކަމާ ބެހޭ ފަރާތްތަކަށް ދަންނަވަމުން މި ދަނީ އެ މައްސަލައިގައި ހައްލެއް ހޯދައިދިނުމަށް. އެކަމަކު މިއަދާ ހަމައަށް ވެސް އެއްވެސް ފަރާތަކުން ހައްލެއް ހޯދައިދީފައެއް ނެތް،" އަބްދުﷲ ގާޒީ ވިދާޅުވި އެވެ.
ކޯޓުގައި ރައްކާތެރި މާހައުލެއް އަވަސް މުސްތަގުބަލެއްގައި ގާއިމްކުރެވިދާނެ ކަމަށް ވިދާޅުވަން ނޭނގޭ ކަމަށް ވެސް އަބްދުﷲ ގާޒީ ވިދާޅުވި އެވެ.
ކްރިމިނަލް ކޯޓުގައި މުވައްޒަފުންނަށް ރައްކާތެރި މާހައުލެއް ނެތް: އިސް ގާޒީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ