ޕީޕީއެމް ޖަލްސާއަށް ރައީސް މައުމޫން އާއި ނައިބު ރައީސް ޖަމީލް ގެންދެވީ ބޮލުގައި ބަޑިޖައްސައިގެން - އިމްރާން

ޕީޕީއެމް އެމްޑީއޭ ޖަލްސާއަށް ރައީސް މައުމޫން އާއި ނައިބު ރައީސް ޑރ. ޖަމީލް ގެންދެވީ ބޮލުގައި ބަޑިޖައްސައިގެން ކަމަށް އަދާލަތު ޕާޓީގެ ރައީސް އައްޝެއިހް އިމްރާން އަބުދުﷲ ވިދާޅުވެއްޖެއެވެ.
އިމްރާން މިހެން ވިދާޅުވީ މާލޭ ސިޓީ ކައުންސިލްގެ ގޯތިތެރޭގައި މިރޭ ކުރިއަށް ދިޔަ "އަނިޔާވެރިކަމާއި ދެކޮޅަށް" ނަމުގައި އިދިކޮޅު އެމްޑީޕީ، ޖޭޕީ، އަދާލަތު ޕާޓިގެ ޖަލްސާގައި ވާޙަކަ ދައްކަވަމުންނެވެ.
އިމްރާން ވިދާޅުވީ މިރޭ ޕީޕީއެމުން ބޭއްވި ޖަލްސާއަށް ދިޔަ އެންމެން ގެންދިޔައީ ބޮލުގައި ބަޑި ޖައްސައިގެން ކަމަށާއި އަނިޔާވެރިކަމާ ދެކޮޅަށް ރައްޔިތުން އުފުލަމުންދާ އަޑު ސަރުކާރަށް ނީވޭކަމަށެވެ. އެހެން ކަމުން އެ އަޑު އިއްވުމަށްޓަކައި މޭ 1 ގައި ބޮޑު އެއްވުމެއް ބާއްވަން ނިންމާފައިވާ ކަމަށާއި އެ ދުވަހު ރައީސް އަބްދުﷲ ޔާމީން "ސުލްހައިގެ މޭޒަށް" ގެންނާނެ  އިމްރާން ވިދާޅުވިއެވެ.
މިހާތަނަށް އިދިކޮޅު ފަރާތްތަކުން މަސައްކަތްކުރީ ސުލްހައިގެ މޭޒަށް ސަރުކާރު ގެންނަން ކަމަށާއި، ނަމަވެސް އެ އަޑުތައް ސަރުކާރަށް އިވިފައި ނުވާ ކަމަށްވެސް އިމްރާން ވިދާޅުވިއެވެ.
"ޔާމީނަށް އަޑު އިއްވާނަން، ޔާމީނަށް އަޑު އިއްވާނަން، މަޑަކުން ނުހުރެވޭނެ. އެ ދުވަހު [މޭ 1 ގައި] ޖެހޭނެ ސުލްހައިގެ މޭޒަށް އަންނަން. އެވަރަށް އަޑު އިއްވާނަން." އިމްރާން ވިދާޅުވި އެވެ.
މޭ މަހުގެ 1 ވަނަ ދުވަހު ބާއްވާ އެއްވުން ބާއްވާނީ ފެބްރުއަރީ މަހުގެ 27 ވަނަ ދުވަހު ބޭއްވި އެއްވުމުގެ ނަމޫނާ އާއި އެއްގޮތަށް ކަމަށާއި އެ އެއްވުމަށް އެންމެހާ ރައްޔިތުންނަށް ގޮވާލައްވަނީ "ވޭނާއި ހިތާމައިން ފުރިގެންވާ ހާލުގައި" ކަމަށް އިމްރާން ވިދާޅުވި އެވެ،
ރައީސް ޔާމީން މިހާރު މަސައްކަތް ކުރައްވަނީ އިދިކޮޅު ޕާޓީތައް، އެއް ޕާޓީ، އަނެއް ޕާޓީއާ ޖައްސައި، އިދިކޮޅު ޕާޓީތަކުގެ އިސްވެރިންގެ އަގު ވައްޓާލުމަށް ކަމަށާއި ނަމަވެސް އެކަން އެމަނިކުފާނަށް ކާމިޔާބު ނުކުރެވޭނެ ކަމަށްވެސް މި ޖަލްސާގައި އިމްރާން ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ