ޝަރުތަކާ އެކު ދިއްގަރު ދާއިރާގެ މެމްބަރު ފާރިސް މައުމޫނު ބަންދުން ދޫކޮށްލައިފި

ޝަރުތަކާ އެކު ދިއްގަރު ދާއިރާގެ މެމްބަރު ފާރިސް މައުމޫނު ބަންދުން ދޫކޮށްލައިފިއެވެ.ފާރިސްގެ މައްޗަށް ދައުލަތުން ކޮށްފައިވާ ދައުވާގެ މިއަދުގެ އަޑުއެހުމުގައި ފާރިސް ދޫކޮށްލަން ކުރިމިނަލް ކޯޓުން އަމުރު ކުރީ ތިން ޝަރުތެއް ކަނޑައަޅާފައެވެ. އެގޮތުން ހެއްކަށް ނުފޫޒު ނުފޯރުވުމާއި، ކޯޓުން އަންގާ ކޮންމެ ވަގުތަކު ކޯޓަށް ހާޒިރު ވުމާއި، ކޯޓުގެ ހުއްދައެއް ނެތި ރާއްޖޭން ބޭރަށް ނުދިއުމަށް ޝަރުތުކޮށްފައިވެއެވެ. އެމައްސަލާގައި ފާރިސްގެ ފަރާތުން މިނިވަން ތިންވަނަ ފަރާތެއް މެދުވެރިކޮށް ތަހުލީލު ކުރުމަށް ވަނީ އެދިފައެވެ. މިއަދުގެ އަޑުއެހުމުގައި ގާޒީ ވިދާޅުވީ އެކަމަށް ގިނަ ދުވަސްތަކެއް ނަގާނެ ކަމަށް ބެލެވޭތީ އަދި މިހާރުވެސް ބަންދުގައި ގިނަ ދުވަސްތަކެއް ހުރުމުން ބަންދުން ދޫކޮށްލަން ނިންމީ ކަމަށެވެ. ފޮރެންސިކް ހެކި ތަހުލީލު ކުރުމަށް ފާރިސްގެ ފަރާތުން ވަނީ މިނިވަން ތިން ވަނަ ފަރާތެއްގެ ނަން މިއަދު ވަނީ ކޯޓަށް ހުށަހަޅާފައެވެ. ފޯނުގެ ފޮރެންސިކް ރިޕޯޓާ ގުޅިގެން ފާރިސްގެ ވަކީލުން މީގެ ކުރިން ފާހަގަކުރި މައްސަލައަކީ ފުލުހުން އެ ފޯނު ހިފެހެއްޓި ތާރީޚުގެ ފަހުން އެ ފޯނަށް ލިބިފައި ހުރި ފޮޓޯތަކެއް އެ ރިޕޯޓުގައި ހުށަހަޅާފައި އޮތް މައްސަލައެކެވެ. ފޯނު ހިފެހެއްޓި ތާރީހެއްގެ ގޮތުގައި އެ ރިޕޯޓުގައި އޮތީ މިދިޔަ އަހަރުގެ ޖޫން މަހުގެ ފަސް ވަނަ ދުވަސް. ނަމަވެސް ރިޕޯޓުގައި ފާހަގަ ކޮށްފައި އޮތް ފޮޓޯއަކީ ޖޫން 15 ވަނަ ދުވަހުގެ ފޮޓޯއެއް ކަމަށެވެ.އެހެންކަމުން ފާރިސްގެ ވަކީލުން ވަނީ އެ ރިޕޯޓް ބަލައިނުގަނެވޭނެ ކަމަށް ވިދާޅުވެ ހެކި އިތުރަށް ތަހްލީލް ކުރަން ބޭނުންވާ ކަމަށް ހުށަހަޅާފައެވެ. ފާރިޝްގެ ވަކީލު މައުމޫނު ހަމީދުގެ ވާހަކަތަކަށް ރައްދު ދެއްވައި ދައުލަތުން މީގެކުރިން ބުނެފައި ވަނީ އެ ފޯނު ހިފެހެއްޓި ތާރީޚުގެ ގޮތުގައި ޖޫން މަހުގެ ފަސް ވަނަ ދުވަސް ލިޔެފައި އޮތީ އޮޅުމަކުން ކަމަށާއި ރަނގަޅު ގޮތަކީ ޖުލައި މަހުގެ ފަސް ވަނަ ދުވަސް ކަމަށެވެ. ރައްޔިތުންގެ މަޖަިލީހުގެ މެންބަރުންނަށް ރިޝްވަތު ހުށަހެޅި ކަމުގެ ތުހުމަތުގައި ފާރިސް މައުމޫން ހައްޔަރު ކުރީ 2017 ވަނަ އަހަރުގެ ޖުލައި 18 ގައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ