މުގާބޭގެ އިސްތިއުފާއާއިއެކު ޒިމްބާބްވޭގެ ރައްޔިތުން އުފާ ފާޅު ކުރަނީ
37 އަހަރު ވެރިކަން ކުރެއްވުމަށްފަހު، ޒިމްބާބްވޭގެ ރައީސް ރޮބާޓް މުގާބޭ އިސްތިއުފާދެއްވުމުން އެގައުމުގެ ރައްޔިތުން އުފާފާޅު ކުރަމުން އެބަދެއެވެ. ޒިމްބާބްވޭގެ ކުރީގެ ރައީސް ރޮބާޓް މުގާބޭ ވަނީ 37 އަހަރު ޒިމްބާބްބޭގެ ރައީސްކަން ކުރައްވާފައެވެ. އުމުރުފުޅުން 93 އަހަރުގެ މުގާބޭ އިސްތިއުފާ ދެއްވާފައިވަނީ ޒިމްބާބްވޭގެ އަސްކަރިއްޔާއިން އެމަނިކުފާނު ގޭބަންދުގައި ބަހައްޓައިގެން އުޅޭތާ ހަފްތާއެއްވީ ފަހުންނެވެ. އަދި އެމަނިކުފާނުގެ އަމިއްލަ ޕާޓީ، އަދި ޒިމްބާބްވޭގެ ވެރިކަން ކުރާ ޕާޓީ ޒާނޫ ޕީއެފްގެ ލީޑަރޝީޕުންވެސް އިސްތިއުފާ ދެއްވުމުގެ ކުރިން މުގާބޭ ވަނީ ވަކިކޮށްފައެވެ. މުގާބޭގެ އިސްތިއުފާގެ ސިޓީގައި ވަނީ ޒިމްބާބްވޭގެ ޤާނޫނު އަސާސީގެ 96 ވަނަ މާއްދާއަށް ރިއާޔަތްކޮށް، އެގައުމުގެ ރައީސްކަމުން މިހާރުން މިހާރަށް އިސްތިއުފާ ދެއްވާ ކަމަށް ވިދާޅުވެފައެވެ. މުގާބޭ އިސްތިއުފާ ދެއްވާފައިވާއިރު، އެމަނިކުފާނުގެ އަނބިކަނބަލުން ގްރޭސް މުގާބޭ ވަނީ ޤައުމު ދޫކުރައްވާ ފިއްލަވާފައި ކަމަށް ޚަބަރުތައް ބުނެއެވެ. އެގޮތުން އެކަމަނާ ވަޑައިގަތީ ޒިމްބާބްވޭއާއި އަވަށްޓެރި ނަމީބިއާއަށް ކަމަށްވެސް ބައެއް މީޑިޔާތަކުގައި ވަނީ ބުނެފައެވެ. މުގާބޭ އިސްތިއުފާ ދެއްވުމާއި ގުޅިގެން ޒިމްބާބްވޭގެ އެތައްހާސް ރައްޔިތުން އަންނަނީ އުފާފާޅުކުރަމުންނެވެ. އެގޮތުން ވެރިރަށް ހަރާރޭގެ މަގުތަކަށް ގިނަ ބަޔަކު އެއްވެފައިވާއިރު، މުގާބޭ އިސްތިއުފާދެއްވުމަކީ، ޒިމްބާބްވޭއަށް މިނިވަންކަން ލިބުން ފަދަ ކަމެއް ކަމަށް ގިނަ ބަޔަކު އަންނަނީ ސިފަކުރަމުންނެވެ. އުފާފާޅުކުރުމުގެ ހަރަކާތްތަކުގައި ބައިވެރިވި މީހަކު ބުނީ އޭނާ އުފަންވީސުރެ، މުގާބޭގެ ވެރިކަން ނޫން އެހެން ވެރިކަމެއް ފެންނާނެ ކަމަށް ދުވަހަކުވެސް ހީނުކުރާ ކަމަށެވެ. އަދި މުގާބޭ އިސްތިއުފާ ދެއްވުން އެއީ ޤަބޫލް ކުރަން ދަތިވި ކަމެއް ކަމަށްވެސް އޭނާ ވަނީ ބުނެފައެވެ. ޒިމްބާބްވޭގައި މުގާބޭއާއި ދެކޮޅަށް އެންމެ ފަހުން ފެށި މުޒާހަރާތައް ފެށިގެން ދިޔައީ ނޮވެމްބަރުމަހުގެ 6 ވަނަ ދުވަހު އެގައުމުގެ ނައިބް ރައީސް އެމާސަން ނަންގަގްވާ މަގާމުން ދުރުކުރުމާއި ގުޅިގެންނެވެ. މުގާބޭ އިސްތިއުފާ ދެއްވުމަށްފަހު އަންނަ އަހަރު ބާއްވާ ރިޔާސީ އިންތިޚާބްގެ ނިޔަލަށް ޒިމްބާބްވޭގެ ވަގުތީ ލީޑަރު ކަމާއި ހަވާލުވެވަޑައިގަންނަވާނީ ނައިބް ރައީސް އެމާސަން ކަމަށް ޚަބަރުތައް ބުނެއެވެ. ފާޑުކިޔުންތަކާއި ގުޅިގެން އިސްތިއުފާދެއްވި މުގާބޭއަކީ ޒިމްބާބްވޭގެ ބަތަލެއްގެ ގޮތުގައި މީގެ ކުރިން އެތައް ބަޔަކު ސިފަކުރަމުން އައި ބޭފުޅެކެވެ. އެގޮތުން 1970 ވަނަ އަހަރު ޒިމްބާބްވޭއަށް މިނިވަންކަން ހޯއްދަވައިދެއްވީ މުގާބޭއެވެ. މުގާބޭ ޒިމްބާބްވޭގެ ރައީސްގެ މަގާމާއި ހަވާލުވެވަޑައިގަތީ 1980 ވަނަ އަހަރުއެވެ. މީގެ ކުރިން ގިނަ ބައެއްގެ ލޯބި ހޯއްދެވި މުގާބޭއަށް މީހުންގެ ރުޅިވެރިކަމާއި ކުރިމަތިލައްވަން ޖެހިވަޑައިގަތީ ޒިމްބާބްވޭގެ އިންތިޚާބުތަކަށް ނުފޫޒު ފޯރުވުމާއި، ހިޔާލުފާޅުކުރުމުގެ މިނިވަންކަމަށް ހުރަސްއެޅުން ފަދަކަންކަން އެމަނިކުފާނުގެ ސަރުކާރުން ކުރާ ކަމަށް ތުހުމަތު ކުރެވުމާއި ގުޅިގެންނެވެ. އަދި މީގެ އިތުރުން މުގާބޭގެ ޒައާމަތުގައި ޒިމްބާބްވޭގެ އިގްތިސާދު އަޑިއަޅައިގެން ދިއުމަކީވެސް އެމަނިކުފާނަށް އޮތް ތާއީދު ގެއްލިގެން ދިޔަ ސަބަބެއް ކަމަށް ރިޕޯޓްތައް ބުނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ