2018 ގައި ޕީޕީއެމްގައި ޕްރައިމަރީ އޮންނާނެ: ރައީސް
2018 ގެ ރިޔާސީ އިންތިޚާބުގެ ކުރިން ޕީޕީއެމުން ޕްރައިމަރީ ބާއްވާނެ ކަމަށާއި، ޕްރައިމަރީގައި ވާދަކުރެއްވުމުގެ ފުރުސަތު ޕާޓީގެ ކޮންމެ މީހަކަށް ވެސް ލިބިގެންދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ނާއިބު ރައީސް މޫސާ މަނިކު ޕީޕީއެމްއަށް ސޮއިކުރުމަށް ރޭ އެޕާޓީގެ އޮފީހުގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ. މޫސާ މަނިކު ޕީޕީއެމްއަށް ސޮއިކުރެއްވުމާއި ގުޅިގެން ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން ދެއްކެވި ވާހަކަފުޅުގައި ވިދާޅުވީ 2018 ގައި ޕީޕީއެމްގައި ރިޔާސީ ޕްރައިމަރީއެއް އޮންނާނެ ކަމަށް. އަދި އެޕްރައިމަރީގައި މޫސައަށް ވެސް ވާދަކުރެއްވުމުގެ ފުރުސަތު އޮންނާނެ ކަމަށެވެ. ރައީސް ވިދާޅުވީ ޕީޕީއެމްގައި ރިޔާސީ ޕްރައިމަރީއެއް ބާއްވަން އެމަނިކުފާނަށް ކެރިވަޑައިގަންނަވާނެ ކަމަށެވެ. އެމަނިކުފާނު ވިދާޅުވީ ރާއްޖެއިން ހަމަޔާއި އުސޫލު ގެއްލިގެން ދިޔަ ވަގުތު އެއުސޫލުތައް އަނބުރާ އިއާދަކުރުމަށް އެންމެ ބޮޑު ގުރުބާނީއެއްވީ ޕީޕީއެމްއާއި އެމްޑީއޭ ކަމަށެވެ. އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ އިތުބާރު ނެތް މައްސަލަ ހުށަހެޅުމާއި ގުޅިގެން ރައީސް ވިދާޅުވީ އިދިކޮޅު ފަރާތްތަކުން މިއަދު ކުރަމުންދާ މަސައްކަތަކީ މަޖިލިސް ހިސޯރުކޮށްގެން ތިބެ، ގައުމު ތަރައްގީ ކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތަށް ހުރަސްއެޅުން ކަމަށެވެ. އަދި 2018 ގައި ރާއްޖޭގެ ވެރިކަމަށް ވަޑައިގަންނަވާނެ ބޭފުޅަކު ކަނޑައަޅާނީ ރައްޔިތުން ކަމަށާއި، އެކަމަށް އެއްވެސް މީހަކަށް ނުފޫޒު ނުފޯރުވޭނެ ކަމަށް ވެސް ރައީސްގެ ވާހަކަފުޅުގައި ވިދާޅުވިއެވެ. މީގެއިތުރުން އެމަނިކުފާނު ވިދާޅުވީ 2013 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ސުޕްރީމް ކޯޓުން ގައިޑްލައިނެއް ނެރުނީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި މުޅި ސިސްޓަމް ހައިޖެކްކޮށްފައި ވަނިކޮށް ކަމަށެވެ. އަދި ނިމިދިޔަ ލޯކަލް ކައުންސިލް އިންތިޚާބަށް ވުރެ އިންސާފުވެރި އިންތިޚާބެއް ނެތް ކަމަށް އިދިކޮޅު ފަރާތަކުން މިހާރު ބުނަމުންދާ ކަމަށް ރައީސް ވިދާޅުވިއެވެ. 2013 ވަނަ އަހަރު ބޭއްވި ރިޔާސީ އިންތިޚާބު ކާމިޔާބު ކުރެއްވީ ސުޕްރީމް ކޯޓުގެ އެހީގައި ކަމަށް އިދިކޮޅު ފަރާތްތަކުން ދައްކާ ވާހަކަތަކަށް އެމަނިކުފާނު ރައްދު ވަނީ ރައްދު ދެއްވާފައެވެ. އެގޮތުން 2013 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރު ބާތިލުކުރަން ސުޕްރީމް ކޯޓަށް މައްސަލަ ހުށަހެޅުއްވީ އެމަނިކުފާނު ނޫން ކަމަށާއި ކޯޓަށް ވަޑައިގެންނެވީ ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް ކަމަށެވެ. އަދި ޕީޕީއެމް އިން އެ މައްސަލައިގެ ތެރެއަށް ދަތައްޚުލްވީ ކަމަށާއި އެއީ އެމަނިކުފާނަށް އެނގިވަޑައިގެން ކުރެއްވި ކަމެއް ނޫން ކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ