ފިތުނަ އުފެއްދުމުން އެއްކިބާވުމަށް އާދަމް ޝަރީފް އުމަރު ގޮވާލައްވައިފި

ފިތުނަ އުފެއްދުމުން އެއްކިބާވުމަށް ކުރީގެ ޑިފެންސް މިނިސްޓަރ އާދަމް ޝަރީފް އުމަރު ގޮވާލައްވައިފިއެވެ.އެބޭފުޅާ އެފަދައިން ގޮވާލެއްވީ ފޭސްބުކްގައި ކުރެއްވި ޕޯސްޓަކާއި ގުޅިގެން ބައެއް ފަރާތްތަކުން ދޮގު މައުލޫމާތު ފަތުރަމުންދާތީއެވެ. އާދަމް ޝަރީފް ކުރެއްވި ޕޯސްޓްގައި ވިދާޅުވެފައިވަނީ ދެމަފިރިން އެއްވަރަކަށް ސިޔާސީވުމުން ލިބޭ ގެއްލުން ވަކިން ބޮޑުކަމަށެވެ. އެމަނިކުފާނުގެ އެ ޕޯސްޓާއެކު ބައެއް ފަރާތްކުން ވަނީ އެއީ ކުރީގެ ރައީސް އަބްދުﷲ ޔާމިންއާއި އެމަނިކުފާނުގެ އަނބިކަނބަލުން ފާތިމަތް އިބްރާހިމްއަށް އަމާޒުކޮށް ކުރެއްވި ޕޯސްޓެއް ކަމަށް ބުނެފައެވެ. އަދި އެ ޕޯސްޓް އެ ދެބޭފުޅުންނަށް އަމާޒުކުރީ އަންނަ އަހަރު ބާއްވާ މަޖިލިސް އިންތިހާބުގައި ވާދަކުރުމަށް އާދަމް ޝަރީފް އުމަރަށް މިހާތަނަށް ދީފައިނުވާތީކަމަށް ބައެއް ފަރާތްތަކުން ބުނެފައިވެއެވެ. އާދަމް ޝަރީފް ފޭސްބުކްގައި ކުރެއްވި ޕޯސްޓް ޑިލީޓް ކޮށްލުމަށްފަހު އަލުން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ރައީސް ޔާމިން އާއި މެޑަމް ފާތުންއާއި ބެހޭގޮތުން އެއްވެސް ވާހަކައެއް ނުދައްކަވާކަމަށެވެ. އަދި އެ ދެކަނބަލުންނަށް މިހާރުވެސް ލޯތްބާއި އިހުތިރާމު އެބައޮތް ކަމަށް ވިދާޅުވިއެވެ. އަދި ދެމަފިރިން އެއްވަރަކަށް ސިޔާސީވުމުން ލިބޭ ގެއްލުން ވަކިން ބޮޑުކަމަށް ވިދާޅުވީ އަމިއްލަ ތަޖުރިބާގައި ކަމަށް ވިދާޅުވިއެވެ. އަދި ފިތުނަ އުފެއްދުމުން އެއްކިބާވެ ތިބުމަށްވެސް އެ ޕޯސްޓުގައި ވަނީ އިލްތިމާސް ކުރައްވާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ