ޖަރުމަންވިލާތުން ރާއްޖެއަށް ކަނޑައަޅުއްވާފައިވާ ސަފީރު ޔޯން ރޯޑް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމާ ބައްދަލުކުރައްވައިފިއެވެ.
ޖުމްހޫރީ ޕާޓީގެ މައި އޮފީސް ކުނޫޒުގައި މިއަދު ހަވީރު ބޭއްވި މިބައްދަލުވުމުގައި ޖަރުމަން ސަފީރުގެ އިތުރަށް ޖަރުމަން ފޮރިން އޮފީހުގެ މިސަރަހައްދަށް ކަނޑައަޅާފައިވާ ޑިރެކްޓަރ ޖެނެރަލް މާކަސް ޕޮޒެލް ވެސް ވަނީ ބައިވެރިވެވަޑައިގެންފައެވެ. އަދި ޖުމްހޫރީ ޕާޓީގެ ފަރާތުން ލީޑަރު ގާސިމްގެ އިތުރަށް އެޕާޓީގެ ރައީސް އަލީ ވަހީދާއި، ނާއިބުރައީސް ޑރ.އަބްދުﷲ މައުސޫމާއި، ނާއިބު ލީޑަރު ޑރ.ހުސައިން ރަޝީދު ހަސަނާއި، ޚާރިޖީ ކޮމިޓީގެ ޗެއާ ޑރ.އާސިމް އަހުމަދާއި، ސެކްރެޓަރީ ޖެނެރަލް އަހުމަދު ސަމީރު ވެސް ވަނީ ބައިވެރިވެވަޑައިގެންފައެވެ.
ޖުމްހޫރީ ޕާޓީގެ ޗީފް ސްޕޯކްސްޕާސަން އަލީ ސޯލިހު ވިދާޅުވީ މިބައްދަލުވުމުގައި ޖުމްލަގޮތެއްގައި މަޝްވަރާ ކުރެވުނީ ރާއްޖޭގެ ސިޔާސީ މަސްރަހާ ގުޅޭގޮތުން ކަމަށެވެ. އެގޮތުން ނިމިގެންދިޔަ ރިޔާސީ އިންތިޚާބާއި އަދި އިންތިޚާބަށްފަހު މިހާރު ހިނގަމުންދާ ކަންކަމުގެ މައުލޫމާތު އެބޭފުޅުން އޮޅުންފިލުއްވާފައިވާ ކަމަށެވެ. މީގެ އިތުރަށް ކުރިއަށް އޮތް ތަނުގައި ވެސް ރާއްޖެއާ ޖަރުމަންވިލާތުގެ ގުޅުން އިތުރަށް ބަދަހިކުރުމަށް އެބޭފުޅުން ތައްޔާރަށް ތިއްބެވި ކަމަށް ވިދާޅުވެފައިވާ ކަމަށެވެ.
ޖަރުމަންވިލާތުން ރާއްޖެއާ ދެމެދު ބާއްވާ ގާތްކަމަށްޓަކައި ގާސިމް އިބްރާހީމް ވަނީ ޝުކުރު އަދާކުރައްވާފައެވެ.
ޖަރުމަން ސަފީރު ރާއްޖެއަށް ކުރައްވާ މިދަތުރުފުޅުގައި މިއަދު ވަނީ ދިއްގަރު ދާއިރާގެ މެމްބަރު ފާރިސް މައުމޫނާ ވެސް ބައްދަލުކުރައްވާފައެވެ. އަދި ޖަރުމަން ފޮރިން އޮފީހުގެ ޑިރެކްޓަރ ޖެނެރަލް ވަނީ އިންތިޚާބީ ރައީސް މުހައްމަދު ސޯލިހާ ވެސް ބައްދަލުކުރައްވާފައެވެ.
ރިޔާސީ އިންތިޚާބު ބޮޑު ތަފާތަކުން އިއްތިހާދުން ކާމިޔާބުކޮށް، އިންތިގާލީ މަރުހަލާ ހިނގަމުންދާ މިދަނޑިވަޅުގައި ބޭރުގެ އެކި ގައުމުތަކާއި ޖަމްއިއްޔާ ޖަމާއަތްތަކުގެ އިސް ބޭބޭފުޅުން ގެންދަވަނީ ރާއްޖެއަށް ޒިޔާރަތް ކުރައްވައި، އިންތިޚާބީ ރައީސާއި އަދި މިހާރުގެ ރައީސާއި ސަރުކާރުގެ އިސް ބޭފުޅުންގެ އިތުރަށް ސިޔާސީ ޕާޓީތަކާ ބައްދަލުކުރައްވައި ރާއްޖޭގެ ހާލަތާ ގުޅޭ މައުލޫމާތު ހޯއްދަވަމުންނެވެ.
ޖަރުމަން ސަފީރު ގާސިމް އިބްރާހީމާ ބައްދަލުކުރައްވައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ