ފިޔަވަޅުތަކަށް ލުޔެއް ދެވޭކަށް އަދި ނެތް: ޑރ. ޝަހީދު

ކޮވިޑް-19 ގެ ކޭސްތައް ފެންނަ މިންވަރު މަދުވިނަމަވެސް އަޅާފައިވާ ފިޔަވަޅުތަކަށް ލުޔެއް ދެވެން އަދި ނެތްކަމަށް ޑރ. އަހުމަދު ޝަހިދު ވިދާޅުވެއްޖެއެވެ.
ހެލްތް އިމަރޖަންސީ އޮޕަރޭޝަން ސެންޓަރުގައި ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޓެކްނިކަލް އެޑްވައިޒަރީ ގްރޫޕުގެ ފަރާތުން ބައިވެރިވެވަޑައިގެން، ވާހަކަ ދައްކަވަމުން ޝަހީދު ވިދާޅުވީ، ފިޔަވަޅުތައް ހަރުކަށިކޮށް، ފިޔަވަލުތަކަށް ލުއި ދިނުމުގައި ކޮންމެ ހަފްތާއަކުވެސް އެޕިޑެމިކް މިނޮޓަރ ކުރުމަށްފަހު އޭގެ ސްކޯއަށް ބަލާ ކަމަށެވެ.
ފާއިތުވި ހަފްތާތަކުގެ ސްކޯތަކަށް ބަލާއިރު މި ސްކޯ ވަރަށް ބޮޑުތަނުން ދަށްވިނަމަވެސް ފިޔަވަޅުތަކަށް ލުއިދެވޭ ވަރަށް ސްކޯ ދަށް ނުވާކަމަށް ޑރ. ޝަހީދު ވަނީ ވިދާޅުވެފައެވެ.
ޑރ، ޝަހީދު ވިދާޅުވީ އެޕިޑެމިކް މޮނިޓަރިންގެ ތެރެއިން ފްލޫ ކްލިނިކުތަކުން ނަގާ ސާމްޕަލްތައް ޕޮޒިޓިވާ އަދަދަށް ބަލާއިރު، އޮގަޓްމަހުގެ މި އަދަދުތައް 18 އިންސައްތައާއި 20 އިންސައްތައާއި ދޭތެރޭގައި ހިފެހެއްޓިފައިވާކަމަށެވެ.
އެހެންނަމަަވެސް ސެޕްޓެމްބަރުމަހުގެ ފުރަތަމަ ދެހަފްތާގައި ފްލޫ ކްލިނިކުތަކުން ޕޮޒިޓިވްވާ މީހުންގެ އަދަދު 13 އިންސައްތައިގައި ހިފެހެެއްޓިފައިވާ ކަމަށާއި، އޮގަސްޓުމަހާ އަޅާ ބަލައިރު މިއަދަދު ދަށްވެފައިވާކަން ޑރ. ޝަހީދު ފާހަގަކުރެއްވިއެވެ.
މީގެއިތުރުން ކޮވިޑް-19 ގެ ބަލިމީހުން އެޑްމިޓުކުރުމަށް ކަނޑައަޅާފައިވާ އެނދުތައް ނުވަތަ ބެޑް އޮކިއުޕަންސީ އޮގަސްޓުމަހުގެ ތެރޭގައި ކަންބޮޑުވާ މިންވަރަކަށް މައްޗަށް ދިޔަކަން ފާހަގަކުރައްވައި ޝަހީދު ވިދާޅުވީ އެދުވަސްވަރު 80 އިންސައްތައާ ހަމައަށް ބެޑް އޮކިއުޕަންސީ މައްޗަށް ދިޔަ ކަމަށެވެ.
އެހެންނަމަވެސް މިމަހުގެ ފާއިތު 2 ހަފްތާއަށް ބަލާއިރު ބެޑް އޮކިއުޕަންސީ ދަށްވެފައިވާ ކަމަށާއި، މިއީ ލިބުނު ކުރިއެރުމެއް ކަމަށް ޑރ. ޝަހީދު ވިދާޅުވިއެވެ.
އަދި މިބަލިގައި މަރުވާ މީހުންގެ ނިސްބަތަށް ބަލާއިރު، އޮގަސްޓުމަހާ އަޅާބަލާއިރު މިމަހުގެ މިހާތަނަށް މި އަދަދު ދަށްކަމަށް ޑރ. ޝަހީދު ވިދާޅުވިއެވެ. އޮގަސްޓުމަހު ކޮވިޑް ބަލިގައި 12 މީހަކު މަރުވެފައިވާއިރު ސެޕްޓެމްބަރުގެ މިހަތަނަށް މިބަލީގައި މަރުވެފައިވަނީ 5 މީހުންނެވެ.
މީގެ އިތުރުން އެއްވެސް ކްލަސްޓަރއަކާ ގުޅުމެއްނެތި ޕޮޒިޓިވްވާ މީހުންގެ އަދަދުވެސް އޮގަސްޓުމަހުގެ ތެރޭގައި ވަރަށް ބޮޑަށް މައްޗަށް ގޮސްފައިވާއިރު، ފާއިތުވި 3 ހަފްތާގެ ތެރޭގައި މިކޭސްތައްވެސް 30 އިންސައްތައާއި 35 އިންސައްތައާ ދެމެދު ވަނީ ހިފެހެއްޓިފައެވެ.
ޑރ، ޝަހީދު ވިދާޅުވީ ބަލި ކޮންޓްރޯލްކުރަން އެޗްޕީއޭއިން މިހާތަނަށް އަޅާފައިވާ ހުރިހާ ފިޔަވަޅަކީވެސް ކޮންމެ ހަފަތާއެއްގެވެސް އެޕިޑަމިކް މޮނިޓަރ ކުރުމަށްފަހު އަޅާފައިވާ ފިޔަވަޅުތަކެއް ކަމަށެވެ.
ހަމައެއާއެކު ފާއިތުވި ހަފްތާތަކުގެ ސްކޯތައް އޮގަސްޓްމަހާ އަޅާ ބަލާއިރު ކޮންމެ ހަފްތާއަކުވެސް ސްކޯ މަދުވަމުންދާކަން ފާހަގަކުރެވުނު ކަމަށާއި، ފާއިތުވި ހަފްތާތަކުގައި މިސްކޯ 6 އަކާއި 7 އަކާ ދެމެދު ސްޓޭބަލް ކުރެވިފައިވާ ކަމަށް ޑރ. ޝަހީދު ވިދާޅުވިއެވެ.
ޑރ. ޝަހީދު ވިދާޅުވީ އެޕިޑަމިކް މޮނިޓަރކުރުމަށްފަހު ދައްކާ ނަތީޖާއަކުން މި ނަމްބަރުތައް ދަށަށް އަންނަނީއޭ ބުނަން އަދި އަވަސް ކަމަށެވެ. މިހާރު އެޗްޕިއޭއިން އަޅާފައިވާ ފިޔަވަޅުތަކަށް ދުލެއް ދެވެން އަދި ނެތް ކަމަށްވެސް ޑރ. ޝަހީދު ވަނީ ވިދާޅުވެފައެވެ.
ޑރ، ޝަހީދު ވިދާޅުވީ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަކީ ކޮވިޑް-19 ހުއްޓުވުމަށް ލިބޭ ދާއިމީ ހައްލެއް ނޫން ކަމަށެވެ.
މި ފިޔަވަޅުތައް އަޅާފައިވަނީ މިހާރުގެ ހާލަތަށް ބަލައި، ކޮވިޑް-19 އާއެކު ދިރިއުޅުން ކުރިއަށް ގެންދިއުމަށް ކަމަށް ޑރ. ޝަހީދު ވަނީ ވިދާޅުވެފައެވެ. އަދި މިސްކޯ އިތުރަށް ދައްކުރުމުން ހުރިޙާ ރައްޔިތުންވެސް މިފިޔަވަޅުތަކަށް ކަމޭހިތައި، ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމުގައި ދެމިތިބުމަށް ޑރ. ޝަހީދު ވަނީ އިލްތިމާސް ކުރައްވާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ