"މީހަކު ހަމަ ފާފަކުރަނީއެވެ. ފާފަކުރެވޭއިރަށް ތައުބާވެ އިސްތިޣްފާރުކުރަނީ އެވެ. އެފަދަ މީހަކަށް މަލާއިކަތުން ހެކިކުރައްވަވައި އޭނާގެ ފާފަތައް ފުއްސަވައި ދެއްވެވިއެވެ. އެއީ ކީއްވެގެން ހެއްޔެވެ؟ އެއީ ފާފަ ކުރެވުނު ނަމަވެސް އޭނާގެ ނިކަމެތިކަމާއި ހުރިހާ ބާރުތަކެއް ލިބިވޮޑިގެންވަނީ ﷲ ތަޢާލާއަށްކަން އޭނާއަށް ޔަޤީންކުރެވޭތީއެވެ. އެހެންވެ އެކަން ޤަބޫލުކޮށް ފާފަ ފުއްސަވައި ދެއްވެވުން އެދި ތަކުރާރުކޮށް ﷲ ތަޢާލާގެ ޙަޟްރަތުގައި ދަންނަވަމުން ގެންދާތީއެވެ!"
މީސްތަކުންނޭވެ! ފާފަކުރުމަކީ ﷲ ތަޢާލާ ރުހިވޮޑިގަންނަވާ ކަމެއް ނޫނެވެ. ނަމަވެސް ތައުބާވުމުން ފާފަފުއްސަވައި ދެއްވެވުމަށް ﷲ ތަޢާލާ ލޯބިވެވޮޑިގެންވެއެވެ. ﷲ ތަޢާލާ އިންސާނުން އުފެއްދެވީވެސް ތައުބާވުމުން ފާފަތައް ފުއްސަވައި ދެއްވެވުމަށް ލޯބިވެވޮޑިގަންނަވާތީއެވެ!
ކުރެވޭ ކޮންމެ ފާފައެއްގެ ސަބަބުން ނަރަކަ އާއި ގާތަށް ދެވެއެވެ. ތައުބާވެ އިސްތިޣްފާރުކުރުމުން ސުވަރުގެއާއި ގާތަށް ގެންދަވަތެވެ! ވީމާ ތައުބާވުމާއި އިސްތިޣްފާރުކުރުމަކީ ގުޅި ލާމެހިފައިވާ ދެކަމެކެވެ.
ކުރެވޭ ކޮންމެ ފާފައެއްގެ ސަބަބުން މީހާ އާއި ﷲ ތަޢާލާ އާއި ދުރުކުރުވައެވެ. މީހާ އާއި ﷲ ތައާލާ އާއި ދުރުވެގެންދެއެވެ. މި އާއި ޚިލާފަށް ތައުބާގެ މާނައަށް ބެލި ނަމަވެސް އެއީ އެނބުރި އައުމެވެ. ވީމާ ފާފައެއް ކުރެވުނު ނަމަވެސް ތައުބާވާނަމަ އެމީހަކަށް ދާނީ ﷲ ތަޢާލާ އާއި ކުއްތަންވެވެމުންނެވެ.
ތައުބާގެ އަސްލު ޙަޤީޤަތަށް ބަލައިލަމާ ހެއްޔެވެ؟ ތައުބާވުމުގެ ޝައުޤުވެރިކަމަކީ ހިތުތެރޭގައި އުފެދޭ އެއްޗެކެވެ. ތައުބާވެވޭނީ ކުރެވޭ ފާފަތަކަށް ހިތް ބިރުގަންނަ ނަމައެވެ. ތައުބާވުމަށް ހިތް ބުނާނަމައެވެ. އެކަމަށް ހިތް އެދޭނަމައެވެ. ތައުބާވި ނަމަވެސް ތައުބާމަތީގައި ދެމި ނުހުރެވެނީ ހިތުގެ އަޑިން އެކަން ޤަބޫލު ނުކުރެވޭތީއެވެ. ހިތުގެ އަޑިން އެކަން ޤަބޫލުކުރެވޭނަމަ ފާފަކުރަން ގަންނާނެއެވެ!
ތައުބާވުމަކީ ވުމާއި ނުވުން އެއްވެސް ޙާލެއްގައި ޖާއިޒު ކަމެއް ނޫނެވެ. އެއީ ކުރަން މަޖުބޫރު ކަމެކެވެ. ފާފަތައް ފުއްސަވައި ދެއްވެވުން އޮތީ ގިނަގިނައިން ތައުބާވީ މިންވަރަކުންނެވެ. ފާފަތައް ފުއްސަވައި ނުދެއްވަވައިފިނަމަ ނަރަކައިން ސަލާމަތެއް ނުވެވޭނެއެވެ! ސުވަރުގެ ޙާޞިލެއް ނުކުރެވޭނެއެވެ. ވީމާ ތައުބާވުމާއި ނުވުމަކީ އެއްވެސް ޙާލެއްގައި އިޚްތިޔާރީ ކަމެއް ނޫނެވެ. އެއީ ވާޖިބު ކަމެކެވެ. އަދި ތައުބާވުމަކީ ﷲ ތަޢާލާގެ އަމުރުފުޅެކެވެ.
އުފާވެރިކަމަކީ ތައުބާ ނުވެވޭނެ ފާފައެއް ނެތްކަމެވެ. އިޚްލާޞްތެރިކަމާއިއެކު ތައުބާވާން ބޭނުންވާ މީހާ އާއި ﷲ ތަޢާލާ އާއި ދެމެދަށް އެއްވެސް މީހަކަށް ނުވަދެވޭނެއެވެ. އިޚްލާޞްތެރިކަމާއިއެކު ތައުބާވެއްޖެ ނަމަ އެމީހާގެ ތައުބާ ޤަބޫލުފުޅު ކުރައްވަވާނެ ކަމުގެ ޔަޤީންކަން ﷲ ތަޢާލާ ވަނީ ދެއްވަވައިފައެވެ. ކީރިތި ޤުރްއާނުގެ އެތައް އާޔަތެއްގައެވެ.
މީސްތަކުންނޭވެ! ނަރަކައިން ސަލާމަތް ކުރަން ކުރެވެން އޮތް އެންމެ ބާރުގަދަކަމަކީ ގިނަގިނައިން ތައުބާވެ އިސްތިޣްފާރުކުރުމެވެ. އަދި ނަރަކައިން ސަލާމަތްވުމަށް އޮތް އެންމެ ޔަޤީން މަގަކީވެސް ހަމަ އެއީއެވެ. ނަރަކައިން ސަލާމަތްވެ ސުވަރުގެ އެދޭމީހާ އެކަމުގައި ސާބިތުވާށެވެ!
- އިސްލާމީ ތިލަފަތުގެ ދަރުސަކުން
ނަރަކައިން ސަލާމަތްވުމަށް އޮތް އެންމެ ޔަޤީން މަގު މިއޮތީއެވެ! މިމަގުން ބާރަށް ކުރިއަށްދާންފަށާށެވެ!
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ