ލެގޫންސް ބަލިކޮށް، ޖޭޖޭގެ ވަރުގަދަ ފެށުން ކުރިއަށް

މާލޭ ރީޖަނަލް ލީގު ދެވަނަ ޑިވިޝަން 2026 ގައި ޖޭޖޭ ސްޕޯޓްސް ކުލަބުން ކުޅުނު ދެވަނަ މެޗުވެސް ކާމިޔާބުކޮށް މުބާރާތުގެ އެޓީމުގެ ފެށުން ވަރުގަދަކޮއްފިއެވެ. ޖޭޖޭ މެޗު ކާމިޔާބުކުރީ ލެގޫންސް ސްޕޯޓްސް ކުލަބާ ވާދަކޮށް 3-0 ލަނޑުންނެވެ.
މި މޮޅާއެކު ގުރޫޕް އޭ އިން ދެމެޗު ކާމިޔާބުކުރި ދަގްރާންޑޭއާ ޕޮއންޓުގެ ގޮތުން ޖޭޖޭ ވަނީ ހަމަހަމަކޮއްފައެވެ. ފައިދާ ގޯލުގެ ތަފާތުން ގުރޫޕުގެ އެއްވަނައިގަ އޮތީ ޖޭޖޭއެވެ. މި ގުރޫޕުން އެލްޓީ ސްޕޯޓްސް ކުލަބާއި، ކުލަބު ޕީކޭގެ އިތުރުން ބިސްބުރު ސްޕޯޓްސް ކުލަބުން ވަނީ ތިން ޕޮއިންޓު ހޯދާފައެވެ. ގުރޫޕުން ޕޮއިންޓެއް ނުލިބި އޮތް ހަމައެކަނި ޓީމަކީ ލެގޫންސްއެވެ.
ރަސްމީ ބޯޅަދަނޑުގައި ކުޅުނު މެޗުގައި ދެޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔައިރު ޖޭޖޭ އިން ލަނޑުޖަހާ ލީޑު ނެގީ ލިބުނު ޕެނެލްޓީއަކުންނެވެ. މިއީ ލެގޫންސްގެ ސައްދާމް ހުސެއިން އޭރިއާ ތެރެއިން ކުރި ފައުލަކަށް ދިން ޕެނެލްޓީއެކެވެ. މެޗުގެ 6 ވަނަ މިނިޓުގައި މި ޕެނެލްޓީ ގޯލަށް ވައްދާލީ ބިދޭސީ ކުޅުންތެރިއާ މުހައްމަދު ޝަރީބް ރަޒޫނިއާއެވެ.
ލަނޑަށްފަހު ޖޭޖޭ އަށް މާއެދެވޭ ހަމަލާއެއް ލެގޫންސްގެ ގޯލަށް ފޮނުވާލެވިފައެއް ނުވެއެވެ. ފުރަތަމަ ހާފުގެ ފަހުކޮޅު ރަޒޫނިއާ އަށް ވަނި ލަނޑުޖަހަން ރަނގަޅު ފުރުސަތެއް ލިބިފައެވެ.
ފުރަތަމަ ހާފު ނިމެންދަނޮލޮށް ލެގޫންސްގެ ތޮލްހަތު މުހައްމަދަށް ވެސް ވަނީ ލަނޑުޖަހަން ރަނގަޅު ފުރުސަތެއް ލިބިފައެވެ. އޭރިއާ ތެރެއަށް ވަދެ ތޮލްހަތު ފޮނުވާލި ބޯޅަ ކީޕަރު ވަނީ ދިފާއުކޮއްފައެވެ.
ދެވަނަ ހާފު ފަށައިގެން ޖޭޖޭ އިން ޑޮމިނޭޓްކޮއްގެން ކުޅުނު އިރު މި ހާފުގައި ޖޭޖޭ ޓީމުން ވަނީ ގިނަ ހަމަލާތަކެއް އުފައްދާފައެވެ. މެޗުގެ 48 ވަނަ މިނިޓުގައި ޖޭޖޭގެ އިޝާން އިބްރާހިމް އޭރިއާ ތެރެއަށް ވަދެ ދިން ބޯޅައަކުން ރަޒޫނީއާ ވަނީ އެޓީމަށް ލީޑު އިތުރަށް ފުޅާކޮއްދީފައެވެ.
ޖޭޖޭ އިން ތިންވަނަ ލަނޑު ޖެހީ މެޗުގެ 86 ވަނަ މިނިޓުގައި އިޝާން ދިން ބޯޅައަކުން އޭރިއާ ތެރެއިން ހުސްކޮށް ހުރެ އަހުމަދު އަމްނު ކާމިޔާބުކުރި ލަނޑުންނެވެ.
މިއީ މުބާރާތުގައި ލެގޫންސް ބަލިވި ދެވަނަ މެޗެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ