ރެޖިސްޓްރީ ނުކޮށް ރާއްޖޭގައި ހިންގާ މެޑިކަލް ކޮލެޖަކަށް ސަމާލުވާން އަންގައިފި

"އެސްއޭސް މެޑިކަލް ކޮލެޖް"ގެ ނަމުގައި ކުރާ އިޝްތިހާރުގައި ބުނާ ނަން ކިޔާ މެޑިކަލް ކޮލެޖެއް ރާއްޖޭގައި ރެޖިސްޓްރީ ކޮށްފައިނުވާ ކަމަށާއި، އެކަމަށް ސަމާލުވުމަށް ހަޔަރ އެޑިއުކޭޝަން އިން އަންގައިފިއެވެ.
ހަޔަރ އެޑިއުކޭޝަނުން ކޮށްފަވާ އިއުލާނެއްގައި ބުނެފައިވަނީ، "އެސްއޭއެސް މެޑިކަލް ކޮލެޖް"ގެ ނަމުގައި ރާއްޖޭގައި ހިންގާ މެޑިކަލް ކޮލެޖެއްކަމަށް ބުނެ އިޝްތިހާރު ތަކެއް ކުރާކަން މިނިސްޓްރީގެ ސަމާލުކަމަށް އައިސްފައިވާ ކަމަށާއި، އެހެންނަމަވެސް އެފަދަ ނަމެއް ކިޔާ މެޑިކަލް ކޮލެޖެއް ރާއްޖޭގައި ރެޖިސްޓްރީ ކޮށްފައި ނެތް ކަމަށެވެ.
މީގެ އިތުރުން، ދިވެހިރާއްޖޭގެ މަތީ ތަޢުލީމާއި ތަމްރީނުގެ ޤާނޫނުގެ 62 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުން ކޮލެޖެއްގެ ހައިސިއްޔަތު ލިބިގެން ނޫނީ ދިވެހިރާއްޖޭގައި ކޮލެޖެއްގެ ނަމުގައި ތަޢުލީމުދޭ މަރުކަޒެއް ހިންގުމަކީ ކުށެއް ކަމަށާއި، އަދި އެ ޤާނޫނުގެ 64 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުން އެ ޤާނޫނުގެ ދަށުން ރަޖިސްޓަރީކޮށްފައިވާ މަތީ ތަޢުލީމުދޭ މަރުކަޒަކުން މެނުވީ ޔުނިވަސިޓީއެއް، ކޮލެޖެއް ނުވަތަ އިންސްޓިޓިއުޓެއް ކަމަށް އެއްވެސް ފަރާތަކުން އިޝްތިހާރުކުރުމަކީ ވެސް ކުށެއް ކަމަށް އެ މިނިސްޓްރީގެ އިއުލާނުގައި ބުނެފައިވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ