ކުރީގެ ރައީސުލްޖުމްހޫރިއްޔާ ރައީސް ޢަބްދުﷲ ޔާމީނުގެ މައްޗަށް މަނީ ލޯންޑަރިންގެ ކުށް ސާބިތުވެއްޖެ ކަމުގައި ކަނޑައަޅައި އެމަނިކުފާނުގެ މައްޗަށް 5 އަހަރު ދުވަހުގެ ޖަލު ހުކުމެއް އިއްވި ކުރިމިނަލް ކޯޓުގެ ފަނޑިޔާރުންގެ ބެންޗުގައި އިސް ޤާޟީއަކަށް އިންނެވި ފަނޑިޔާރު ޢަލީ ރަޝީދު މިއަދު ސުޕްރީމް ކޯޓަށް ޢައްޔަންކުރައްވައިފިއެވެ. މިއަދު ރައީސް އޮފީހުގައި އޮތް ރަސްމިއްޔާގައި ފަނޑިޔާރު ޢަލީ ރަޝީދުގެ އިތުރަށް ރައްޔިތުން މަޖިލިހުން ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް ޢައްޔަންކުރަން ފެންނަ ކަމުގައި ކަނޑައެޅުއްވި ޑޮކްޓަރ މުޙައްމަދު އިބްރާހީމްވެސްވަނީ މަޤާމުގެ ހުވައިކުރައްވާފައެވެ. ދެ ބޭފުޅުންވެސް މަޤާމުގެ ހުވައިކުރެއްވީ ރައީސް އޮފީހުގައި އޮތް ރަސްމިޔާތުގައި ރައީސުލްޖުމްހޫރިޔާ ކުރިފުޅުމަތީގައެވެ. މި ރަސްމިއްޔާތުގައި ދެ ބޭފުޅުންނަށް ރައީސްކަމުގެ ހުވާލައި ދެއްވީ ދިވެހިރާއްޖޭގެ އުއްތަމަފަނޑިޔާރު އަލްއުސްތާޛު އަޙްމަދު މުޢުތަޞިމް ޢަދުނާނެވެ. ރައީސް ޞާލިޙުވަނީ އެބޭފުޅުން ހުވައިކުރެއްވުމަށްފަހު ދެ ފަނޑިޔާރުންނަށްވެސް ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމުގެ ލިޔުން ޙަވާލުކުރައްވާފައެވެ. މި ދެބޭފުޅުން މަޤާމުގެ ހުވައިކުރެއްވުމާއެކު ސުޕްރީމް ކޯޓުގެ ބެންޗުގެ ޢަދަދަށް ފުރިހަމައަށް ފަނޑިޔާރުން ހަމަވީއެވެ. ޤާނޫނު އިސްލާހުކޮށް ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ޢަދަދުވަނީ 5 ފަނޑިޔާރުންގެ ބަދަލުގައި 07 ފަނޑިޔާރުންނަށް އިތުރުކޮށްފައެވެ. މިދެ ބޭފުޅުން ފަނޑިޔާރުކަމަށް ޢައްޔަންކުރެއްވުމާއެކު މިހާރު ސުޕްރީމް ކޯޓުގައި 7 ފަނޑިޔާރުން ތިއްބަވާނެއެވެ. ކުރިމިނަލް ކޯޓުގެ އިސް ޤާޟީގެ މަޤާމުގައި ހުންނެވި ޢަލީ ރަޝީދު ސުޕްރީމް ކޯޓަށް ޢައްޔަންކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޖޭއެސްސީގެ ލަފައަށް އެދިވަޑައިގަތުމާއެކު މިއީ ރައީސް ޔާމީނުގެ މައްޗަށް ކުރިމިނަލް ކޯޓުން އިއްވި ޙުކުމުގެ ބަދަލުގައި އަރުވާ ހަދިޔާއެއް ކަމުގައި އިދިކޮޅު ފަރާތްތަކުން ތުހުމަތުކޮށްފައިވެއެވެ.
މިލިޔުން ކިޔާލުމުން
0 %
އުފާވި
0 %
ދެރަވި
0 %
ރުޅިއައި
0 %
މައުލޫމާތު މުއްސަނދިވި
ކިޔުންތެރިންގެ ހިޔާލު
ފޮނުވާ
ރައީސް ޔާމީނަށް ހުކުމްކުރެއްވި ފަނޑިޔާރު ޢަލީ ރަޝީދު ސުޕްރީމް ކޯޓަށް ޢައްޔަންކުރައްވައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ