ބަންގްލަދޭޝްއާއެކު ތަޢުލީމީ ދާއިރާއިން ގުޅުން ބަދަހިކުރުމަށް މަޝްވަރާކޮށްފި

ބަންގްލަދޭޝްއާއެކު ތަޢުލީމީ ދާއިރާއިން ގުޅުން ބަދަހިކުރުމާއި ގުޅޭގޮތުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ބަންގްލަދޭޝްގެ ޚާރިޖީ ވަޒީރު ޑރ. ޚަލީލުއްރަޙްމާންއާ މަޝްވަރާކުރައްވައިފިއެވެ.
މި މަޝްވަރާތައް ކުރެއްވީ ބަންގްލަދޭޝްގެ ޚާރިޖީ ވަޒީރު ރާއްޖެއަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިން ރައީސުލްޖުމްހޫރިއްޔާގެ އަރިހަށް ކުރެއްވި އިޙްތިރާމުގެ ޒިޔާރަތުގެ ތެރެއިންނެވެ.
ބަންގްލަދޭޝްގެ ޚާރިޖީ ވަޒީރު ޑރ. ޚަލީލުއްރަޚްމާން، ރަސްމީ ދަތުރުފުޅެއްގައި ރާއްޖެއަށް ވަޑައިގެންނެވީ ރާއްޖޭގެ 61 ވަނަ މިނިވަން ދުވަހުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތުމަށެވެ. މިއީ ދިވެހިރާއްޖޭގެ ޚާރިޖީ ވަޒީރު އިރުތިޝާމް އާދަމް ދެއްވި ދަޢުވަތަކަށް ކުރައްވާ ދަތުރުފުޅެކެވެ.
މި މަހުގެ 27 ގެ ނިޔަލަށް އެ މަނިކުފާނު ކުރައްވާ ރަސްމީ ދަތުރުފުޅުގެ ތެރެއިން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އަރިހަށް ވަނީ އިޙްތިރާމުގެ ޒިޔާރަތެއް ކުރައްވާފައެވެ. މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ މިނިވަން ދުވަހުގެ ޚާއްސަ މެހެމާނެއްގެ ގޮތުގައި ރާއްޖެއަށް ވަޑައިގެންނެވީތީ ޝުކުރު އަދާކުރައްވާފައެވެ.
މި ބައްދަލުކުރެއްވުމުގައި ދެ ބޭފުޅުން ވަނީ ދެ ޤައުމުގެ ގުޅުން އިތުރަށް ބަދަހިކުރެވޭނޭ ދާއިރާތަކާ ގުޅޭގޮތުން މަޝްވަރާކުރައްވާފައެވެ. ޚާއްޞަކޮށް، ގިނަ ޤައުމުތަކުން ގުޅިގެން ކުރާ މަސައްކަތްތަކާއި، ތަޢުލީމުގެ ފުރުޞަތުތަކާއި، ފަރުދީ ފެންވަރުގައި ގުޅުންބަދަހިކުރުމުގެ މައްޗަށް ދެ ބޭފުޅުން އަލިއަޅުއްވާލެއްވިއެވެ.
މި ބައްދަލުކުރެއްވުން ނިންމަވާލައްވާފައިވަނީ، ދެ ޤައުމުގެ ޒަމާންވީ ރަޙުމަތްތެރިކަމުގެ މައްޗަށް އަލިއަޅުއްވާލައްވައި، ދެ ޤައުމަށްވެސް ފައިދާކުރަނިވި ދާއިރާތަކުން އިތުރަށް އެއްބާރުލުންދެވިދާނޭ މަގުތައް ހޯދުމަށް ތައްޔާރަށް ތިއްބެވިކަން ދެ ބޭފުޅުންވެސް ހާމަކުރައްވަމުންނެވެ.
ޚާރިޖީ ވަޒީރު އިރުތިޝާމް އާދަމާ ބައްދަލުކުރެއްވުމަށްވެސް ވަނީ ހަމަޖެހިފައެވެ. މި ބައްދަލުވުމުގައި މަޝްވަރާތައް ބިނާކުރެވޭނީ ރާއްޖެ އާއި ބަންގްލަދޭޝާ ދެމެދު އޮންނަ ޒަމާންވީ ގާތް އެކުވެރި ގުޅުމުގެ މައްޗަށާއި، ގުޅުން އިތުރަށް ހަރުދަނާކޮށް ބަދަހިކުރެވޭނޭ ގޮތްތަކާއި، ދެ ޤައުމުން އިސްކަންދޭ ކަންތައްތަކުގައި ގުޅުން ބަދަހިކުރުމަށް ކުރެވިދާނެ މަސައްކަތްތަކުގެ މައްޗަށް ކަމަށް ޚާރިޖީ ވުޒާރާއިން ވިދާޅުވެއެވެ.
ސަރަޙައްދީ އަދި ބައިނަލްއަޤްވާމީ މައްސަލަތަކާއި ގުޅޭގޮތުން ޚިޔާލުފުޅު ބަދަލުކުރައްވައި، މިފަދަ މައްސަލަތަކުގައި ދެ ޤައުމުން ގުޅިގެން ދެމެހެއްޓެނިވި ގޮތެއްގައި މަސައްކަތް ކުރާނެ ގޮތްތަކާއި ގުޅޭގޮތުންވެސް ދެ ވަޒީރުން މަޝްވަރާ ކުރަށްވާނެ ކަމަށްވެސް ޚާރިޖީ ވުޒާރާއިން ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ