ދިރާގު ދިވެހި ލީގު / ތިންވަނަ ބުރު: ފަސޭހަކަމާއެކު މޮޅުވެ މާޒިޔާއިން ތިންވަނަ ހޯދިއިރު، ހަތަރުވަނަ ނިއުއަށް

ދިރާގު ދިވެހި ލީގުގައި އިއްޔެ ހަވީރު ކުޅުނު މެޗުގައި ނިއުރޭޑިއަންޓު ކޮޅަށް ފުރަތަމަ ހާފުގައި ޖެހި ތިން ލަނޑުން މާޒިޔާއިން ލީގުގެ ތިންވަނަ ޓީމުގެ ގޮތުގައި އޮވެ ނިންމާލައިފި އެވެ.
މިމެޗުން 3-0 ލަނޑުން ނިއު ބަލިވުމުގެ ސަބަބުން އެޓީމަށް ލިބުނީ ލީގުގެ ހަތަރު ވަނަ މަގާމެވެ.
މެޗުގެ 14 ވަނަ މިނެޓުގައި ނިއުގެ ސޮބާ އަތުގައި ބޯޅަ ޖެހުމުގެ ސަބަބުން މާޒިޔާ އަށް ލިބުނު ޕެނަލްޓީ ޖަހައި އެޓީމަށް ލީޑު ހޯދައިދިނީ ފޯވާޑް އަލީ ނާފިއު (ކަޅޭ) އެވެ.
މެޗުގެ 22 ވަނަ މިނެޓުގައި މާޒިޔާއަށް ލިބުނު ކޯނަރަކުން ބޮލުން ޖަހައި ނަޒްމީން ވަނީ ދެލަނޑުގެ ލީޑެއް ހޯދައިދީފަ އެވެ. މާޒިޔާގެ ދެވަނަ ލަނޑު ޖެހިތާ ދެމިނެޓުފަހުން މެޗުގެ 29 ވަނަ މިނެޓުގައި ލިބުނު ޝަފްރާޒް ނަގައިދިން ހިލޭ ޖެހުމަކުން ބޮލުން ނިއުގެ ގޯލުގެ ތެރެއަށް ވައްދާލީ ޝަފްރާޒް އެވެ.
މިމެޗުގެ ފަހު ހާފުގައި ނިއުގެ ކުޅުންތެރިންގެ ފަރާތުން މޮޅުވުމަށް މަސައްކަތްތަކެއް ކުރި ނަމަވެސް، ލިބުނު ފުރުސަތުތަކުގެ ބޭނުން ހިފިފައެއް ނުވެއެވެ.
އެގޮތުން ނިއުގެ އިބްރާހިމް ސާގިބާއި، ޝަމީމް އަބްދުލް ގާދިރު (މެސީ) ގެ އިތުރުން އަލީ ފާސިރު (ސެންޓޭ) އަށް ލިބުނު ފުރުސަތުތައް ފާހަގަ ކޮށްލެވެ އެވެ. މިމެޗު ނިމިގެން ދިޔައީ 3-0 ލަނޑުން މާޒިޔާ ކުރީގައި އޮވެގެންނެވެ.
މިމެޗުން ބަލިވި ނަމަވެސް އެފްއޭ ކަޕަށް މީގެ އެއްވެސް އަސަރެއް ނުކުރާނެ ކަމަށް ނިއުގެ ކޯޗު މުހައްމަދު ޝީޔާޒު (މޯހަން) ބުންޏެވެ. "މިމެޗުން ލިބުނު ނާކާމިޔާބީގެ ސަބަބުން އެފްއޭ ކަޕަށް އޭގެ އެއްވެސް އަސަރެއް ކުރާނެކަމަކަށް ގަބޫލެއް ނުކުރެވޭ. މިމެޗުގެ ފުރަތަމަ ހާފުގައި ކުޅުންތެރިންގެ ފަރާތުން އެދެވޭ ކުޅުމެއް ނުފެނުނު ނަމަވެސް، ދެވަނަ ހާފުގައި މޮޅުވަމަށް މަސައްކަތް ކުރިތަން ފެނުނު." މޯހަން ބުންޏެވެ.
މާޒިޔާއިން ނިއުގެ މައްޗަށް ހޯދި މޮޅާއި ގުޅިގެން ކޯޗު އިސްމާއިލް މަހެފޫޒް (އިންމަ) ބުނީ މިމެޗަށް ނުކުތީ ތިން ޕޮއިންޓް ހޯދުމަށް ކަމަށާއި އަދި މެޗުގައި ޒުވާން އާ ކުޅުންތެރިންގެ ފާރަތުން ދެއްކި ކުޅުމާއި މެދު ހިތްހަމަޖެހޭ ކަމަށެވެ.
"މިމެޗަށް މާޒިޔާއިން ނުކުތީ ތިން ޕޮއިންޓް ހޯދަން. ޒުވާން، އާކުޅުންތެރިންގެ ފާރާތުން ދެއްކި ކުޅުމާމެދު ހިތްހަމަޖެހޭ. ލީގުގެ ކުރީކޮޅުގައި ގެއްލުނު ޕޮއިންޓްތަކުގެ ސަބަބުން އުނދަގޫ ތަކަކާއި ކުރިމަތިވި." އިންމަ ބުންޏެވެ.
ލީގުގެ އެންމެ ފަހު މެޗުގައި މިރޭ އެއްވަނާގައި އޮތް ވީބީ އާއި ދެވަނާގައި އޮތް ވިކްޓަރީ ބައްދަލުކުރާއިރު، ލީގުގެ މަގާމުތައް ވަނީ ކަށަވަރު ވެފައެވެ.
މިމެޗުން ވިކްޓަރީ މޮޅުވި ނަމަވެސް އެއްވަނައަށް އެރުވުމުގެ އެއްވެސް ފުރުސަތެއް އެޓީމަކަށް ނެތެވެ. މިމެޗު ކުޅުމަށް ހަމަޖެހިފައިވަނީ މިރޭ 9:00 ގަލޮޅު ދަނޑުގައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ