ހަރުގެ އަށް ވަނީ ގާނޫނާ ހިލާފަށް، ފިޔަވަޅު އަޅަން އެދޭނަން: އިއްތިހާދު

އެމްޑީޕީ ހަރުގެ އަށް ރޭ ފުލުހުން ވަދެ، އެ ތަނުގައި ކުރިއަށް ދިޔަ ޖަލްސާ އަށް ހުރަސް އެޅީ ގާނޫނުއަސާސީ އާއި ފުލުހުންގެ ގާނޫނާ ހިލާފަށް ކަމަށާއި އެ މައްސަލަ ނެޝަނަލް އިންޓަގްރިޓީ ކޮމިޝަން (އެންއައިސީ) އަށް ހުށަހަޅާނެ ކަމަށް އިދިކޮޅު އިއްތިހާދުން މިރޭ ބުނެފި އެވެ.
އެމްޑީޕީ އޮފީހުގައި ބޭއްވި ޕްރެސް ކޮންފަރެންސެއްގައި އިދިކޮޅު އިއްތިހާދުގެ ހިޔަނި ޖުޑީޝަލް ރިފޯމް މިނިސްޓަރު ހިސާން ހުސެއިން ވިދާޅުވީ ކޯޓު އަމުރަކާ ނުލާ ހަރުގެ އަށް އެސްއޯ ފުލުހުންގެ ގިނަ ބަޔަކު ވަދެގަނެ އެ ތަނުގައި ހުރި ތަކެއްޗަށް ގެއްލުންދީ، މީހުންނަށް އަނިޔާވާ ގޮތަށް އަމަލުކޮށްފައިވާ ކަމަށެވެ. ފުލުހުން ހަރުގެ އަށް ވަދެ އަމަލު ކުރީ ވަރަށް ހުތުރުކޮށް ކަމަށާއި އެކަމާ މެދު ކަންބޮޑުވާ ކަމަށް ވެސް އޭނާ ވިދާޅުވި އެެވެ.
ހިސާން ވިދާޅުވި ގޮތުގައި އެ މައްސަލާގައި އެންއައިސީން ފިޔަވަޅު އަޅަން ޖެހެ އެވެ.
"ހަރުގެ އަށް ވަތް ވަކިވަކި ފުލުހުން އެކަންޏެއް ނޫން، އެ ތަނަށް ވަދެ ޖަލްސާ ހުއްޓުވަން ޣައިރު ގާނޫނީ އަމުރު ކުރި ފުލުހުންގެ އިސްވެރިންގެ މައްސަލަ ވެސް ހުށަހަޅާނަން،" އޭނާ ވިދާޅުވި އެވެ.
ގާނޫނު އަސާސީ އާއި ފުލުހުންގެ ގާނޫނުގެ ބައެއް މާއްދާތަކާ ހަވާލާދެއްވައި އެމްޑީޕީގެ ސެކްރެޓަރީ ޖެނެރަލް އަނަސް އަބްދުއްސައްތާރު ވިދާޅުވީ ކޯޓު އަމުރަކާ ނުލާ މީހުންގެ ގޯތި ގެދޮރަށް ފުލުހުންނަށް ނުވަދެވޭނެ ކަމަށެވެ. ފުލުހުން ރޭ ހިންގި އަމަލަކީ ޣައިރު ގާނޫނީ އަމުރުތަކަށް ތަބާވެ ހިންގި ގާނޫނާ ހިލާފު އަމަލެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އަދާލަތު ޕާޓީގެ ނައިބު ރައީސް އަލީ ޒާހިރު ވިދާޅުވީ ފުލުހުން ހަރުގެ އަށް ވަންނަން އުޒުރަކަށް ދެއްކީ ޖަލްސާގެ އަޑުގަދަވުމުން އަޑު މަޑުކުރުމަށް ކަމަށެވެ. އެއީ ތާކުން ތާކު ޖެހޭ ވާހަކައެއް ނޫން ކަމަށާއި ގާނޫނާ ހިލާފުވާން ފުލުހުން ބަހަނާ ނުދެއްކުމަށް އޭނާ އެދިވަޑައިގެންނެވި އެވެ.
އަލީ ޒާހިރު ވިދާޅުވި ގޮތުގައި ފުލުހުންގެ މައްޗަށް ކުރާ ޣައިރު ގާނޫނީ އަމުރުތަކަށް ތަބާވުމުގެ ގެއްލުން ފަހުން ލިބޭނެ އެވެ. ވަކިވަކި ފުލުުހުން ލައްވާ ގާނޫނާ ހިލާފަށް އަމަލުކުރަނީ ފުލުހުންގެ އިސްވެރިން ނިވަލުގައި ތިބެގެން ކަމަށް ވިދާޅުވި އެވެ.
އެމްޑީޕީ ހަރުގޭގަގައި ރޭ އިދިކޮޅު އިއްތިހާދުގެ ޖަލްސާއެއް ކުރިއަށް ގެންދަނިކޮށް ފުލުހުން ވަދެ މައިކް ކަނޑާލައި ޖަލްސާ އަށް ހުރަސް އެޅި އެވެ. ފުލުހުން ބުނީ ޖަލްސާ ހުއްޓުވަން ޖެހުނީ އެ ހިސާބުގައި އަޑު ގަދަވެ، އެ ކަމުގެ ޝަކުވާ ލިބެން ފެށުމުން ފުލުހުން އެ ސަރަހައްދަށް ގޮސް، އަޑު މަޑުކުރަން އެންގުމުން އެ ގޮތަށް އަމަލު ނުކުރުމުން ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ