ކާޑު ބޭނުމެއް ނުވޭ! ފައިސާ ދައްކަން މާ ފަސޭހަ ގޮތެއް

ފިހާރައަކަށް ނުވަތަ ރެސްޓޯރަންޓަކަށް ގޮސް ފައިސާ ދައްކަން ވޮލެޓުގައި ހުރި ކޭޝްކާޑު ނުވަތަ ކްރެޑިޓް ކާޑު ނަގާފައި ދޭކަން ދެން ނުޖެހޭނެ އެވެ. މިއީ ފައިސާ ދައްކަން އެއަށްވުރެ މާ ފަސޭހަ ގޮތެކެވެ. "ބީއެމްއެލް މޮބައިލްޕޭ" އެޕްލިކޭޝަން ޑައުންލޯޑުކުރުމަށްފަހު ވޮލެޓުގައި ގެންގުޅޭ ކާޑެއް އެޑްކުރުމަށްފަހު މޮބައިލް ފޯނުން ފައިސާ ދައްކަންވީ އެވެ.
ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން މިރޭ ތައާރަފްކުރި މޮބައިލްޕޭ އަކީ ރާއްޖެއަށް މުޅިން އަލަށް ތައާރަފްކުރި ހިދުމަތެކެވެ. މި ހިދުމަތް ހޯދަން މޮބައިލް ފޯނަށް އެޕްލިކޭޝަން ޑައުންލޯޑްކުރަން ޖެހެ އެވެ. އަދި އެ މީހަކަށް ބޭންކުން ދޫކޮށްފައިވާ ކޮންމެ ކާޑެއް ވެސް އެޑް ކުރެވޭނެ އެވެ. އަދި އެ ކާޑު އެޑް ކުރުމަށްފަހު ފޯނު ޕީއޯއެސްގައި ޖެއްސުމުން މަދު ސިންކުތުކޮޅެއްގެ ތެރޭގައި ފައިސާ ދެއްކޭނެ އެވެ.
ބީއެމްއެލްގެ އޮފިޝަލަކު ވިދާޅުވީ މި ހިދުމަތް ހޯދަން މިވަގުތު ޕީއޯއެސްގައި ފޯނު ޕީއޯއެސްގައި ޖައްސައިގެން ފައިސާދެއްކޭނީ ހަމައެކަނި އެންޑްރޮއިޑް ފޯނުތަކަށެވެ. ނަމަވެސް އައިފޯނު ގެންގުޅޭ މީހުންނަށް ވެސް އެޕްލިކޭޝަން މެދުވެރިކޮށް ފައިސާ ދެއްކެ އެވެ. އައިފޯނުން ފައިސާ ދައްކާ ނަމަ ޕީއޯއެސްގައި އެ މީހެއްގެ މޮބައިލް ނަމްބަރު ޖެހުމުން ފޯނަށް އަންނަ ނޮޓިފިކޭޝަން އެޕްރޫވުކުރުމާއެކު ފައިސާ ދެއްކޭނެ އެވެ.
"ކަސްޓަމަރު ބޭނުންވާ ކާޑެއް އެޑްކުރުމުން އެހެން ކާޑުތައް ބޭންކުން ލިންކްކޮށްދޭނެ. އޭރުން ކަސްޓަމަރު ބޭނުން ކާޑަކުން ފައިސާ ދެއްކޭނެ،" އޭނާ ވިދާޅުވި އެވެ.
ބީއެމްއެލް މޮބައިލްޕޭ ހިދުމަތް ތައާރަފްކުރުމަށް މިރޭ ޗަމްޕާ ސެންޓްރަލް ހޮޓެލްގައި ބޭއްވި ހަފުލާއެއްގައި ވާހަކަދައްކަވަމުން އެ ބޭންކުގެ ސީއީއޯ އެންޑްރޫ ހީލީ ވިދާޅުވީ މިއީ 21 ވަނަ ގަރުނުގައި ބޭންކުގެ ހިދުމަތް ހޯދަން އެންމެ ފަސޭހަ އެއްގޮތް ކަމަށެވެ.
ބީއެމްއެލްގެ މޮބައިލްޕޭގެ ހިދުމަތް ތައާރަފްކުރުމަށް މިރޭ ބޭއްވި ހަފުލާގައި ބޭންކުގެ ސީއީއޯ އެންޑްރޫ ހީލީ ވާހަކަދައްކަވަނީ. ފޮޓޯ: މުހައްމަދު ޝަރުހާން
"އަޅުގަނޑުމެން ލަފާކުރާ ގޮތުގައި ކުރިޔަށް އެއް އަހަރުގެ ތެރޭގައި މި ހިދުމަތް ބޭނުންކޮށްގެން އެއް މިލިއަނަށްވުރެ ގިނަ މުއާމަލާތްކުރާނެ. އަދި މި ހިދުމަތުގެ ސަބަބުން ކަސްޓަމަރުންނަށާއި ހިދުމަތްދޭ ފަރާތްތަކަށް ވެސް ވަރަށް ބޮޑު ލުޔެއް ލިބިގެންދާނެ،" އޭނާ ވިދާޅުވި އެވެ.
އެންޑްރޫ ވިދާޅުވީ މިދިޔަ އަހަރު އެ ބޭންކުން ތައާރަފްކުރި ބީއެމްއެލް މޮބައިލް ބޭންކިން އެޕްލިކޭޝަން 75،000 އަށްވުރެ ގިނަ ކަސްޓަމަރުން ޑައުންލޯޑްކޮށްގެން ހިދުމަތް ހޯދަމުން އަންނަ ކަމަށެވެ.
"މީގެ އެއް އަހަރު ކުރިން ހަމަ މި މަހު، ލުއި ފަސޭހަކަމާއެކު ބޭންކިން ހިދުމަތް ދިނުމުގެ އަމާޒުގައި އަޅުގަނޑުމެން ވަނީ ރާއްޖޭގެ ފުރަތަމަ މޮބައިލް ބޭންކިން އެޕް ތައާރަފްކޮށްފައި. މިއަދު އަޅުގަނޑުމެން މި ތައާރަފްކުރަނީ އެއަށްވުރެ ފަސޭހަކަމާއެކު ބޭންކިން ހިދުމަތް ހޯދޭނެ ވަސީލަތެއް. ފަސޭހަކަމާއެކު ފައިސާ ދައްކާލެވޭނެ ގޮތެއް. ބީއެމްއެލް މޮބައިލް ޕޭ މެދުވެރިކޮށް ފިހާރަ އަދި ކޭފަތަކަށް ފައިސާ ދެއްކުމަށާއި އާއިލާގެ މެންބަރުންނަށާއި ރައްޓެހިންނަށް ފައިސާ ފޮނުވުން އަވަސްވެ ފަސޭހަވެގެންދާނެ،" އޭނާ ވިދާޅުވި އެވެ.
އެންޑްރޫ ވިދާޅުވީ އަލަށް ތައާރަފްކުރި ހިދުމަތަކީ ސަލާމަތީ ގޮތުން ރައްކާތެރި އަދި އިތުބާރުކުރެވޭ ހިދުމަތަކަށް ވެގެންދާނެ ކަމަށެވެ.
ސްރީލަންކާގެ އެޕިކް ޓެކްނޮލޮޖީއާ ހަވާލުކޮށްގެން ތައާރަފްކުރި ބީއެމްއެލް މޮބައިލް ޕޭ މެދުވެރިކޮށް އެއްކަސްޓަމަރަކު އަނެއް ކަސްޓަމަރަކަށް ފައިސާ ފޮނުވުމުގެ ހިދުމަތް ވެސް ލިބޭނެ އެވެ. މިގޮތުން އެއްފަހަރާ 15،000ރ. ދެއްކޭނެ އެވެ.
އަޅުގަނޑުމެން ލަފާކުރާ ގޮތުގައި ކުރިޔަށް އެއް އަހަރުގެ ތެރޭގައި މި ހިދުމަތް ބޭނުންކޮށްގެން އެއް މިލިއަނަށްވުރެ ގިނަ މުއާމަލާތްކުރާނެ. އަދި މި ހިދުމަތުގެ ސަބަބުން ކަސްޓަމަރުންނަށާއި ހިދުމަތްދޭ ފަރާތްތަކަށް ވެސް ވަރަށް ބޮޑު ލުޔެއް ލިބިގެންދާނެ، އެންޑްރޫ
ބޭންކުގެ އޮފިޝަލަކު ވިދާޅުވީ މޮބައިލް ޕޭ މެދުވެރިކޮށް ޕިން އާ ނުލައި ފަހަރަކު ދެއްކޭނީ އެންމެ ގިނަވެގެން 750ރ. ކަމަށެވެ. ނަމަވެސް އެ އަދަދަށް އެކި ފަހަރުމަތިން ދުވާލަކު ދިހަ ފަހަރު ފައިސާ ދެއްކޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"އެޕަލް އަދި އެންޑްރޮއިޑް ފޯނު ބޭނުންކުރާ މީހުންނަށް ފޯނު ނަމްބަރު ޕީއޯއެސްގައި ޖަހައިގެން ދުވާލަކު 50،000ރ.ގެ މުއާމަލާތްކުރެވޭނެ. މި ހިދުމަތް ހޯދާ ފަރާތްތަކުން އެކި ތަންތަނަށް އޯޑަރުކޮށްގެން އެއްޗެއް ގެންނައިރު އޯޑަރު ދިނުމަށްފަހު މިހާރު ވަގުތުން ފައިސާ ދައްކާލެވޭނެ. މިސާލަށް ޕިއްޒާއަކަށް އޯޑަރުކުރުމަށް ޑެލިވަރީކުރުމުގެ ކުރިން ކަސްޓަމަރަށް ފައިސާ ދެއްކޭނެ،" އެ އޮފިޝަލް ވިދާޅުވި އެވެ.
ބީއެމްއެލްގެ ކަސްޓަމަރަކު ކާޑަކުން ފައިސާ ދައްކަނީ: އަލަށް ތައާރަފްކުރާ ހިދުމަތުގައި ކާޑު ބޭނުންކުރަން ނުޖެހޭނެ. ފޮޓޯ: ބީއެމްއެލް
އެ ބޭންކުން ބުނީ މޮބައިލްޕޭގެ ހިދުމަތް ބީއެމްއެލްގެ ކާޑު ގެންގުޅޭ ހުރިހާ ކަސްޓަމަރަކަށް ވެސް ހޯދޭނެ ކަމަށެވެ.
ބީއެމްއެލް އިން އަލަށް ތައާރަފްކުރި ހިދުމަތަކީ މި ސަރަހައްދުގެ ކުރިއަރާފައިވާ ބައެއް ގައުމުތަކުގައި ވެސް ތައާރަފްކޮށް ގިނަ ބައެއްގެ މެދުގައި މަގުބޫލް ހިދުމަތެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ