އެމެރިކާގެ ނަޒަރުގައި ރައީސް މައުމޫން އެންމެ ފުރަތަމަ އިންތިހާބުވީ ފުދޭވަރަކަށް ޑިމޮކްރެޓިކްކޮށް!

ދިވެހިރާއްޖޭގެ ރައީސް ކަމަށް، ކުރީގެ ރައީސް މައުމޫން އަބްދުލް ޤައްޔޫމް އެންމެ ފުރަތަމަ އިންތިހާބުވެވަޑައިގަތީ ފުދޭވަރަކަށް ޑިމޮކްރެޓިކްކޮށް ކަމަށް އޭރު އެ އިންތިހާބު އޮބްޒާވް ކުރި އެމެރިކާ ސަރުކާރުގެ އޮފިޝަލުން ދެކުނުވެ. ރައީސް މައުމޫން އެންމެ ފުރަތަމަ އިންތިހާބުވެ ވަޑައިގަތީ 28 ޖުލައި 1978 ވަނަ އަހަރު ބޭއްވުނު ފެންނަ ނުފެންނަ އިންތިހާބަކަށް ފަހުގައެވެ. މި އިންތިހާބު ކުރިއަށް ދާ ގޮތް ބަލަން، ސްރީލަންކާގައި ހުންނަ އެމެރިކާގެ އެމްބަސީގެ އޮފިޝަލެއް ރާއްޖޭގައި ހަރަކާތްތެރިވިއެވެ. މިގޮތުން އިންތިހާބު އޮތް ދުވަހާއި ގުޅޭ ގޮތުން ތައްޔާރު ކުރި ރިޕޯޓެއްގައި ރައީސް މައުމޫން އިންތިހާބު ކުރެވުނީ ޑިމޮކްރެޓިކް އުސޫލުތަކެއްގެ ތެރެއިން ކަން ފާހަގަކޮށްފައިވެއެވެ. މި ރިޕޯޓަކީ އޭރު އެމެރިކާގެ އެމްބަސީއިން ތައްޔާރުކޮށް އެމެރިކާގެ މައި ސަރުކާރަށް ފޮނުވި ރިޕޯޓެކެވެ. "ވޯޓު ކަރުދާހުގައި އޮންނަނީ އެންމެ ކެންޑިޑޭޓެއްގެ ނަން. އެމެރިކާ މީހުން މިކަހަލަ އިންތިހާބަކާއި މެދު ޝައްކު އުފެދޭނެ އެކަމަކު މިއީ ވަރަށް އާދައިގެ، އާދަޔާ ހިލަފު އަދި ހަމަ އެހެންމެ ފުދޭވަރަކަށް ޑިމޮކްރެޓިކް ނިޒާމެއް" އެ ރިޕޯޓުގައިވެއެވެ. އަދި ފުރަތަމަ ކެންޑިޑޭޓަކު ހިޔާރު ކުރަނީ ރައްޔިތުންގެ މަޖްލީހުން ކަމަށާއި ދެން ދަނީ ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކުން ކަން އެ ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ. މި ރިޕޯޓުގައި މީގެ އިތުރުން ރައީސް މައުމޫނާއި މެދު އޭރު ރާއްޖޭގެ ބާރުގަދަ އާއިލާތަކުން ދެކުނު ގޮތްވެސް ލިޔެފައިވެއެވެ. މިގޮތުން ބައެއް މީހުންގެ ނަޒަރުގައި ރައީސް މައުމޫން ޤައުމުން ބޭރުގައި ހޭދަ ކުރެއްވި ގިނަ ދުވަސްތަކާއި، ތައުލީމީ ގޮތުން ލިބިފައި ހުރި ޤާބިލުކަމަކީ އެ ވަގުތަށް ދިވެހިރާއްޖެއަށް އެންމެ ބޭނުންތެރި ކަންކަމެވެ. އަނެއްބައި މީހުންގެ ނަޒަރުގައި ރައީސް މައުމޫން މުޅި ދުނިޔެއަށް ރާއްޖެ ހުޅުވާލާނެއެވެ. އެފަދަ މީހުން ބޭނުންވީ ރާއްޖެ ސިލޯނުފަދަ ބައެއް ޤައުމުތަކާއި އެކަނި ގުޅުން ބާއްވާށެވެ. އަދި ރައީސް މައުމޫންގެ ދީނީ ވިސްނުންފުޅާއި މެދުވެސް ބައެއް މީހުން ވާހަކަ ދައްކައި ހެދިއެވެ. އެމެރިކާގެ އޮފިޝަލް ވަނީ މާލޭގައި، އަދި ހިންމަފުއްޓައި މަހިބަދޫގައި އިންތިހާބުގެ ކަންކަން ކުރިއަށް ދިޔަގޮތް ބަލާފައެވެ. އެގޮތުން މާލޭގައި ދިޔައިރު ވޯޓުލާން ދިޔަ މީހުން ވަރަށް ރީތިކޮށް ސަފުތަކަށް އެތުރިގެން ތިބި ކަމަށާއި މެންދަން ވަންދެން ވޯޓުލުން ކުރިއަށް ދިޔަކަމަށްވެސް އޮތެވެ. އަދި ހިންމަފުށީގައި ވޯޓުލުން ކުރިއަށް ދިޔައީ އެއަށްވުރެ މާ ނުރަސްމީ ގޮތަކަށް ކަމަށާއި އެހާ ގިނަ ބަޔަކު ސަފުހަދައިގެން ނެތްކަމަށް ވެސް ރިޕޯޓުގަިއ ބަޔާންކޮށްފައިވެއެވެ. ރައީސް މައުމޫން ރާއްޖޭގެ ރައީސް ކަމަށް ފުރަތަމަ އިންތިހާބު ވެވަޑައިގަތީ އެދުވަހު އޮތް އިންތިހާބު ބޮޑު އަގުލަބިއްޔަތަކުން ކާމިޔާބު ކުރައްވައިގެންނެވެ. ރާއްޖޭގެ ރައީސް ކަމުގެ ހުވާ ކުރެއްވީ އެ އަހަރުގެ ނޮވެމްބަރު މަހުގެ 11 ވަނަ ދުވަހަގުއެވެ. އޭރު އެމަނިކުފާނުގެ އުމުރުފުޅަކީ 41 އަހަރެވެ. އޭގެ ފަހުން އެމަނިކުފާނު 6 ދައުރު ވެރިކަން ކުރައްވާފައި ވާއިރު ހުރިހާ ފަހަރެއްގައިވެސް ބޮޑު އަގުލަބިއްޔަތަކުން ހޮވިވަޑައިގަނެއެވެ. ނަމަވެސް އަބަދުވެސް ނަގަނީ ފެންނަ ނުފެންނަ ވޯޓެކެވެ. ފުރަތަމަ ފަހަރަށް ގިނަ ބަޔަކަށް ވާދަކުރެވޭ ގޮތަށް 2008 ގައި ބޭއްވުނު އިންތިހާބުގައި ރައީސް މައުމޫނު ނާކާމިޔާބީއާއި ކުރިމަތިވެވަޑައިގެންނެވިއެވެ. 
މިލިޔުން ކިޔާލުމުން
50 %
އުފާވި
0 %
ދެރަވި
17 %
ރުޅިއައި
33 %
މައުލޫމާތު މުއްސަނދިވި
ކިޔުންތެރިންގެ ހިޔާލު
ފޮނުވާ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ