އެހެން މީހަކަށް ފާޑުކިޔުމުގެ ކުރިން އަމިއްލަ މީހާ އިސްލާހުވުން މުހިއްމު - މައުމޫން

އެހެން މީހަކަށް ފާޑުކިޔުމުގެ ކުރިން ތިމާގެ އަމިއްލަ ނަފްސު އިސްލާހު ކުރުން މާ މުހިއްމު ކަމަށް ކުރީގެ ރައީސް އަލްއުސްތާޛު މައުމޫން އަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ.
ރައީސް މައުމޫން މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ކޮންމެ މީހަކުވެސް ތިމާގެ އަމިއްލަ ނަފްސު އިސްލާހުކޮށްފިނަމަ، މުޅި މުޖްތަމަޢު އޮންނާނީ އިސްލާހުވެފައި ކަމަށެވެ. ރައީސް މައުމޫން ވިދާޅުވީ މީހަކަށް ނަސޭހަތެއް ދޭނަމަވެސް، އެކަން ކުރަން ވާނީ މާތްﷲ އަންގާފައިވާ ގޮތުގެ މަތިން ކަމަށެވެ.
ރައީސް މައުމޫން މިގޮތަށް ޓްވީޓު ކޮށްފައި މިވަނީ މަރުތަކާ ބެހޭ ކޮމިޝަނުގެ ފަރާތުން ޑރ.އަފްރާޝީމްގެ މަރާ ބެހޭ ގޮތުންނާއި، ރިލްވާން ގެއްލުމާއި ބެހޭގޮތުން ތަފްސީލީ ރިޕޯޓެއް ނެރެގެން، އެ ރިޕޯޓުގައި ވާހަކަތަކާ ގުޅޭގޮތުން ސިޔާސީ މީހުންނާއި، ދީނީ ޢިލްމުވެރިންނާއި، އަދި ރައްޔިތުންގެ މެދުގައި ކުރެވޭ ބަހުސްތައް އިތުރުވެފައިވާ ދަނޑިވަޅެއްގައެވެ. މަރުގެ ކޮމިޝަނުގެ ރިޕޯޓުތަކުގައި ރާއްޖޭގައި ދީނީ ހަރުކަށި ފިކުރުގެ މީހުން އުޅޭކަން ވަނީ ހާމަކޮށްފައެވެ. އަދި ބޮޑެތި މަރުތަކާއި، އެފަދަ ޖަރީމާތައް ހިންގަނީ ރާއްޖޭގައި ޙަރަކާތްތެރިވާ މިފަދަ ޖަމާޢަތްތަކުގެ މެމްބަރުންކަމަށް ވަނީ ތުހުމަތުކޮށްފައެވެ.
ރައީސް މައުމޫން އަކީ ރާއްޖޭގައި 30 އަހަރުވަންދެން ވެރިކަން ކުރެއްވި ރައީސް އެކެވެ. މިސްރުގެ އަލް އަޒްހަރު ޔުނިވާސިޓީއިން ތަޢުލީމް ހާސިލްކޮށްފައިވާ، އެ މަނިކުފާނަކީވެސް ދީނީ ތަފާތު އެކި މައުޟޫޢު ތަކަށް ޒަމާނުއްސުރެ ވާހަކަ ދައްކަވައެވެ.
ނަމަވެސް މިއަދު މައުމޫން ހާއްސަ ނަސޭހަތެއް ދެއްވާފައި މިވަނީ ފަހަކަށް އައިސް ދީނީ މައްސަލަތަކާއި މެދު މައުމޫން އެއްވެސް އެއްޗެއް ވިދާޅުނުވާތީ މައުމޫނަށް ވަނީ ފާޑުކިޔުން އަމާޒުވެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ