ސްކޫލް ބަންދާއި ދިމާކޮށް ދަތުރު ކުރާއިރު ސަމާލުވާން އެދެފި

ކުރިއަށް އޮތް ސްކޫލް ބަންދުގައި ދަތުރުފަތުރު ކުރާއިރު ސަމާލުވުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އެދެފި އެވެ.
Advertisement
ދުނިޔޭގައި ހަލުވިކަމާއެކު ފެތުރެމުންދާ ކޮރޯނާ ވައިރަސް އިން ރައްކާތެރި ވުމުގެ ގޮތުން އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް ސަމާލުވުމަށް އިލްތިމާސްކޮށް އެޗްޕީއޭ އިން މިއަދު ވަނީ ބަޔާނެއް ނެރިފަ އެވެ. މި ބަޔާނުގައި ވަނީ ދަތުރުތައް ފެށުމުގެ ކުރިން، ދަތުރު ކުރުމަށް ނިންމާފައިވާ ގައުމުގައި ބަލީގެ ހާލަތު އޮތް ގޮތް ދެނެގަނެ ބަލި ފެތުރޭ ގައުމުތަކަށް ދަތުރު ނުކުރުމަށް އިލްތިމާސްކޮށްފަ އެވެ. މީގެ އިތުރުން އުމުރުން ދުވަސްވީ މީހުންނާއި ދިގު މުއްދަތަކަށް ބޭސްކުރަން ޖެހޭ މީހުން ކޮންމެހެން ކުރަންޖެހޭ ދަތުރެއް ނޫނީ މިދުވަސްވަރު ނުކުރުމަށް އެޗްޕީއޭ އިން ވަނީ އިލްތިމާސް ކޮށްފައެވެ. އަދި ދަތުރުކުރާއިރު، ދަތުރުކުރާ ގައުމުތަކުގެ ސަރުކާރުން ކޮވިޑް-19 އާއި ގުޅޭ ގޮތުން އަޅާފައިވާ ފިޔަވަޅުތަކަށް ސަމާލުވުމަށް ވެސް އެޗްޕީއޭ އިން މި ބަޔާނުގައި ބުނެފައި ވެއެވެ.ސްކޫލް ބަަންދާއި ދިމާކޮށް ދަތުރު ކުރުމަކީ ގިނަ ދިވެހިން ކޮށް އުޅޭ ކަމެކެވެ. މިކަމާއި ގުޅިގެން، ރާއްޖެއިން ބޭރަށް ދަތުރުކުރާއިރު ސަމާލުވާންވީ ކަންތައްތައް ވެސް އެޗްޕީއޭ އިން ވަނީ އާންމުންގެ ސަމާލުކަމަށް ގެނެސްފައެވެ. އެގޮތުން، ދަތުރުމަތީ އުޅޭއިރު ހުމާއި ރޯގާގެ އަލާމާތްތައް ފެންނަ މީހުންނާއި ކައިރިވެ ނޫޅުމަށާއި ގިނަގިނައިން ސައިބޯނި ލައިގެން އަތްދޮވެ، ސެނިޓައިޒާ ބޭނުންކުރުމަށާއި ދަތުރުމަތީ އުޅޭއިރު އަބަދުވެސް ހޭންޑް ސެނިޓައިޒާ ގެންގުޅުމަށް އެޗްޕީއޭއިން ވަނީ އިލްތިމާސް ކޮށްފައެވެ.އަދި ރާއްޖެއިން ބޭރުގައި އުޅޭއިރު ޖަނަވާރު ވިއްކާ ވެޓް މާކެޓްތަކަށް ނުދިޔުމަށާއި ދަތުރުމަތީ އުޅޭއިރު ހުން އައިސް ރޯގާ ޖެހިއްޖެނަމަ އެ ގައުމެއްގައި މިފަދަ އަލާމާތްތައް ފެންނަ މީހުން ސިއްހީ ހިދުމަތް ހޯދުމަށް އެ ގައުމެއްގެ ސަރުކާރުން އަންގާފައިވާ ގޮތަށް އަމަލުކުރުމަށާއި ދަތުރުކުރާ ގައުމުގެ ސަރުކާރުން ބަލިން ރައްކާތެރިވުމަށް ސަމާލުކަން ދިނުމަށް އަންގާފައިވާ ފިޔަވަޅުތަކަށް ސަމާލުވުމަށް ވަނީ އިލްތިމާސް ކޮށްފައެވެ. ދަތުރުކޮށްފައި އެނބުރި ރާއްޖެ އައުމަށްފަހު، ދަތުރުން އަންނަތާ 14 ދުވަސް ތެރޭ ހުންއައިސް ރޯގާ ޖެހިއްޖެނަމަ ގޭގައި މަޑުކޮށް 1676 ހޮޓްލައިން އަށް ގުޅުމަށްވެސް އެޗްޕީއޭ އިން ވަނީ އިލްތިމާސް ކޮށްފައެވެ. އެޗްޕީއޭ އިން ބުނީ ހޮޓްލައިނަށް ގުޅާއިރު ދަތުރުގެ މައުލޫމާތު ހިއްސާކުރަން އެދޭ ކަމަށެވެ. އަދި އެޗްޕީއޭ އިން ބުނީ ކޮވިޑް-19 ގެ ހާލަތު އެއްދުވަހުން އަނެއް ދުވަހަށް ދަނީ ހަލުވި ކަމާއެކު ބަދަލުވަމުން ކަމަށާއި ރާއްޖެއިން ބޭރަށް ކޮންމެހެން ކުރަންޖެހޭ ދަރުތެއް ނޫނީ ނުކުރުމަށް އިލްތިމާސް ކުރާ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ