ރިޔާސީ އިންތިހާބު 2008: ކުރިޔަށް އޮތް ރިޔާސީ އިންތިހާބަކީ އިންސާފުވެރި މިނިވަން އިންތިހާބަކަށް ހެދުމަށް ރައްޔިތުންނަށް ރައީސް އިލްތިމާސ

ބުދަ ދުވަހު ރާއްޖޭގައި ބާއްވާ ރިޔާސީ އިންތިޚާބަކީ ވަރަށް މިނިވަން ވަރަށް އިންސާފުވެރި އިންތިޚާބަކަށް ހެދުމަށް ޑީއާރްޕީގެ ޒައީމް އަދި ރައީސުލް ޖުމްހޫރިއްޔާ އަލްއުސްތާޒު މައުމޫނު އަބްދުލް ގައްޔޫމް ހުރިހާ ދިވެހި ރައްޔިތުންނަށް އިލްތިމާސް ކުރައްވައިފިއެވެ.
ޑީއާރްޕީގެ ރިޔާސީ ކެންޑިޑޭޓް "މައުމޫނުގެ ގަދަ ފަސް އަހަރު ފެށުން" މި ޝިޔާރުގެ ދަށުން އާޓިފިޝަލް ބީޗްގައި ރޭ އިރާ ކޮޅުން ފެށިގެން ދަންވަރު 00: 12 އަށް ކުރިޔަށް ދިޔަ ކެންޕޭން ހަފުލާގައި ވާހަކަފުޅު ދައްކަވަމުން ވިދާޅުވީ އިންތިޚާބު އިންސާފުވެރި ވީހާވެސް ހާމަކަން ބޮޑު، ސުލްހަވެރި މިނިވަން އިންތިޚާބަކަށް ހެދުމަށް ރާއްޖޭގެ ރައްޔިތުންނަށް އެމަނިކުފާނު އިލްތިމާސްކުރައްވާ ކަމަށެވެ.
މީގެ އިތުރުން ރިޔާސީ އިންތިޚާބު ކާމިޔާބުކޮށް ރާއްޖޭގެ ވެރިކަމާ ހަވާލުވާ ފަރާތަކުން ރާއްޖޭގެ ތަރައްޤީއާއި ހަމަޖެހުމަށް ވަރަށް ގިނަ މަސައްކަތްތަކެއް ކުރައްވާނެކަމަށް ޔަޤީން ކުރައްވާ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.
ރައީސް މައުމޫނު ވިދާޅުވީ ސުލްޙަވެރި ހާމަކަން ބޮޑު ގޮތެއްގައި މިއިންތުޚާބު ގެންދެވިއްޖެނަމަ މުޅިދުނިޔެއަށް ވަރަށް ރީތި މިސާލެއް ދެއްކޭނެކަމަށާއި ޑިމޮކްރެޓިކް ރީތި ނިޒާމެއް ދިވެހިން ބަލައިގަތް ކަމުގެ ހެކި މުޅި ދުނިޔެއަށް އޭރުން ދެއްކޭނެކަމަށެވެ.
އިންތިހާބުގައި އެ މަނިކުފާނަށާއި އަދި ރަނިންމޭޓް އަހުމަދު ތަސްމީން އަލީއަށް ވޯޓް ދެއްވުމަށް އެދިވަޑައިގެން މައުމޫނު ވިދާޅުވީ އެމަނިކުފާނު އަބަދުވެސް މަސައްކަތް ކުރައްވަނީ އެހެން ފަރާތްތަކާ ގުޅިގެން މަސައްކަތް ކުރެއްވުމަށާއި އެހެންނަމަވެސް އެފަދަ ފަރާތްތަކުން އެކަމަށް އިޖާބަ ނުދެއްވާ ކަމަށެވެ. އެގޮތުން ރާއްޖޭގެ ރައީސްކަން ކުރެއްވޭނީ ރައްޔިތުން ދަންނަ އެމީހުން ގޮވައިގެން އުޅެވޭވަރު، އަދި މަޝްވަރާކޮށް އަޑު އަހާ މީހަކަށް ކަމަށް ވެސް ވިދާޅުވި އެވެ. އެމަނިކުފާނާއި ތަސްމީނަށް ވޯޓު ދެއްވައިފިނަމަ ކުރިއަށް އޮތް ތަނުގައި ރައްޖެ އާ އުސްމިންތަކަށް ގެންގޮސް ދެއްވާނެކަމުގެ ޔަގީން ކަންވެސް އެމަނިކުފާނު އެރުވި އެވެ.
މައުމޫނު ވިދާޅުވީ ރާއްޖޭގައި ގިނަ ސިޔާސީ ޕާޓީތައް ވާދަކުރާ އިންތިޚާބެއް ބޭއްވުމަކީ ވަރަށް ކުރިންވެސް އެމަނިކުފާނުގެ އުއްމީދެއްކަމަށާއި އެމަނިކުފާނުގެ ޕާޓީން އަބަދުވެސް މަސައްކަތް ކުރަމުން ގެންދިޔައީ އެހެން ޕާޓީތަކާ ގުޅިގެން މަސައްކަތް ކުރުމަށް ކަމަށެވެ.
ރޭގެ ކެންޕޭން ހަފުލާގައި މައުމޫނުގެ ރަނިންމޭޓް އަހުމަދު ތަސްމީނު އަލީ ވެސް ވާހަކަފުޅު ދެއްކެވި އެވެ. އެމަމިކުފާނު ވެސް ވިދާޅުވީ ރައީސް މައުމޫން ރާއްޖެއަށް ގެނެސްދެއްވާފައިވާ ތަރައްގީ ފެންނާން އެބައޮތް ކަމަށާއި އެކަން ފަނޑު ކުރަން އުޅުނަސް އެއީ ވާނެ ކަމެއް ނޫން ކަމަށާއި ދިވެހި ރައްޔިތުން އެއަށްވުރެ މާ ކުޅަދާނަވެފައި ތޫނުފިލި ކަމަށެވެ.
ރޭގެ ހަފުލާގައި އިންފޮމޭޝަން މިނިސްޓަރު މުހައްމަދު ނަޝީދު ދެއްކެވި ވާހަކަ ފުޅުގައި ރާއްޖެ ދެކެމުން މިދާ މުހިންމު ދަނޑިވަޅުގައި ރާއްޖޭ ރައީސަކަށް އެންމެ މުހިންމު ބޭފުޅަކީ މައުމޫނު ކަމަށާއި އެމަނިކުފާނަކީ ކެތްތެރި ކަމާއެކު މަޝްވަރާގެ މަތިން، އެންމެން ބައިވެރި ކުރައްވައިގެން މަސައްކަތް ކުރައްވައި ރައްޔިތުން ގޮވައިގެން ކުރިޔަށް ވަޑައިގެންނެވޭނެ ލީޑަރެއް ކަމަށެވެ.
ގަދަ ފަސް އަރުގެ ފެށުމުގެ ކެންޕޭން ހަފުލާގައި މިހާރު ސިޔާސީ ދާއިރާގައި ރައީސް މައުމޫނަށް އެންމެ ބޮޑަށް ފާޑުވިދާޅުވާ ބޭފުޅުން ކަމަށްވާ މިނިވަން ރިޔާސީ ކެންޑިޑޭޓް ޑރ. ހަސަން ސައީދާއި ކުރީގެ ޖަސްޓިސް މިނިސްޓަރު ޑރ. މުހައްމަދު ޖަމީލާއި ކުރީގެ ޕްލޭނިން މިނިސްޓަރު އިބުރާހިމް ހުސައިން ޒަކީ ރައީސް މައުމޫނުގެ ގާބިލު ކަމާއި އެމަނިކުފާނުގެ އިސްލާހީ މަސައްކަތްތަކަށް އެކި ފަހަރު މަތިން ކުރައްވާފައިވާ ތައުރީފުގެ ވީޑީޯތައް ވެސް ދައްކާފައިވެ އެވެ.
ފިލްމީ ތަރިން ކަމަށްވާ މުހައްމަދު މަނިކާއި އަލީ ސީޒަން ހުށަހަޅައިދިން ބޮޑު ޝޯއެއްގެ ގޮތުގައި ކުރިޔަށް ގެންދިޔަ މި ޝޯގާއި މަޝްހޫރު ޓްރިއޯ ބޭންޑާއި މަޝްހޫރު ލަވަކިޔުންތެރިޔާ އަބްދުއް ސަމީއު ބައިވެރިވެ ލަވަ ކިޔާފައިވާއިރު ވަރަށް ގިނަ އަދަދެއްގެ ބަޔަކު މުޅި ސަރަހައްދަށް ގޮސް ތިއްބެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ