މާދަމާ ބާއްވާ ރިޔާސީ އިންތިހާބު ކީރިތި ﷲގެ ވާގިފުޅާ އެކު ކާމިޔާބު ކުރައްވާނެ ކަމަށާއި އިންތިހާބަށް ފަހު ޑީއާރުޕީގެ ރިޔާސީ ކެންޑިޑޭޓް މައުމޫން އަބްދުލް ގައްޔޫމް ވެވަޑައިގަންނަ ވާނީ ރައްޔިތުންގެ އެކުވެރިކުރާ، ގައުމީ ވަހުދަތު ހިފަހައްޓާ ރައީސަކަށް ކަމަށް އެ މަނިކުފާނު ރޭ ވިދާޅުވެއްޖެ އެވެ.
ވާދަވެރި ރިޔާސީ އިންތިހާބުގެ ދެ ވަނަ ބުރުގެ ރަސްމީ ކެމްޕެއިން ނިންމުމަށް ޓަކައި ރޭ އާޓިފިޝަލް ބީޗް ސަރަހައްދުގައި ބޭއްވި ޑީއާރުޕީގެ ހަފުލާގައި ވާހަކަ ދައްކަވަމުން މައުމޫން ވިދާޅުވީ އެ މަނިކުފާނު ވެވަޑައިގަންނަ ވާނީ ތަފާތު ވިސްނުމާއި ފިކުރުގެ މީހުން ގޮވައިގެން އުޅުއްވާނެ ބޭފުޅަކަށް ކަމަށެވެ.
"އަޅުގަނޑު ވާނީ ތަފާތު ހިޔާލުތަކުގެ މީހުންނާއި ތަފާތު ވިސްނުންތަކުގެ މީހުން ގޮވައިގެން، އެންމެން ގޮވައިގެން ގައުމާއިގެން ކުރިއަށްދާ ރައީސަކަށް. އަޅުގަނޑުގެ ކުރިއަށް އޮތް ދައުރުގައި އެއްވެސް މީހަކަށް ބޭއިންސާފު ކަމެއް ކުރިމައްޗެއް ނުވާނެ. އެއްވެސް މީހެއްގެ ސިޔާސީ ވިސްނުމުގެ ސަބަބުން، ސިޔާސީ ހިޔާލުގެ ސަބަބުން، އޭނާ ނިސްބަތްވާ ޕާޓީގެ ސަބަބުން އެއްވެސް މީހަކާ ދޭތެރޭގައި ބޭއިންސާފު ގޮތެއް އަޅުގަނޑު ނަހަދާނަން. އަޅުގަނޑުމެންނާ ވާދަކުރެއްވި ހުރިހާ ބޭފުޅުންގެ ހައްގުތައް ފުރިހަމައަށް ރައްކާތެރި ކޮށްދޭނަން،" ޑީއާރުޕީގެ އެ ހަފުލާ ހިނގަމުންދަނިކޮށް ވެހުނު ބޯ ވާރޭގައި ތެމިފޯވެ ހުންނަވައިގެން ވާހަކަ ދައްކަވަމުން މައުމޫން ވިދާޅުވި އެވެ. "ގާސިމް އިބްރާހީމް ބިރުފުޅުގަންނަންވީ ސަބަބެއް ނެތް. ވިލާގެ އެއްވެސް މުވައްޒަފަކު ބިރުގަންނަންވީ އެއްވެސް ސަބަބެއް ނެތް. ހަސަން ސައީދު ބިރުފުޅު ގަންނަންވީ ސަބަބެއް ނެތް. ޖެހިލުންވެ ވަޑައިގަންނަވަންވީ ކަމެއް ނެތް. މި ދެންނެވި ބޭފުޅުންނާ އެ ބޭފުޅުންގެ އާއިލާތަކާ ރައްޓެހިންނާއި ރަހުމަތްތެރިން ތިބޭނީ ސަލާމަތުން. އެއްވެސް ބޭފުޅަކާ ދޭތެރޭގައި ޒާތީ ގޮތެއް ނުބަހައްޓާނަން. އަދި އަޅުގަނޑުގެ ވާދަވެރިޔާ މުހައްމަދު ނަޝީދު (އަންނި) އޭނަ ވެސް އެއްވެސް ކަމަކާ ބިރުފުޅު ގަންނާކަށް ޖެހިވަޑައެއް ނުގަންނަވާނެ. އޭނަ އާއި އޭނަ އާއިލާ ތިބޭނީ ދިވެހި ދިދައިގެ ރައްކާތެރިކަމުގެ ދަށުގައި. ދިވެހިންގެ އެކުވެރިކަމާއި ބަދަހި ވަހުދަތު އަޅުގަނޑު އިރާދަކުރެއްވިއްޔާ ކުރިއަށް ފެށޭ ދައުރުގައި ވަރަށް ރަނގަޅަށް ދައްކާނަން."
މައުމޫން ވިދާޅުވި ގޮތުގައި އެ މަނިކުފާނަށް ދެވަނަ ބުރުގައި ވޯޓު ދޭ މީހުންގެ ހައްގުތަކާއި ވޯޓު ނުދޭ މީހުންގެ ހައްގުތައް ވެސް ކުރިއަށް އޮތް ފަސް އަހަރު ތެރޭގައި ރައްކާތެރި ކޮށްދެއްވާނެ އެވެ. އަދި މައުމޫން ވިދާޅުވީ ކުރިއަށް އޮތް ފަސް އަހަރު ހަދަން ބޭނުން ވަނީ ތަރައްގީ އާއި ތަނަވަސްކަމާއި ފުއްދުންތެރިކަމުގެ ފަސް އަހަރު ކަމުގައި ކަމަށެވެ.
"ރައްޔިތުން އެދޭ ހެޔޮ ބަދަލު އިރާދަކުރެއްވިއްޔާ އަޅުގަނޑު ގެނެސްދީފިން. ދިވެހި ރާއްޖޭގައި އާ ގާނޫނު އަސާސީއެއް ހަދައިދީފިން. އެ ގާނޫނު އަސާސީ ތަސްދީގުކޮށް އެ އަމަލުކުރަން ފަށައިފިން. ރާއްޖޭގައި މިނިވަން މުއައްސަސާތަކެއް ގާއިމްކޮށްދީފިން. ރާއްޖޭގައި މިނިވަން މަގާމުތަކެއް ގާއިމްކޮށްދީފިން. ރާއްޖޭގައި ތަފާތު ސިޔާސީ ޕާޓީތައް ހިނގާ ގޮތަށް ނިޒާމު ބަދަލުކޮށްދީފިން. ތިން ބާރު ވަކިކޮށްދީފިން. އެއްވެސް މީހެއްގެ އަތުގައި ނާޖާއިޒް ފައިދާ ލިބިގަނެވޭ ކަހަލަ ބާރެއް މިހާރު ނޯންނާނެ. މިއީ ރައްޔިތުން ބޭނުންވާ ބަދަލަކީ. ރައްޔިތުން ބޭނުންވާ ހެޔޮ ބަދަލު މާތް ﷲ ވާގިފުޅާއެކު އަޅުގަނޑު މި އޮތީ ގެނެސްދީފައި. މި ބަދަލަކީ ރާއްޖޭގެ އެއްވެސް މީހަކު ބުނެގެން ނުވަތަ ބޭރުގެ އެއްވެސް ފަރާތެއްގެ ފިއްތުމަކުން އަޅުގަނޑު ގެނައި ބަދަލެއް ނޫން،" އިންތިހާބުގެ ފުރަތަމަ ބުރުން 71،731 ވޯޓު ހޯއްދެވި މައުމޫން ވިދާޅުވި އެވެ.
މައުމޫން ވިދާޅުވި ގޮތުގައި އިސްލާހީ ބަދަލުތައް ސަރުކާރުން ގެނައުމުގެ މެޑަލް ޖެހުމަށް ބައެއް މީހުން މަސައްކަތްކުރުމަކީ އިންސާނީ ތަބީއަތުގައި ހުންނަ ކަމެކެވެ. އަދި ވިދާޅުވީ ރާއްޖެއަށް ގެނައި ބަދަލުތަކުގެ މެޑަލް ޖަހަން ބޭނުންވަނީ އެހެން ބައެއް ކަމަށާއި އެ ބޭފުޅުން ސަރުކާރުގެ ތެރެއިން ފޭލިވެ ވަޑައިގެން، ސަރުކާރުން ބޭރަށް ވަޑައިގެންނެވީ ކަމަށެވެ.
"މި ބުރަ މަސްއޫލިއްޔަތު އުފުއްލަވާކަށް ނުވަތަ އޭގައި ދެމިތިއްބަވާކަށް ކެރިވަޑައެއް ނުގެންނެވި. އެކަމަކު މިހާރު ވިދާޅުވަނީ ބަދަލު ގެނައީ ތިމަންނަމެންނޭ. އެކަމަކު އަޅުގަނޑުމެންގެ ތެރެއިން އެކަކު ވެސް އެކަމެއް ގަބޫލެއް ނުކުރާނެ. ސާބިތުކަމާއެކުގައި ތިބެންޖެހޭނެ. މިރޭ މި ވެހެމުންދިޔަ ބޯ ވާރެއާ އެކު އަޅުގަނޑުމެން ސާބިތުކަމާ އެކު ތިބި ފަދައިން އަދި އެއަށް ވުރެ ވެސް އަޒުމަކާއި ސާބިތުކަމާއެކުގައި ކުރިއަށް އޮތްތާނގައި އަޅުގަނޑުމެން އެކިއެކި ހުރަސްތައް ގިރާކުރުމަށް ފަހު އުޖާލާ މުސްތަގުބަލަކަށް ދަތުރުކުރުމަށްޓަކައި އަޅުގަނޑުމެން އެންމެން ވަރުގަދަ ހިތްމަތަކާއެކުގައި ކުރިއަށްދާން ޖެހޭނެ،" މައުމޫން ވިދާޅުވި އެވެ.
މައުމޫން އަދި ވިދާޅުވީ "އަބަދު ވެސް އަޅުގަނޑު ހުންނާނީ ދިވެހި ރައްޔިތުންގެ އަރިހުގައި" ކަމަށާއި "ނުރައްކަލެއް ދިމާވީމަ ދިވެހި ރައްޔިތުން ދޫކޮށްލާފައި ފިލައިގެންދާ މީހަކު ކަމުގައި އަޅުގަނޑު ނުވާނަން" ކަމަށް ވަރަށް ޖަޒުބާތާ އެކު ވިދާޅުވި އެވެ.
"ކުރިއަށް އޮތް ފަސް އަހަރު އަޅުގަނޑު ހުންނާނީ އެ ގޮތުގެ މަތީގައި. ތިޔަ ހުރިހާ ބޭފުޅުން އަޅުގަނޑަށް ތާއީދު ކުރައްވައި އަޅުގަނޑު ހޮއްވަވައިފި ނަމަ މާތް ﷲ ވާގިފުޅާ އެކު ދިވެހިރާއްޖެ ތަރައްގީގެ އާ އުސްމިންތަކަކަށް ގެންގޮސްދޭނަން،" މައުމޫން ވިދާޅުވި އެވެ.
ރިޔާސީ އިންތިހާބު 2008: އިންތިހާބު ކާމިޔާބު ކުރުމަށް ފަހު އަޅުގަނޑު ވާނީ ރައްޔިތުން އެކުވެރިކުރާ ރައީސަކަށް: މައުމޫން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ