މިދިޔަ ރިޔާސީ އިންތިހާބުގައި ޑީއާރުޕީއަށް ނާކާމިޔާބީއާ ކުރިމަތިލާންޖެހުނު އެންމެ މައިގަނޑު ސަބަބަކީ ރައްޔިތުންނަށް ސަރުކާރުގެ ވަޒީރުން ޖަވާބުދާރީ ނުވެވުމުން ކަމަށާއި އިންތިހާބަށް ވުރެ މާ ކުރިން އިންތިހާބު ވަނީ ޑީއާރުޕީއަށް ގެއްލިފައި ކަމަށް ޕީޕަލްސް އެލަޔަންސް (ޕީއޭ) ގެ ރައީސް އަދި ނ. މެމްބަރު އަބްދުﷲ ޔާމީން ވިދާޅުވެއްޖެ އެވެ.
ރިޔާސީ އިންތިހާބުގައި ޑީއާރުޕީއާ އެކު ކޯލިޝަން ހަދައިގެން މަސައްކަތް ކުރެއްވި ޕީއޭގެ ރައީސް ޔާމީން ވިދާޅުވީ ބޮޑެތި ބަޖެޓްތަކެއް ފާއިތުވި ދެ އަހަރު ދުވަހުގެ ތެރޭގައި ފާސްކޮށް، އެ ބަޖެޓްތަކުން ރައްޔިތުންނަށް ފައިދާއެއް ނުކުރިކަމީ އިންތިހާބުގައި ނާކާމިޔާބީއާ ކުރިމަތިލާން ޖެހުނު ސަބަބެއް ކަމަށެވެ.
"އިލެކްޝަން ގެއްލުނީ އަޅުގަނޑަށް ހީވަނީ އިލެކްޝަންގެ މޫސުމަކު ނޫންހެން. މި އިލެކްޝަން ގެއްލުނީ ދެ ބުރުގައި މިދިޔަ ތިން ހަފުތާއެއް ނުވަތަ މަހެއްހާ ދުވަހުގެ ތެރޭގައެއް ނޫންހެން އަޅުގަނޑަށް ހީވަނީ. އިލެކްޝަން ގެއްލުނީ ހަމަ ހަގީގަތުގައި ވެސް ސަރުކާރުގެ ވަޒީރުންނަށް ވެސް ހަމަ ޖަވާބުދާރީވެ ވަޑައިނުގެންނެވުމުން. ސަރުކާރުން ކުރާ ކަންތައްތައް އޮޅުންފިލުވައި ވެސް ނުދެއްވުނީ. އަނެއްކާ ބިޔަ ބަޖެޓްތަކެއް ފާސްކޮށްގެން، އަޅުގަނޑު ކަނޑައެޅިގެން މަޖިލީހުގައި ބުނިން މިހާ ބޮޑެތި ބަޖެޓްތަކެއް ފާސްކޮށްފައި، ރައްޔިތުންނަށް އުއްމީދުތަކެއް ދީފައި މި ބަޖެޓަށް ބޭނުންވާ ފައިސާ ނުލިބި އެތައް ބައިވަރު ޕްރޮޖެކްޓްތަކެއް ގޮސްފިއްޔާ ރައްޔިތުން ވަރަށް ބޮޑަށް މާޔޫސްވާނެއޭ. ވަރަށް ބޮޑަށް އޮޅުވާލެވެނީއޭ. މިދިޔަ ދެ އަހަރު ދިޔައީ ހަމަ އެ ކަންތައް އެ ގޮތަށް،" ހަވީރަށް ދެއްވި ހާއްސަ އިންޓަވިއުއެއްގައި ރައީސް މައުމޫނުގެ ކޮއްކޯފުޅު ވިދާޅުވި އެވެ.
ރައީސް މައުމޫނުގެ ސަރުކާރުގައި ޓްރޭޑް މިނިސްޓަރުކަމާއި ހަޔާ އެޑިއުކޭޝަން މިނިސްޓަރުކަމާއި ޓޫރިޒަމް މިނިސްޓަރުކަން ވެސް ކުރައްވާފައިވާ ޔާމީން ވިދާޅުވީ ފާއިތުވީ ދެ އަހަރެއްހާ ދުވަހުގެ ތެރޭގައި ސަރުކާރުން ކުރާ ކަންތައްތަކުގެ ބަދަލުގައި ފެންނަމުންދިޔައީ ރައްޔިތުންގެ މަޖިލީހުގެ މަސައްކަތްތައް ކަމަށެވެ.
"ދެވަނަ ކަމަކީ ރައްޔިތުންގެ މަޖިލީހުގެ ތެރޭގައި ޑީއާރުޕީގެ ޕާލަމެންޓްރީ ގުރޫޕަކަށް ހަރަކާތްތެރިވެވަޑައެއްނުގެންނެވޭ. ޖަވާބުދާރީވެވަޑައިނުގެންނެވޭ. ސަރުކާރުގެ ދިފާއުގައި ޑީއާރުޕީގެ ޕާލަމެންޓްރީ ގުރޫޕަށް ވާހަކަ ދެކެވިފައިވާތަނެއް ހަމަ ނުފެނޭ. ތިން ވަނަ ކަމަކީ ކެމްޕެއިންގެ މެނޭޖްމަންޓް އިޝޫސް. ޑީއާރުޕީ ކެމްޕެއިންގެ މެނޭޖުމަންޓްގައި ބޮޑެތި މައްސަލަތަކެއް ހުރި. އަޅުގަނޑަކަށް ގަބޫލެއްނުކުރެވޭ ޑީއާރުޕީގެ ކެމްޕެއިން އެހާ ވަރަށް ކޯޑިނޭޓްވެގެން ދިޔަ ކަމެއް. ރައީސް މައުމޫނާއި ތަސްމީނާ ދެ ބޭފުޅުން މާލެ އާއި އަތޮޅުތަކުގައި ވަރަށް ބުރަކޮށް ކެމްޕެއިންގެ މަސައްކަތްތައް ކުރައްވަމުން ގެންދެވި. އެހެން ނަމަވެސް މިވާ ގޮތަކީ އިދިކޮޅު ފަރާތްތަކުން ވަރަށް ބޮޑެތި ދޮގުތައް ހަދަމުން ދިޔައިރު ވެސް ސަރުކާރުން ޖަވާބުދާރީއެއް ނުވޭ. މަތީ ފެންވަރުގެ ބޭފުޅުން ވަޑައިގެން ސަރުކާރުން ޖަވާބުދާރީއެއް ނުވޭ."
ޔާމީން ވިދާޅުވީ އިންތިހާބުގެ ދެވަނަ ބުރުގައި ޑީއާރުޕީ އާއި ޕީއޭއިން އެއްބަސްވެފައިވާ އެގްރީމަންޓެއް ލީކްވުމުން ވެސް އެއަށް އެކަށީގެންވާ ގޮތެއްގައި ޖަވާބުދާރީވެފައިނުވާ ކަމަށެވެ. އަދި އެގްރީމަންޓާ ގުޅިގެން ރައީސް މައުމޫން ޖަވާބުދާރީވެ ވަޑައިގެންނެވި ނަމަވެސް އޭގެ ފަހުން އެކަމާ ބެހޭ ގޮތުން އެއްޗެއް ނުބުނެވުނު ކަމަށެވެ. އަދި ކެމްޕެއިންގެ ތެރޭގައި މާ ބުރަކޮށް ޑީއާރުޕީން އުޅެންޖެހި ޑީއާރުޕީގެ މީޑިއާ "ނިގްލެކްޓް" ކުރެވިފައިވާ ކަމަށާއި އޭގެ އެއް ހެއްކަކީ އެ އެގްރީމަންޓަށް އެކަށީގެންވާ ގޮތަށް ޖަވާބުދާރީ ނުވެވުން ކަމަށެވެ.
"ޑީއާރުޕީ އާއި ޕީއޭ އެއްބަސްވެފައި އޮތީ ވަރަށް ވަރުގަދަ އިގުތިސޯދީ އެޖެންޑާއެއް ރާއްޖޭގައި ހިންގަން. ސިޔާސީ މަސައްކަތްތައް މިހާރު ލައްކަ ކުރެވިއްޖެ. ސިޔާސީ މަސައްކަތްތައް ކުރުމަކުން އަޅުގަނޑު ހަމަގައިމު ވެސް ޕީއޭ އުފެއްދި މަގުސަދުގައި އަދި ރައްޔިތުންނަށް ހަމަޖެހުމެއް ނާދޭ،" ޔާމީން ވިދާޅުވި އެވެ.
އިންތިހާބުގެ ކުރިން ކުޑަ ދުވަސްކޮޅެއް ވަންދެން ޓޫރިޒަމް މިނިސްޓަރުކަން ކުރެއްވި ޔާމީން ވިދާޅުވީ ޑީއާރުޕީ އާއި ޕީއޭއާ ދެމެދު ހެދި އެގްރީމަންޓުގެ ވާހަކަ މީޑިއާ މެދުވެރިކޮށް ތަފުސީލުކޮށް ކިޔައިދެވުނު ނަމަވެސް އޭގެ ފައިދާ ކުރީސް ކަމަށެވެ.
"ދެ ފަރާތުގެ ތެރޭގައި ކޯލިޝަނެއް ހެދޭ ކަމަށް ވަނީ ނަމަ ދެ ފަރާތުގެ ތެރޭގައި ވެސް އެއްބަސްވާ އެއްބަސްވުންތަކެއް ހުންނާނެ ދެއްތޯ؟ އެއީ އަނގަ ބަހުން އެއްބަސްވާ އެއްޗެއް ނޫން. އެހާ ހަރުދަނާކަން ކުޑަ ގޮތެއްގައި ސިޔާސީ ޕާޓީއަކުން އެއްބަސްވުމެއް ނަހަދާނެ. ކޮންމެ ކޯލިޝަން އެގްރީމަންޓެއްގައި ދުނިޔޭގެ ހުރިހާ ތަނެއްގައި ވެސް ވަކި ވަރަކަށް ސީޓް ދޭނެ. މަޖިލީހުގެ ގޮނޑިތަކަށް ވެސް ސީޓް ދޭނެ. އެކަމަކު އެއީ ގާނޫނު އަސާސީގައި ކަނޑައަޅާ ގޮތެއްގެ މަތިން ކުރަން. މިސާލަކަށް 25 ޕަސެންޓް ގޮނޑި ޕީއޭއަށް ދޭނަމޭ ބުނެފި ކަމަށް ވަންޏާ އެއީ މައްސަލައެއް ނޫން. އެ ގޮނޑިތައް ދެވޭނީ ހަމަ ރައްޔިތުންގެ މަޖިލީހަށް ގޮސްގެން އެ ކެބިނެޓް ގޮނޑިތަކަށް ރައްޔިތުންގެ މަޖިލީހުގެ އެޕްރޫވް ލިބުނީމަ. އެހެންވީމަ އެއީ ގާނޫނު އަސާސީއާ ހިލާފު ކަމެއް ނޫން. އެކަމަކު މިވަރުގެ ވާހަކައެއް ބުނަން ވެސް ޑީއާރުޕީގައި ތިބި ގާނޫނީ ވަކީލުންނެއް (މީޑީއާ) އަށް އަރާކަށް ބޭނުމެއްނުވޭ،" ޔާމީން ވިދާޅުވި އެވެ.
ޔާމީން ވިދާޅުވީ ޑީއާރުޕީ އާއި ޕީއޭއިން ކޯލިޝަން ހަދައިގެން މަސައްކަތް ކުރިޔަސް ޕީއޭ އަކީ ކުޑަކުޑަ ޕާޓީއަކަށް ވާތީ ޑީއާރުޕީގެ އިސް ނެގުމެއް ނެތި އެގްރީމަންޓް މައްސަލައިގައި މީޑިއާއާ ވާހަކަ ދައްކަން ދަތިވީ ކަމަށެވެ.
ޔާމީން އަދި ވިދާޅުވީ އިންތިހާބުގެ ތެރޭގައި އޮޑިޓަ ޖެނެރަލް ތަފާތު ރިޕޯޓްތައް ނެރެމުންދިޔައިރު ވެސް އެއަށް އެކަށީގެންވާ ގޮތަށް ސަރުކާރުން ޖަވާބުދާރީވެ ވަޑައިނުގެންނެވުނު ކަމަށެވެ. އެގޮތުން ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ އޮޑިޓް ރިޕޯޓް ނެރުމާ ގުޅިގެން މައުމޫނުގެ އިންތިހާބީ ހައްގަށް އަރައިވަޑައިގެންނެވީ ކަމަށް ވިދާޅުވެ ޝަރީއަތަށް ވަޑައިގަންނަވާނެ ކަމަށް މީޑިއާގައި ވިދާޅުވެފައ އެކަމާ މެދު ވެސް ފަހުން ފިޔަވަޅެއް ނޭޅުއްވި ކަމަށެވެ. އަދި އެސްޓީއޯގެ އޮޑިޓް ރިޕޯޓަށް ވެސް ދިފާއުގައި ސަރުކާރަށް ވާހަކަ ނުދެއްކެވުނުކަން ޔާމީން ފާހަގަކުރެއްވި އެވެ.
ޔާމީނުގެ އިންޓަވިއު: ޑީއާރުޕީއަށް އިންތިހާބު ނާކާމިޔާބުވީ ރައްޔިތުންނަށް ވަޒީރުން ޖަވާބުދާރީ ނުވެވުމުން: ޔާމީން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ