ހދ. ނޮޅިވަރަންފަރުގައި ނަރުދަމާގެ ނިޒާމް ގާއިމުކުރުމާއި ކަރަންޓުގެ ހިދުމަތުގެ ފެންވަރު މަތިކުރުމުގެ މަސައްކަތް އަޕަ ނޯތު ޔުޓިލިޓީސްއިން 8.1 މިލިއަން ރުފިޔާ އަށް ޖޮއިންޓްވެންޗާ ކުންފުންޏަކާ މިއަދު ހަވާލުކޮށްފި އެވެ.
އެ ކުންފުނީގެ ހެޑް އޮފީހުގައި މިއަދު މެންދުރުފަހު ބޭއްވި ރަސްމިއްޔާތެއްގައި ދެ މަސައްކަތުގެ އެއްބަސްވުމުގައި އަޕަނޯތު ޔުޓިލިޓީސްގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ވަހީދެވެ. ޕަވާ އިންޖިނިއަރިން އާއި އަލްޓެކް މޯލްޑިވްސްއާ ގުޅިގެން އުފައްދާފައިވާ ކުންފުނީގެ ފަރާތުން ސޮއިކުރެއްވީ ޑިރެކްޓަރު އަހުމަދު ލަތީފެވެ.
އެއްބަސްވުމުގައި ސޮއިކުރެއްވުމަށް ފަހު ނޫސްވެރިންނާ ވާހަކަދައްކަމުން މެނޭޖިން ޑިރެކްޓަރު ވަހީދު ވިދާޅުވީ އެ އެއްބަސްވުމުގެ ދަށުން، ނޮޅިވަރަންފަރަށް ބަދަލުވާ ތިން ރަށުގެ ރައްޔިތުންނަށް ސަރުކާރުން އަޅައިދޭ ގެތަކަށް ނަރުދަމާގެ ހިދުމަތް ފޯރުވައިދޭނެ ކަމަށެވެ. އަދި 4.9 މިލިއަން ރުފިޔާ އަށް ހަވާލުކުރި ނަރުދަމާގެ ނިޒާމްގެ މަސައްކަތް 90 ދުވަހުގެ ތެރޭގައި ނިމޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ވަހީދު ވިދާޅުވީ ނޮޅިވަރަންފަރުގެ ކަރަންޓް ހިދުމަތުގެ ފެންވަރު މަތިކުރުމުގެ މަސައްކަތް ހަވާލުކޮށްފައިވާ ޕަވާ އިންޖިނިއަރިންއިން 85 ދުވަހުގެ ތެރޭގައި މަސައްކަތް ނިންމާނެ ކަމަށެވެ. އަދި އެ މަސައްކަތް އެ ކުންފުންޏާ ހަވާލުކޮށްފައި ވަނީ 3.2 މިލިއަން ރުފިޔާ އަށް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ވަހީދު ވިދާޅުވީ އެ ރަށުގެ ނަރުދަމާގެ ނިޒާމާއި ކަރަންޓް ހިދުމަތުގެ ފެންވަރު މަތިކުރުމުގެ މަސައްކަތްކުރާނެ ބަޔަކު ހޯދުމަށް ކުރި އިއުލާނާ ގުޅިގެން ޕަވާ އިންޖިނިއަރިން އާއި އަލްޓެކްގެ އިތުރުން އެމްޑަބްލިއުއެސްސީއިން ވެސް ބީލަން ހުށަހެޅި ކަމަށެވެ. އަދި އެ މަސައްކަތް ޕަވާ އިންޖިނިއަރިންއާ ހަވާލުކުރީ ހުށަހެޅި ބީލަންތައް ދިރާސާކުރުމަށްފަހު އެންމެ ރަނގަޅު އަގު ހުށަހެޅި އަގުތަކަށް ބެލުމަށްފަހު ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ނޮޅިވަރަންފަރުގައި ނަރުދަމާ ގާއިމްކޮށް ކަރަންޓުގެ ހިދުމަތް ރަނގަޅު ކުރުމަށް ބަޔަކާ ހަވާލުކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ